ނޭޕާލް ކުރިއަށްދަނީ ކާމިޔާބީތަކެއްގެ ފިޔަަވަޅުމަތިން: ކޯޗު
ނޭޕާލް ކުރިއަށްދަނީ ކާމިޔާބީތަކެއްގެ ފިޔަަވަޅުމަތިން: ކޯޗު

މި ފަހަރުގެ ސާފް ސުޒުކީ ކަޕާ ނޭޕާލް ކުރިމަތިލަނީ މިދިޔަ އަހަރުތަކުގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެ ޓީމަށް ލިބިފައިވާ ކާމިޔާބީތަކުގެ ފިޔަވަޅުމަތީގައި ކަމަށާއި މި މުބާރާތާ މެދު ވެސް ކުރެވޭ އުއްމީދު ބޮޑު ކަމަށް ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނެފި އެވެ.

ކުރިން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ބާލް ގޯޕާލްއާ ޓީމުގެ ހެޑްކޯޗުގެ ޒިންމާ ހަވާލުކުރަން ނޭޕާލުން ނިންމީ އޭޝިއަން ގޭމްސް އަށް ފަހު ކޯޗު ޖަޕާނުގެ ޔޮޓޮކޫ ކޯޗީ އަށް ވިސާ މައްސަލައިގައި ނޭޕާލަށް އެރުމުގެ ހުއްދަ އިމިގްރޭޝަނުން ނުދިނުމުންނެވެ. ބާލް ގޯޕާލް އަކީ މި ސަރަހައްދުގެ ފުޓްބޯޅަ އަށް ފަރިތަ މޫނެކެވެ.

ނޭޕާލް ވަނީ 2015 އާއި 2017 ވަނަ އަހަރުގެ ސާފް 19 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި ނޭޕާލްގެ ޒުވާން ޓީމު ވަނީ 2016 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ރަން މެޑަލް ވެސް ހޯދައިފަ އެވެ. އޭގެ އިތުރުން 2016 ވަނަ އަހަރުގެ ބަންގުބަންދު ގޯލްޑް ކަޕާއި އެ އަހަރު ބޭއްވި އޭއެފްސީ ސޮލިޑާރިޓީ ކަޕް ވެސްް ކާމިޔާބުކުރީ ނޭޕާލުންނެވެ.

"އަހަރެމެން ބޭނުންވަނީ ޒުވާން ޓީމުތަކާ އެކު ހޯދި ކާމިޔާބީ ސީނިއާ ޓީމާ އެކު ވެސް ތަކުރާރުކުރަން. ވަރަށް ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ވެސް ހިމެނޭ ޓީމެއް އޮތީ. އަހަރެންގެ އުއްމީދަކީ ރަނގަޅު ނަތީޖާތަކެއް ނެރެން މި ފިޔަވަޅުމަތީގައި ކުރިއަށް ދިއުން،" ކުރިން ބަންގްލަދޭޝްގެ ބްރަދާސް ޔޫނިއަންގެ ކޯޗަކަށް މަސައްކަތްކުރި ބާލް ގޯޕާލް ބުންޏެވެ.

އޭނާ ބުނީ ފަހަކަށް އައިސް ނޭޕާލް ހާސިލްކުރަމުން އަންނަ ކަންތައްތަކަކީ އެންމެން އެއް ވިސްނުމެއްގައި ކުރާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. އަދި ފެޑެރޭޝަނާއި ފުޓްބޯޅައިގެ ހުރިހާ ބައެއް ގުޅިގެން މިހާރު އޮތީ އާ ނޭޕާލެއް ކަށް ވެސް ބުންޏެވެ.

"ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ގޯލްޑް ކަޕް ކާމިޔާބު ކޮށްފައި އޮތުމުން އަހަރެމެންނަށް މި ގައުމުގައި ވެސް ކާމިޔާބު ހޯދޭނެ ކަމުގެ އިތުބާރު އެބައޮތް. މީގެ ކުރިން ސާފްގައި އަހަރެމެންނަށް ގިނަ ކަންތައްތަކެއް ހާސިލްކުރެވިއްޖެ. ހަމައެކަނި ތަށި ނުލިބެނީ. އުއްމީދަކީ މި ފަހަރު އެކަން ވެސް ހާސިލްކުރެވޭނެ ކަމަށް،" ބާލް ގޯޕާލް ބުންޏެވެ.

މިއަދު ސާފްގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެން ޖެހޭއިރު ދާދި ފަހުން ނިމުނު އޭޝިއަން ގޭމްސްގައި ނޭޕާލް ވަނީ 2-1 އިން ޕާކިސްތާން އަތުން ބަލިވެފަ އެވެ. ބާލް ގޯޕާލް ބުނީ މި ފަހަރު ކުރިމަތިމިލަނީ ތަފާތު މެޗަކަށް ކަމަށެވެ.

"އެއީ ޒުވާން ޓީމުގެ މެޗެއް. އެ މެޗަށް ބަލައިގެން އަހަރެމެން ވަކި ކަންތައްތަކެއް ހާސިލްކުރުމުގެ ވިސްނުމެއް ނުގެންގުޅޭނަން. ބޭނުންވަނީ މި ފަހަރުގެ މުބާރާތް މޮޅަކުން ފަށަން،" އޭނާ ބުންޏެވެ.

ނޭޕާލާއި ޕާކިސްތާންގެ އިތުރުން އެ ގްރޫޕުގައި ދެން އޮތީ މުބާރާތް ކުރިއަށްދާ ބަންގްލަދޭޝް އާއި ބޫޓާން އެވެ. ބާލް ގޯޕާލް ބުނީ އޭނާގެ ޓާގެޓަކީ ފުރަތަމަ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުން ކަމަށެވެ.

"ހަގީގަތަށް ވާހަކަ ދައްކަންޏާ ފުރަތަމަ ޓާގެޓަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުން. ދެން ވިސްނަންވީ ތަށި ހޯދަން،" އޭނާ ބުންޏެވެ.

ނޭޕާލާއި ޕާކިސްތާން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު 3 ޖަހާއިރު އެވެ.