04 ސެޕްޓެމްބަރ 2018 - 07:30

"ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ ކާމިޔާބު ފިލްމްތައް އުފެއްދި ޑައިރެކްޓަރު އިމްތިއާޒް އަލީ އެންމެ ފަހުން ޑައިރެކްޓް ކުރި ޖަބް ހެރީ މެޓް ސޭޖަލް (2017) އަކީ ބެލުންތެރިންނަށް ކަމުދިޔަ ފިލްމެއް ނޫނެވެ.
ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުޅުނަސް، ފިލްމް ބަލާނެ ބަޔަކު ނުވެގެން، އިމްތިއާޒަށް ލިބުނު މާޔޫސްކަން ބޮޑެވެ. އެކަމަކު އޭނާ މިހާރު ވަނީ އަނެއްކާ ވެސް އާ ފިލްމެއް އިއުލާންކޮށްފަ އެވެ. މި ފަހަރު ވެސް ހަމަ ލޯބީގެ ފިލްމެކެވެ.
އޭނާ މި ފަހަރު ގެނެސްދޭން ނިންމާފައި ވަނީ އިންޑިއާގެ ހިންދޫންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ރާދާ/ކްރިޝްނާގެ ލޯބީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ނަމަވެސް ރިލަޔަންސް އެންޓަޓައިންމަންޓާ ގުޅިގެން ގެނެސްދޭ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އެހެންވެ މީގެ ކާސްޓުންނާއި މަސައްކަތް ފަށާނެ އިރަކާއި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދި ނޭނގެ އެވެ. ރާދާ/ކްރިޝްނާގެ އަސަރުގަދަ ލޯބީގެ ވާހަކަ ސްކްރީނަށް ގެންނާނީ އިމްތިއާޒްގެ އަމިއްލަ ސްކްރީންޕްލޭއަކަށެވެ. އަދި މިއީ ބޮޑު ރިސާޗެއް ހަދަންޖެހޭ ފިލްމެއް ކަމަށް ބުންޏެވެ.
އިމްތިއާޒް ލިޔެ އަދި އެކްތާ ކަޕޫރާ ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ "ލައިލާ މަޖުނޫ" މި މަހުގެ 7 ގައި ސިނަމާތަކަށް އަންނާނެ އެވެ.
"ބަދްލާޕޫރް" އާއި "އޭކް ހަސީނާ ތީ" ފަދަ ޑާކް ތުރިލާތައް ގެނެސްދިން ސްރީރާމް ރަގްވަންގެ އާ ފިލްމް "އަންދާދުން" ގެ ޓްރެއިލާ ދައްކާލައިފި އެވެ. މި ޓްރެއިލާ އިން ވެސް އޭނާގެ ރަހަގަނޑު ވަރަށް ހެޔޮވަރުކޮށް ގެނެސް ދީފައިވެ އެވެ.
ސިއްރު މަރެއްގެ ވާހަކަ ކިޔައިދޭ "އަންދާދުން" ގެ ކާސްޓުންނަކީ ތައްބޫ، އަޔޫޝްމަން ކްރާނާ އަދި ރާދިޕާ އަޕްޓޭ އެވެ. މި ފިލްމްގައި އަޔޫޝްމަން ފެނިގެން ދާނީ "ލޯ އަނދިރި" ޕިއާނިސްޓެއްގެ ރޯލުންނެވެ.
އަހަރުގެ އެންމެ އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ "އަންދާދުން" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 5 ގަ އެވެ.
ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފް ބޮލީވުޑަށް ތައާރަފުވާ ފިލްމް "ޓައިމް ޓް ޑާންސް" ގެ ޝޫޓިން ދާދި ފަހުން ނިންމައިލި، ސޫރަޖް ޕަންޗޯލީ އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ. މި ފަހަރު އޭނާ ކުޅޭ ފިލްމަކީ "ސެޓެލައިޓް ޝަންކަރް" އެވެ.
މި ފިލްމަކީ ބުޝަން ކުމާރްގެ ޓީ ސީރީޒުން ހަދާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އިރްފާން ކަމަލް އެވެ. "ސެޓެލައިޓް ޝަންކަރް" އިންޑިއާގެ 10 ސްޓޭޓެއްގައި ޝޫޓް ކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ބޮލީވުޑަށް ތައާރަފުވީ 2015 ގެ "ހީރޯ" އިންނެވެ. އެއީ ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީގެ ވެސް ފުރަތަމަ ފިލްމެވެ.
ސްޓާ ޕްލަސް އިން ދައްކަން ފަށަން ތައްޔާރުވަމުން އަންނަ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" އާ ސީޒަންގެ ދެވަނަ ޕްރޮމޯ، މަޝްހޫރު އެކްޓަރު ޝާހްރުކް ހާން ހިމަނައިގެން ދައްކާލައިފި އެވެ. ތަފާތު ކާސްޓަކާ އެކު މި ސިލްސިލާ މި ފަހަރު ބެލުންތެރިންނަށް ދޫކޮށްލާ އިރު، ސިލްސިލާގެ ފުރަތަމަ ތިން އެޕިސޯޑް ވަރު ޝާހްރުކް ނެރޭޓްކޮށް ދޭނެ އެވެ.
ދެވަނަ ޕްރޮމޯގައި ވަނީ "ކަސޯޓީ" ގައި އަނޫރާގްގެ ކެރެޓާ ކުޅޭ އެކްޓަރު ވެސް ޔަގީންކޮށް ދީ، ދައްކާލައިފަ އެވެ. އެއީ ކުރިން ވެސް އަޑުތައް އަރާފައި އޮތް ގޮތަށް ޕާތު ސަމްތާން އެވެ. ޕްރޭނާގެ ރޯލް މި ފަހަރު ކުޅެނީ އެރިކާ ފެނަންޑޭޒެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ކަސޯޓީ" ގެ އާ ސީޒަނުގައި ކޮމަލިކާގެ ރޯލުން ފެނިގެން ދާނީ ސިލްސިލާ "ޔެ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ވިދައިލި ހީނާ ހާނެވެ. އަދި އޭނާ "ކަސޯޓީ" ގެ ވިލަންގެ ރޯލް ކުޅެދެނީ އެޕިސޯޑެއް 2.5 ލައްކަ ރުޕީސް އަށް ކަމަށްވެ އެވެ.
މި ސިލްސިލާ ދައްކަން ފަށާނީ މި މަހުގެ 25 އިން ފެށިގެންނެވެ.