04 ސެޕްޓެމްބަރ 2018 - 07:32

އިންޑިއާގައި އާންމުކޮށް ހަދާ ބިރުވެރި ފިލްމްތައް ބަލާފައި އޯޑިއަންސް ބިރު ގަތުމުގެ ބަދަލުގައި އެފަދަ ފިލްމްތައް ކޫސަނިކަމުން އާންމުން ޖަހާ ޖޯކްތައް ގިނަ އެވެ.
މިދިޔަ އަހަރު ހުކުރު ދުވަހު ރިލީޒް ކުރި ހޮރޯ/ކޮމެޑީ "ސްޓްރީ" އަކީ ބެލުންތެރިން ބިރު ގަންނުވާލައި ހެއްވައިލަން އަމާޒުކޮށްގެން ހެދި ފިލްމެކެވެ. އެކަން މި ފަހަރު ވަރަށް ކާމިޔާބު ވެސް މެ އެވެ. ފިލްމަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު، "ސްޓްރީ" އަކީ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވެދާނެ ކަމަށް މިހާރު ވެސް ވަނީ ބެލެވެން ފަށައިފަ އެވެ. އެއާ އެކު ފިލްމުގެ ސީކުއެލްއެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.
މި ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު ރާޖްކުމާރް ރާއޯ އާއި ޝްރަދާ ކަޕޫރެވެ. ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ "ސްޓްރީ" ޑައިރެކްޓްކޮށްފައި ވަނީ އަމަރް ކޯޝިކް އެވެ.
މީގެ ވާހަކަ ބިނާކޮށްފައި ވަނީ ހަންޑިއާ ބެހޭ ގޮތުން އިންޑިއާގެ ރަށްފުށުގައި ދެކެވޭ ވާހަކަތަކާއި ހިނގާފައިވާ ހަގީގީ ބައެއް ހާދިސާތަކަށެވެ. ފިލްމްގެ އެންމެ ހާއްސަ ކަމަކީ "ސްޓްރީ" ބަލަމުންދާ އިރު، ގައިން ހީބިހި ނަގާ ވަރަށް ބިރު ގަންނުވައިލުމުގެ އިތުރަށް ބެލުންތެރިން ހެއްވާލާތީ އެވެ.
މި ފިލްމަށް ތައުރީފު ކުރި ތަރަން އަދާޝް އާއި ކޯމަން ނަހަޓާ ފަދަ ކްރިޓިކުން ބުނި ގޮތުގައި "ސްޓްރީ" އަކީ ބިރުވެރި ފިލްމެއް ބަލައިލަން ބޭނުން ނަމަ، އޯޑިއަންސް އެންމެ ގަޔާވާނެ ގޮތަށް ހަދާފައިވާ ފިލްމެކެވެ. އަދި ފިލްމްގެ ވާހަކަ ތާޒާވެފައި ސްކްރީންޕްލޭ ޝައުގުވެރިވެފައި، ފިލްމް ގެނެސް ދީފައިވާލެއް ވެސް ވަރަށް ފުރިހަމަ ކަމަށް ބުނެފައިވެ އެވެ.
"ސްޓްރީ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "އަ ޖެންޓްލްމަން" ފަދަ ފިލްމްތައް ގެނެސް ދިން ރާޖް އެންޑް ޑީކޭ އެވެ.
ތަރަން ބުނި ގޮތުގައި އާ ޑައިރެކްޓަރަކާ ބަލައިފައި އަމަރް ކޮށްފައި ހުރި މަސައްކަތް ވަރަށް ފުރިހަމަވެފައި މޮޅެވެ. އަދި "ސްޓްރީ" އަކީ ކޮންމެހެން ވެސް ބަލައިލަން ޖެހޭ ފިލްމެއް ކަމަށް ބުންޏެވެ.
ކޯމަލް އާއި ތަރަން ބުނި ގޮތުގައި މި ފިލްމްގެ އެކްޓަރުން ދައްކުވައި ދީފައިވާ އެކްޓިން އަށް ވެސް ކިޔާނެ ފާޑެއް ނެތެވެ. ވަކިން ހާއްސަކޮށް ރާޖް ވަރަށް މޮޅު ކަމަށް ދެ މީހުން ވެސް އެއްބަސްވެފައިވެ އެވެ.
ކުޑަ ބަޖެޓަކުން ހަދާފައިވާ "ސްޓްރީ" އަށް މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 40.68 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ. ގިނަ ކްރިޓިކުން މިހާރު ވެސް ވަނީ ފިލްމަށް ސުޕަހިޓެއްގެ ދަރަޖަ ދީފަ އެވެ.
"ސްޓްރީ" އާ އެއް ދުވަހެއްގައި ރިލީޒް ކުރި ދަރްމެންދުރާ އާއި އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްގެ "ޔަމްލާ ޕަގްލާ ދީވާނާ: ޕިރްސޭ" ބަލާނެ ބަޔަކު ނުވާތީ، މިއީ ފްލޮޕް ބޯޑް އަޅުވަން ޖެހޭނެ ފިލްމެއްކަން މިހާރު ވެސް ވަނީ ކަށަވަރުވެފަ އެވެ.
ފިލްމަށް މިހާތަނަށް ލިބުނީ އެންމެ 4.68 ކްރޯޑް ރުޕީސް އެވެ. "ޔަމްލާ ޕަގްލާ ދީވާނާ: ޕިރްސޭ" އަކީ 30 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.