02 ސެޕްޓެމްބަރ 2018 - 21:58

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ރާއްޖޭގައި އެބައޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނި ބުނުމަކީ އިންތިޚާބާ ގުޅޭގޮތުން ހުރި ސީރިއަސް ކަންކަމަށް ނުބަލައި އެއްވެސް ޒިންމާދާރުކަމެއް ނެތި ދައްކާފައިވާ ވާހަކައެއް ކަމަށް މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ އުތެމަ އިން ބުނެފި އެވެ.
އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އުތެމަ އިން އެގޮތަށް ބުނީ މިނިވަން އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ރާއްޖޭގައި އެބައޮތް ކަމަށް އެޗްއާރުސީއެމުން މިދިޔަ ހަފުތާގައި ބުނެފައިވާތީ އެކަމަށް ރައްދުދީ، ނެރުނު ބަޔާނެއްގަ އެވެ. އެ ކޮމިޝަނުން އެގޮތަށް ބުނީ މިމަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހޯދި ހޯދުންތަކަށް ފަހު އެވެ.
އުތެމަ އިން ނެރުނު ބަޔާނުގައި ވަނީ މިނިވަން އިންތިޚާބެއް ބޭއްވޭނެ މާހައުލެއް އެބައޮތް ކަމަށް އެޗްއާރުސީއެމުން އެ ބުނާ ބުނުމާ މެދު ހައިރާންވާ ކަމަށާއި އެ ކޮމިޝަނުން ހޯދުންތަކާއި އާންމުކޮށް ފެންނަ ހުރި މައުލޫމާތުތަކާ ފުށުއަރާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބާ ގުޅިގެން މިހާރު ހިނގަމުންދާ ބައެއް ކަންކަމަކީ ވެސް އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަންކަން ކަމަށް އެ ބަޔާނުގައިވެ އެވެ.
"ކޮމިޝަންގެ ބަޔާނާ ދޭތެރޭ ހައިރާން ކަން އުފެދޭ ހިނދު، ކޮމިޝަންގެ ހޯދުންތަކާއި ހާމަކަން ބޮޑުކޮށް، އާންމުކޮށް ލިބެންހުރި މައުލޫމާތުތަކާ ފުށުއަރާ ކަން ވެސް ފާހަގަ ކުރަމެވެ،" އެ ބަޔާނުުގައިވެ އެވެ.
އެގޮތުން ޕީޕީއެމްގެ ހަރަކާތްތަކުގައި ކުރިން ހަރަކާތްތެރިވެފައިވާ ބޭފުޅެއް ކަމަށްވާ އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވުމުގެ އިތުރުން އިންތިޚާބީ އޮފިޝަލުންގެ ތެރޭގައި ހިމެނޭ ބައެއް މީހުން ޕީޕީއެމްގެ ކެމްޕެއިންގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ވޯޓުލުމާއި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމުގައި އެތައް މައްސަލަތަކެއް ދިމާވެ، އެތައް ބަޔަކު ވޯޓުލުމުގެ ހައްގުން މަހްރޫމްވުމުގެ ބިރު އޮތުމަކީ ވެސް އިލެކްޝަންސް ކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ފަދަ ކަންކަން ކަމަށް ވެސް އުތެމަ އިން ނެރުނު ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ގާނޫނުތަކަށް ބަދަލު ގެނެސް، އިންތިޚާބީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބައެއް ފަރާތްތަކަށް ގެއްލުވާލާފައި ވުމާއި އިލެކްޝަންސް ކޮމިޝަންގައި ހުރި ވޯޓާސް ރަޖިސްޓްރޭޝަނާ ގުޅޭ މައުލޫމާތުތައް ޕީޕީއެމަށް ލީކުވެފައިވާ ކަމަށް ބުނާ މައްސަލާގައި މިނިވަން ތަހުގީގެއް ކޮށްފައި ނެތް މައްސަލަ ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ޖަގަހަތަކަށް ފުލުހުން ވަދެ، ބައެއް ތަކެތި އެތަނުން ނެގުމަށް އެންގުމުގެ އިތުރުން ހަމަހަމަ ކަމާއި އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އިންތިޚާބުތައް އަބަދުވެސް އޮބްޒާވް ކުރަމުންދާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރިޔާސީ އިންތިޚާބާ ގުޅިގެން ނެރުނު އެސެސްމަންޓްގައި ފާހަގަކުރި އެއްވެސް ކަމެއް މިހާތަނަށް އިސްލާހު ކޮށްފައެއް ނުވެ އެވެ. އަދި އިންތިޚާބާ ބެހޭ ކަންކަމުގައި ލަފާ ދޭ ކޮމެޓީގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމަނަން އިލެކްޝަންސް ކޮމިޝަނުން އިންކާރު ކޮށްފައިވާ ކަމަށް ވެސް އުތެމަ އިން ނެރުނު ބަޔާނުގައިވެ އެވެ.
"އެޗްއާރުސީއެމުން ކުރަމުން އަންނަ ދިރާސާތަކަށް މައުލޫމާތު ހޯދުމުގައި މިހާތަނަށް ވެސް އަޅުގަނޑުމެންގެ އެއްވެސް ޖަމްއިއްޔާއަކާ މަޝްވަރާކޮށް، މައުލޫމާތު ހޯދާފައި ނުވާ ކަން ހިތާމައާ އެކު ފާހަގަ ކުރަމެވެ." އެ ބަޔާނުގައިވެ އެވެ.
އިންތިޚާބާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑު ކިޔުންތަކެއް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނަށް ދަނީ އަމާޒު ކުރަމުންނެވެ. މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.