03 ސެޕްޓެމްބަރ 2018 - 18:36

ސާފް ސުޒުކީ ކަޕުގެ ސްކޮޑުން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ނުލިބުނީ، މާޗު މަހު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލައިގައި އޭނާ މައާފަށް އެދުން ލަސްވުމުން ކަމަށް ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ބުނެފި އެވެ.
އެކަމަކު ސްކޮޑް އިއުލާންކުރި ދުވަހު ކޯޗު ބުނީ ދަގަނޑޭ އަށް ފުރުސަތު ނުދިން އެއް ސަބަބަކީ އުމުރު ކަމަށެވެ. އެހެންވެ އޭރު ބެލެވިފައި އޮތީ ބޫޓާން މެޗުގެ ކުރިން ހިނގައިދިޔަ މައްސަލަ ނިމިފައިވާ ކަމަށެވެ. އަދި އުމުރުގެ ގޮތުން ފުރުސަތު ނުދިން ކަމަށް ބުނި އިރު، ޓީމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް ބުނީ ދިވެހި ފުޓްބޯޅައިގެ އާ ޖީލުގެ ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގައި ދަގަނޑޭ ލީޑަރަކަށް ހަދަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ސާފްގައި އޭނާގެ އެހީތެރިކަން މުހިއްމު ކަމަށެވެ.
އޭގެ ފަހުން ޕީއެސްއެމްގެ "ދިވެހި ފުޓްބޯޅަ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދަގަނޑޭގެ ނަން ޓީމު ލިސްޓުގައި ޖަހަން މަސައްކަތްކުރި ކަމަށެވެ. އެކަމަކު އެކަން ނުވީ މުބާރާތަށް ފުރަތަމަ ރަޖިސްޓްރީ ކުރި ކުޅުންތެރިންގެ ތެރޭގައި ދަަގަނޑޭގެ ނަން ނުހިމަނައި އޮތުމުން ކަމަށާއި، ފަހުން އެކަމަށް މަސައްކަތްކުރި ނަމަވެސް ސަރަހައްދުގެ އެހެން ޓީމުތަކުގެ ވެސް ޕްރެޝަރާ ހެދި ނުކުރެވުނީ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މާދަމާ ފަށާ ސާފް ސުޒުކީ ކަޕުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ ޓީމު ލިސްޓް ހުށަހެޅި ފަހުން އޭނާ އާއި ބައްސާމްއާ ދެމީހުން ކުރިމަތީގައި އަޝްފާގު ގޯހެއް ހެދުނު ކަމަށް އެއްބަސްވި ކަމަށެވެ.
"އޭނަ މައާފަށް ވެސް އެދުނު. އެކަމަކު ލަސްވީ. އެންމެންނަށްވެސް ގޯސް ހެދޭނެ. އެކަމަކު ހަތަރު މަސް ފަހުން އަޝްފާގު މައާފަށް އެދުނީމަ ލަސްވީ. ދެ ހަފްތާ ފަހުން މައާފަށް އެދުނު ނަމަވެސް ގޮތްތަކެއް ހޯދުނީސް. އަހަންނާ އަޝްފާގާ ދޭތެރޭ އެވާހަކަ ވަރަށް ސާފްކޮށް ދެކެވިފައި އޮންނާނީ،" ސެގާޓް ޖަވާބު ދިނެވެ.
މި ފަހަރުގެ ޓީމުން ފުރުސަތު ނުލިބުމުން، ދަގަނޑޭ ބުނީ އޭނާ ހުރީ ކުޅެން ތައްޔާރަށް ކަމަށާއި ޓީމުން ޖާގަ ނުލިބުނަސް ކޯޗުގެ ނިންމުމަށް އިހުތިރާމްކުރާނެ ކަމަށެވެ.
ސާފަށް އެންމެ ފުރަތަމަ 30 ކުޅުންތެރިން ނެގީ 66 ކުޅުންތެރިންގެ ޕޫލެއްގެ ތެރެއިން ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ. އޭގެ ފަހުން ގަތަރު ކޭމްޕަށް ދިޔައީ 27 ކުޅުންތެރިންނާ އެކު އެވެ. ކޭމްޕަށް ފަހު ބަންގްލަދޭޝަށް 22 ކުޅުންތެރިން ގެނައި ނަމަވެސް މުބާރާތް ފެށުމުގެ ކުރިން 20 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް ހުށަހަޅާނެ އެވެ.
ސެގާޓް މިއަދު ބުނީ ދަގަނޑޭ ޓީމަށް ކޮށްދިން ކަންތައްތައް ފާހަގަކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް މިއީ ކުރިއަށް ވިސްނަންވީ ވަގުތު ކަމަށެވެ.
"އަޝްފާގަކީ އަހަރެން ތާއީދުކުރާ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ ވަނީ ދިވެހި ފުޓުބޯޅައަށް ވަރަށް ބޮޑެތި ކަންތައްތަކެއް ކޮށްދީފައި. އެކަމަކު ހަނދާން ކުރަން ޖެހޭ އޭނަ އަށް މިހާރު 33 އަހަރު. ބޮޑެތި މުބާރާތްތަކަށް ފަހުންނާއި ކުރިން ވެސް ކުޅުންތެރިން ކުޅުން ހުއްޓާލައި، މިދިޔަ ފަސް ވަރަކަށް މަސް ދުވަސް ތެރޭގައި އަޝްފާގުގެ ވަރަށް ގިނަ ވާހަކަތައް ދެކެވިއްޖެ. އަޝްފާގު ޓީމުގައި ނެތުމަކީ އަހަރެންގެ ނިންމުމެއް. ފުޓްބޯޅައިގައި ދެން ވިސްނަންވީ ކުރިއަށް. ފަހަތަށް ބަލައިގެން އުޅެންޏާ ކުރިއަށްދާން އުނދަގޫވާނެ،" ސެގަޓް ބުންޏެވެ.
އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ބެހޭގޮތުން ދަގަނޑޭ އާއި އެފްއޭއެމް ވާހަކަ ދައްކަން ޖެހޭނެ ކަމަށާއި އޭނާ އާއި ދަގަނޑޭއާ ދެމެދު ދެކެވުނު ހުރިހާ ވާހަކަތަކަކީ މީޑިއާގައި ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫން ކަމަށް ވެސް ސެގާޓް ބުންޏެވެ.