ވާވޭ ނޯވާ 3އައި: ބާރުގަދަ ފޯނެއް، ހެޔޮ އަގުގައި
ވާވޭ ނޯވާ 3އައި: ބާރުގަދަ ފޯނެއް، ހެޔޮ އަގުގައި

އަމިއްލަ ގައުމު، ޗައިނާއިން ބޭރަށް ނިކުމެ އާންމުނަށް ފަރިތަވުމަށް ވާވޭ ބޭނުންކުރި ހަތިޔާރަކީ ސްމާޓްފޯނެވެ. ވާވޭ އަކީ އަބަދުވެސް މުއާސަލާތީ އާލާތްތައް އުފައްދާ ކުންފުންޏެކެވެ. އެހެންކަމުން އާލާތްތައް ސްމާޓްކޮށް، އާންމުނަށް ދެކެފަތިވާން ވާވޭ އަށް ދުވަސްތަކެއް ގުނާކަށް ނުޖެހުނެވެ.

ވާވޭ ފޯނުތައް މިހާރު ވެފައި ވަނީ ބާރުގަދަ ކުންފުނިތައް ޖެހިލުންވާ ވަރުގެ އާލާތްތަކަކަށެވެ. އިންތިހާ އަށް ރީތި ފޯނުތައް ނުބައްދަލު ހެޔޮ އަގުގައި ވިއްކަމުން ދާއިރު، ނޯވާ 3އައި ވެފައި ވަނީ ރެކެން އުނދަގޫ ފޯނަކަށެވެ.

ނޯވާ 3އައި އެންމެ ބޮޑަށް ވައްތަރުކުރެވެނީ އައިފޯން 10 އާ އެވެ. އައިފޯން ކޮޕީކޮށް ސްކްރީންގެ މަތިން ތަންގަޑެއް ހުސްކުރުމަށް ސްމާޓްފޯން ކުންފުނިތަކުން ކުރި މަސައްކަތުގައި ވާވޭ ވެސް ވަނީ ބައިވެރިވެފަ އެވެ. އެހެންކަމުން ނޯވާ 3އައި މުށުތެރޭގައި އޮންނައިރު އައިފޯން 10 ތަސައްވުރުކުރެވެ އެވެ. އެކަމަކު ސްކްރީނަށް އެއްޗެއް ނޭރިއެއްކަމަކު އެއީ ހުސް ތަންގަނޑެއް ނޫނެވެ. މުހިންމު ސެންސަރުތަކެއް އެ ތަނުގެ އަޑީގައި ވަޅުލެވިފައި ވެ އެވެ.

ނޯވާ 3އައިގެ ސްކްރީންގެ ބޮޑުމިނަކީ 6.3 އިންޗި އެވެ. މިހާ ބޮޑު ފޯނެއް ގެންގުޅެން އުނދަގޫވާނެ ކަމަށް ހީކުރެވޭ ނަމަ، ނޯވާ 3އައި މުށުތެރެ އަށް ހެޔޮވަރުކޮށްލުމުން އެ ހީ ކެނޑިގެންދާނެ އެވެ. ފޯނުގެ ސްޓޯރޭޖް 128ޖީބީ އަދި 64ޖީބީ އެވެ. ބައެއް މޮޑެލްތަކުގައި 4ޖީބީ ރޭމް އަދި ބައެއް މޮޑެލްތަކުގައި 6ޖީބީ ރޭމް އެވެ. ބެޓެރީ 3340އެމްއޭއެޗް އެވެ. ފޯނު ހިންގަނީ އެންޑްރޮއިޑް އޯރިއޯ 8.1 އިން ނެވެ.

ސްމާޓްފޯނުތަކުގެ ބާރުގަދަކަން ކެމެރާއިން މިނާ ނަމަ ނޯވާ 3އައި މަތިފަޑިން ޖާގަ ހޯދާނެ އެވެ. ފަހަތުގައި 16މެގަޕިކްސެލް އަދި 2މެގަޕިކްލެސް "ޑެޕްތު ސެންސާ"އެއް އިނދެ އެވެ. ފޯނު ހުޅުވާލުމާ އެކު ބޭނުންކުރާ މީހާ އަށް މަރުހަބާކިޔުމަށް "ވާވޭ އިމޯޝަން ޔޫޒާ އިންޓަފޭސް 8.2" ފެތުރިގަނެވެ.

ވާވޭ ފޯނުތަކުގައި ބޭނުންކުރާ "ޑައިލާ" އަދި އެސްއެމްއެސް އެޕްލިކޭޝަނަކީ މިހާތަނަށް އެންޑްރޮއިޑް ފޯނަކުން ތަޖުރިބާކުރެވުނު އެންމެ ކަމުދާ ދެ އެޕްލިކޭޝަނެވެ. އެހެން މަރުކާއެއްގެ ފޯނެއް ބޭނުންކުރި ނަމަވެސް، މިއީ އަބަދު ވެސް ނެތިގެން އުޅެންޖެހޭ ދެ އެޕްލިކޭޝަނެވެ.

ބައްރުތަކުގައި ވިޔަފާރި ފުޅާކުން ވާވޭ ކުރާ މަސައްކަތުގައި ނޯވާ 3އައިގެ ވަކި އަދަދެއް އޭޝިޔާ އަދި ގަލްފު ސަރަހައްދަށް ޚާއްސަކޮށްފައި ވެ އެވެ. ޔޫއޭއީ، އިންޑިޔާ އަދި ދިވެހިރާއްޖޭގައި ވެސް މި ފޯނު ވިއްކާ ގޮތަށް ވަނީ ލިސްޓްކޮށްފައި ވެ އެވެ. ލިސްޓްކޮށްފައި ވާ ކޮންމެ ސަރަހައްދަކުން ނޯވާ 3އައި ގަތް ނަމަވެސް، އެއް އަހަރު ދުވަހުގެ ވޮރަންޓީއެއް ދިނުމަށް ވާވޭ އެއްބަސްވެ އެވެ.