03 ސެޕްޓެމްބަރ 2018 - 14:57

ކުއާލަ ލަމްޕުރު (ސެޕްޓެމްބަރު 3) - ގައުމުގެ ބޮޑު ވަޒީރުކަމުގެ މަގާމު މި ވަގުތު ދިން ނަމަވެސް ގައުމަށް ދިމާވެފައި ވަނީ އޭނާ އަށް ވެސް ހައްލު ކުރަން އުނދަގޫ މައްސަލަތަކެއް ކަމަށް އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ޖަސްޓިސް ޕާޓީ ނުވަތަ ޕީކޭއާރުގެ ލީޑަރު ވިދާޅުވީ ގައުމުގެ އެންމެ މަތީ މަގާމު އަދާކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި މެލޭޝިއާގެ އިގްތިސާދު މިހާ ދަށް ހާލަތަކަށް ވެއްޓިދާނެ ކަމަށް އެކަކު ވެސް އުއްމީދު ނުކުރާ ކަމަށް ވިދާޅުވި އެވެ.
"އާ ސަރުކާރަށް ދަނީ ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުން. އަޅުގަނޑު ބޮޑު ވަޒީރުކަމުގައި ހުރި ނަމަވެސް ފަސޭހައެއް ނުވާނެ. ގައުމުގެ އިގްތިސާދު މިހާ ދަށުގައި އޮވެދާނެ ކަމަށް އެކަކު ވެސް އުއްމީދެއް ނުކުރާނެ. ގައުމުގެ އިގްތިސާދު ބަނގުރޫޓްވެގެން ދިޔައީ 1އެމްޑީބީގައި ހިންގި ފަދަ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާ ހެދި،" ޕީކޭއާރުގެ އަހަރީ އާއްމު ޖަލްސާގައި އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ އާ ސަރުކާރަށް ފާޑުކިޔާ އަމްނޯގެ ލީޑަރުންނާ މެދު ހައިރާންވާ ކަމަށެވެ. ސަބަބަކީ ގައުމުގައި އިގްތިސާދީ މައްސަލަތައް އުފެއްދީ އެ މީހުން ކަމަށްވާތީ އެވެ.