އަވިން އަނދާ މިންވަރު އަންގައިދޭ ޓެޓޫއެއް
އަވިން އަނދާ މިންވަރު އަންގައިދޭ ޓެޓޫއެއް

އާންމު ދިރިއުޅުމުގައި ހަށިގަނޑާމެދު ސަމާލުވެވޭހެއްޔެވެ؟ ހާއްސަކޮށް، ގަދަ އަތްވަށް ނިކުމެ އުޅޭއިރު ގައިގެ ހަމަށް ވާނެ ގެއްލުމަކާމެދު ވިސްނާލެވޭހެއްޔެވެ؟ އަތުގައި އޮންނަ ސްމާޓްފޯނުގެ އެހީގައި މިއީ ބަލާކަށް އުނދަގޫކަމެއް ނޫނެވެ. އެކަމަކު ކޮންމެ ފަހަރަކު އަލްޓްރާވައިލެޓް ދޯދިތަކުގެ އަސަރު ހަމަށް ކުރާ މިންވަރު ފޯނުން ބަލަން ބޭނުން ނެތިއްޔާ މިއޮތީ ހައްލެކެވެ. މިއީ ލޮޖިކްއިންކް ކުންފުނީގެ އުފެއްދުމެކެވެ.

އަވިން އަނދާ މިންވަރު އަންގައިދޭ ޓެޓޫއެއް
އަވިން އަނދާ މިންވަރު އަންގައިދޭ ޓެޓޫއެއް

ވަގުތީ ޓެޓޫއެއް ގޮތަށް ބޭނުންކުރާ ލޮޖިކްއިންކް ޓެޓޫއަކީ ގައިގެ ހަމުގައި ތަތްކޮށްލެވޭ ކުޑަ ސްޓިކާއެކެވެ. މިއިން ފެންނާނީ ދެ ވަށްބުރެވެ. ބޭރު ބުރަކާއި އެތެރެ ބުރެކެވެ. ގައިގައި ތަތްކުރާއިރު ބޭރު ބުރު ހުންނާނީ ދަނބުކުލައިގައެވެ. އެތެރެއިން ފެންނަ ކުޑަ ބުރުގެ ކުލައަކީ ހުދެވެ. އަތްވަށް ނުކުމެ އުޅެން ފެށުމުން މި ދެ ކުލައިގެ ބުރުގެ ވެސް ކުލަ ބަދަލުވާނެއެވެ. އެތެރެ ބުރަށް އަރާނީ ގަދަ ދަނބުކުލައެވެ. ބޭރު ބުރުގެ ކުލަ ދަނބުކުލައިން ބަދަލުވާނީ ފިޔާތޮށި ކުލައަށެވެ. ފިޔާތޮށިކުލައަށް ބޭރު ބުރު ބަދަލުވުމުން އިރުގެ ސީދާ ދޯދިތަކުން އަންނަ ނުރައްކާތެރި އަސަރުން، ގައިގެ ހަން އަނދާފާނެއެވެ.

މިއީ މާ ނުރައްކާތެރި ކަމެކޭ ހީނުވެދާނެއެވެ. އެކަމަކު ސީދާ އަވީގައި ގިނައިރު ވާ ވަރަކަށް ގައިގެ ހަމުގެ ކުލަ ކަޅަކަސް ނޭދެވޭ އަސަރު ކުރަމުންދާނެ ކަމަށްވެއެވެ. ދުނިޔޭގައި ނިސްބަތުން ހަމުގެ ކެންސަރު އެންމެ ގިނައިން ޖެހެނީ އިރުގެ ސީދާ ދޯދިތަކުން އަންނަ އަލްޓްރާ ވައިލެޓް މާއްދާތަކުން ކަމަށް އެމެރިކާގެ ސައިންސްވެރިން ބުނެއެވެ.

ލޮޖިކްއިންކް ޓެޓޫ ވިއްކަނީ ޖޯޑެއް 14 ޑޮލަރަށެވެ. އެންމެ ފަހަރަކު ބޭނުންކުރާ އެއްޗަކަށް މިއީ ކުޑަ ޚަރަދެއް ނޫނެވެ. އެކަމަކު ލޮޖިކްއިންކްގެ މަގްސަދަކީ މި ބާވަތުގެ ޓެޓޫއަށް މީހުންގެ ތަރުހީބު ލިބޭ މިންވަރަށް ރިއާޔަތްކޮށް، އެހެނިހެން ބައެއް މާއްދާތަކުން ހަށިގަނޑު ތަޣައްޔަރުވާ މިންވަރު ދެނެގަންނާނެ މިފަދަ ޓެޓޫތައް ތައާރަފްކުރުމެވެ.