އެންޑްރޮއިޑް ފޯނުގައި ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ބިރެއް
އެންޑްރޮއިޑް ފޯނުގައި ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ބިރެއް

ވަޓްސްއެޕް ބޭނުންކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮންނަނީ އެ އެޕްލިކޭޝަން މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ފުރިހަމަ ހިމާޔަތް ލިބުމެވެ. މުއާސަލާތުގެ ތެރޭގައި ނުހިމެނޭ މީހަކަށް އެ މުއާސަލާތު ސިއްރުވުމެވެ. އެކަމަކު ވަޓްސްއެޕްގައި އަލަށް ދޭން އުޅޭ ފީޗާއަކާ އެކު މި ރައްކާތެރިކަން ގެއްލުމުގެ ބިރު އެބަ އޮތެވެ.

ނޮވެމްބަރު 12 އިން ފެށިގެން، އެންޑްރޮއިޑް ފޯނުތަކުގައި ވަޓްސްއެޕްގެ މެސެޖުތައް ގޫގުލް ޑްރައިވަށް ބޭނުން ވަރަކަށް ބެކަޕް ހެދޭނެ އެވެ. ގޫގުލް ޑްރައިވްގެ ހިލޭ ސްޓޮރޭޖް ކޯޓާ އަށް ވަޓްސްއެޕްގެ ބެކަޕެއް ނުގުނާނެ އެވެ.

އެކަމަކު ވަޓްސްއެޕުން ދޭ އިންޒާރެއް އެބަ އޮތެވެ. އެއީ އެ އެޕްލިކޭޝަނުން ކުރާ މުއާމަލާތް، ވަޓްސްއެޕްގެ ބޭރުން އެހެން އެއްޗަކަށް ބެކަޕް ކޮށްފި ނަމަ އެންކްރިޕްޝަން ގެއްލޭނެ ކަމުގެ ބިރުވެރި އިންޒާރެވެ. ފޯނުގައި ވަޓްސްއެޕް ބޭނުންކުރާއިރު ގޫގުލް ޑްރައިވަށް ކޮންވަސޭޝަންތައް ބެކަޕް ކޮށްލުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާނެ އެވެ. އެކަމަކު ބިރުވެރި ކަމަކީ ފޯނުން ވަޓްސްއެޕް ފޮހެލިޔަސް ގޫގުލް ޑްރައިވްގައި ހުރިހާ މުއާސަލާތެއް ހުންނާނެތީ އާއި ހެކް ކުރުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ. ވަޓްސްއެޕްގައި ހުރިހާ މުއާސަލާތެއް އެންކްރިޕްޓް ވެފައި ހުއްޓަސް ގޫގުލް ޑްރައިވްގައި އެ ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އެހެންވެ، ގޫގުލް ޑްރައިވަށް ބެކަޕް ކޮށްފައި ހުރި މުއާމަލާތްތައް ހާމަޔަށް ފެންނާނެ އެވެ.

އެހެންވެ، ވަޓްސްއެޕްގެ މުއާމަލާތްތައް އެކްސްޓާނަލް ސްޓޮރޭޖަކަށް ނުލާށެވެ. އަދި އެންޑްރޮއިޑް ފޯނުން މިކަން މާ ފަސޭހައިން ވާނެތީ ބޮޑަށް ސަމާލުވާށެވެ.