04 ސެޕްޓެމްބަރ 2018 - 11:29

ސެޕްޓެމްބަރު 4) - މެލޭޝިއާގެ ފިނޭންސް މިނިސްޓަރު ލިމް ގުއާން އެންގުގެ މައްޗަށް ކުރީގެ ސަރުކާރުން ހުށަހެޅި ކޮރަޕްޝަނުގެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި އެވެ.
މެއި މަހު ބޭއްވި އިންތިޚާބުގައި ނަޖީބު ރައްޒާގުގެ ސަރުކާރާ ދެކޮޅަށް އެކުލަވާލި ކޯލިޝަނުގައި އިސް ދައުރެއް އަދާކުރި ލިމްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކޮށްފައި ވަނީ މާޗު މަހު އެވެ. އޭރު އޭނާ އަކީ އުތުރުގެ ޕެނާންގް ސްޓޭޓުގެ ޗީފް މިނިސްޓަރެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މާކެޓް ރޭޓަށް ވުރެ ހެޔޮ އަގުގައި ގެއެއް ގަނެފައިވާ މައްސަލައެކެވެ. ދެ ވަނަ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ބަންޑާރަ ބިންތަކެއް ދޫކުރުމެވެ.
އެކަމަކު މެލޭޝިއާގެ ހައި ކޯޓުން އިއްޔެ ނިންމާފައި ވަނީ ލިމްގެ މައްޗަށް ތުހުމަތު ކުރި މައްސަލަތައް ސާބިތު ނުވާ ކަމަށެވެ. އޭނާ ކުށްވެރިވި ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އައީހެވެ.
އެކަމަކު މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ބުނެފައި ވަނީ ކޯޓުގެ ހުކުމަކީ ލިބުނު "ޝޮކެއް" ކަމަށެވެ.