އެފްރިކާ އަށް ދޭ އެހީގައި ސިޔާސީ ފައިދާ ހޯދުމެއް ނެތް: ޗައިނާ
އެފްރިކާ އަށް ދޭ އެހީގައި ސިޔާސީ ފައިދާ ހޯދުމެއް ނެތް: ޗައިނާ

ބެއިޖިން (ސެޕްޓެމްބަރު 3) - ޗައިނާ އިން އެފްރިކާ އަށް ދޭ އެހީގެ ފަހަތުގައި ސިޔާސީ ފައިދާއެއް ހޯދުމެއް ނެތް ކަމަށް ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޗައިނާ އިން އެހީވާ ގައުމުތަކުގެ ދަރަނި ބޮޑުވާ މައްސަލާގައި ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު ރައީސް ޝީ ވިދާޅުވީ އެފްރިކާ ކޮންޓިނެންޓުގެ އިންފްރާސްޓްރަކްޗާ ތަރައްގީ އަށް ޗައިނާ އިން ކުރިއަށް އޮތް ތިން އަހަރު ތެރޭ 60 ބިލިއަން ޑޮލަރުގެ އެހީވާނެ ކަމަށެވެ.

"ޗައިނާ އިން އެފްރިކާ އަށް ދޭ އިންވެސްޓްމަންޓުގައި ސިޔާސީ މަންފާއެއް ހޯދުމެއް ނެތް،" ޗައިނާ-އެފްރިކާ ސަމިޓުގައި ޝީ ވިދާޅުވި އެވެ.

ޝީ ވިދާޅުވީ ޗައިނާ އިން އިންވެސްޓް ކުރާ އިރު ވިޔަފާރީގެ ގޮތުން ކާމިޔާބު ހޯދޭނެ ޕްރޮޖެކްޓަކަށް އިސްކަން ދޭނެ ކަމަށާއި މި ގޮތުން އިންވެސްޓްމަންޓް ރިސްކް ކުޑަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ޝީ އަދި ވިދާޅުވީ ބެލްޓް އެންޑް ރޯޑް މަޝްރޫއަކީ އެހެން ބަޔަކާ ދެކޮޅަށް ވަކި ކްލަބެއް ނުވަތަ ބްލޮކެއް އުފެއްދުމުގެ ސްކީމެއް ނޫން ކަމަށެވެ.

ޖޮހަނަސްބާގުގައި 2015 ވަނަ އަހަރު ބޭއްވި ޗައިނާ-އެފްރިކާ ސަމިޓުގައި ވެސް ޝީ ވަނީ އެފްރިކާ އަށް 60 ބިލިއަން ޑޮލަރުގެ އެހީ ތިން އަހަރު ތެރޭ ދޭނެ ކަމަށް ވިދާޅުވެފަ އެވެ.