04 ސެޕްޓެމްބަރ 2018 - 12:07

އަންކަރާ (ސެޕްޓެމްބަރު 4) - ރަޝިޔާ އާއި އެހެން ގައުމުތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ އިރު އެމެރިކާ ޑޮލަރު ބޭނުން ނުކުރާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީ އާއި ރަޝިޔާ އަށް މިހާރު ދަނީ އެމެރިކާ އިން އެޅި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ކުރަމުންނެވެ.
"އެމެރިކާ މީހުން ދައްކާ ވާހަކަ ނުވާނެ ގަބޫލް ކުރާކަށް. އެ މީހުން އުޅެނީ ވަގު ހިޔަޅެއް ގޮތަށް،" ކިރިގިސްތާނުގައި ބޭއްވި ވިޔަފާރި ފޯރަމެއްގައި އުރުދުޣާން ވިދާޅުވި އެވެ.
ޑޮލަރުން ނޫން ގޮތަކަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގަން ރަޝިޔާއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް އުުރުދުޣާން ވިދާޅުވި އެވެ.
"ޑޮލަރުން ވިޔަފާރި ކުރީމާ ގެއްލުން ވަނީ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ދުލެއް ނުކުރާނަން. ކާމިޔާބު ހޯދާނަން،" އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީގެ މުދަލަށް އެމެރިކާ އިން ބޮޑު ޑިއުޓީއެއް ނަގަން ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ނިންމެވުމުން ތުރުކީގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ވަނީ ކުރަން ފަށައިފަ އެވެ. ތުރުކީ ލީރާގެ އަގު މިދިޔަ މަހު ވަނީ ހަތަރު ބައިކުޅަ އެއްބައި ދަށްވެފަ އެވެ.