04 ސެޕްޓެމްބަރ 2018 - 07:34

"ގޫގުލް ހޯމް ސްމާޓް ޑިވައިސް"ތައް ގާތް އެކުވެރި އާލާތްތަކަކަށް ހެދުމަށް އެ ކުންފުނިން އަމާޒުހިފައިފި އެވެ. ސާބިތު ހެކި މި އޮތީ އެވެ. "ގޫގުލް ސްމާޓް އެސިސްޓޭންޓް" ސްމާޓް ސްޕީކަރުތައް ދެ ބަސް ދަސްކޮށް ވާހަކަދައްކަން ފަށައިފި އެވެ.
ގޫގުލް އެސިސްޓެންޓް ވާހަކަދައްކަން އެދޭ ބަހުރުވަ އިޚުތިޔާރުކުރުމަކީ، ގޫގުލް އެސިސްޓެންޓް ލައްވައި ކަމެއް ކުރުވަން އެދޭ މީހަކަށް ލިބިފައި އޮތް ބާރެކެވެ. އިނގިރޭސި، ޖަޕާން އަދި ސްޕޭން ބަހުން ވާހަކަދައްކުވަން އެދޭ ނަމަ، ކޮންމެވެސް ދެ ބަހެއް އިޚުތިޔާރުކުރަންވީ އެވެ. އެ ގޮތުގައި ދައުވަތު ދީގެން ގެ އަށް ގެންނަ މީހަކާ ވާހަކަދެއްކުމުގައި ގޫގުލް އެސިސްޓެންޓް ފަރިތަކަމާ އެކު ސަމާސާކޮށް ހަދަ އެވެ.
ގޫގުލް އެސިސްޓެންޓަށް ދަސްވެފައިި ހުރި ބަސްތައް އިނގިލިތަކުން ގުނާލެވޭހައި މަދެވެ. ނަމަވެސް، މި ލިސްޓް ދިގުކުރުމަށް ގޫގުލްގެ އިންޖިނޭރުން ދަނީ މަަސައްކަތްކުރަމުންނެވެ. ގޫގުލް އެސިސްޓެންޓަށް ދަސްވެފައި ހުރި ބަސްތަކުގެ ތެރޭގައި ޖާމަން، ފްރެންޗް، އިޓާލިއަން، ސްޕޭނިޝް، ޖަޕަނީޒް އަދި އިނގިރޭސި ހިމެނެ އެވެ. މި ލިސްޓުން ކޮންމެ ދެ ބަހެއް އިޚުތިޔާރުކުރި ނަމަވެސް ވާހަކަދައްކައި، އޮޅުންފިލުވައިދިނުމުގައި ގޫގުލް އެސިސްޓެންޓް އެއްވެސް މައްސަލައެއް ނުޖައްސަ އެވެ.
ސްމާޓް ޑިޖިޓަލް އެސިސްޓެންޓްތައް ސްމާޓްހޯމްތަކަށް ވަދެ، މީގެ ކުރިން ތަނެއް ދޮރެއް ވަކިނުވާ ހާލުަގައި ތިބި އައިސްއަލަމާރި، އަވަން އަދި ދޮންނަ މެޝިން ފަދަ މައުސޫމް މެޝިންތަކަށް ވަނީ ބަސްބުނަން ދަސްކޮށްދީފަ އެވެ. ގޭތެރޭގައި ވަކި ފިނިހޫނުމިނެއް ދަމަހައްޓައި، ބޮކިތައް ނިވައި އަދި ތަވާ މަތީގައި އޮންނަ ރޮށި ފިހެވިއްޖެތޯ ވެސް އެ ސޮރުމެން ބަލައިދެ އެވެ.