03 ސެޕްޓެމްބަރ 2018 - 07:37

ބަންގްލަދޭޝްގެ ޑާކާގައި މާދަމާ ފަށާ ސާފް ސުޒުކީ ކަޕުގެ ތަށްޓަށް ވާދަކުރާނެ ތިން ޓީމަކީ ރާއްޖެ އާއި އިންޑިއާ އަދި ޕާކިސްތާން ކަމަށް ބަންގްލަދޭޝްގެ އިނގިރޭސި ކޯޗު ޖޭމީ ޑޭ ބުނެފި އެވެ.

ހަތް ޓީމު ކުޅޭ މި މުބާރާތުގައި ގްރޫޕް އޭ ގައި ހިމެނެނީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާން އެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާގެ އިތުރުން ލަންކާ އަދި ރާއްޖެ އެވެ.
"އިންޑިއާ މި އައީ އެމީހުންގެ މުހިއްމު ކުޅުންތެރިން ނުލައި. ރާއްޖޭގެ ޓޮޕް ސްޓްރައިކަރެއް (އަލީ އަޝްފާގު) ނެތް. އަހަރެންގެ ވިސްނުމުގައި އެ ދެ ޓީމު އެ ގްރޫޕުން ކޮލިފައިވާނެ. ދެން އަހަރެން ބުނާނީ ޕާކިސްތާން ވެސް ވަރަށް ވަރުގަދަވާނެ. އެއީ މޮޅު ކޯޗެއް އެބަހުރި. ޔޫރަޕްގައި ކުޅޭ ކުޅުންތެރިން އެބަތިބި. އެ ތިން ޓީމުގެ ތެރެއިން ޓީމަކަށް އެންމެ ފުރުސަތު ބޮޑީ. އެކަމަކު އަހަރަމެންނަށް ވެސް ކުރިއަށްދެވިއްޖިއްޔާ އެބައޮތް ފުރުސަތު،" އާސެނަލް ޔޫތު ޓީމަށް ކުރިން ކުޅުނު ޑޭ ބުންޏެވެ.
މިދިޔަ މޭ މަހު ބަންގްލަދޭޝްގެ ކޯޗު ކަމާ ޑޭ ހަވާލުވިއިރު އޭނާއާ މެދު ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ހިތްހަމަ ޖެހުނީ އޭނާގެ ތަޖުރިބާ މަދު ނަމަވެސް ކޯޗިންގައި އޭނާ ކުރަމުން އަންނަ މަސައްކަތުން އިނގިރޭސި އެކި ކްލަބްތަކަށް ފައިދާތަކެއް ކޮށްފައިވާތީ އެވެ. ޑޭ މަސައްކަތް ކޮށްފައިވަނީ އިނގިރޭސި ދަށް ޑިވިޝަންތަކުގަ އެވެ. ފުޓްބޯޅަ ކެރިއަރުގައި ޑޭގެ އެންމެ ބޮޑު ކާމިޔާބީ އަކީ އިންގްލެންޑުގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުމެވެ.
"އަހަރެން އައިއިރު ވެސް ޓީމު އޮތީ ރަނގަޅަށް ތައްޔާރަށް. އައިގޮތަށް އަހަރެން ދިޔައީ ދެ ޓީމު ގޮވައިގެން ދެ ޓްރެއިނިން ކޭމްޕަށް. ގަތަރާއި ދެކުނު ކޮރެއާ އަށް. ޑައިޓް ޕްލޭނަކާ ހުރިހާ ކަންތައްތަކެއް ގެންދިޔައީ. އުއްމީދަކީ އޭޝިއަން ގޭމްސްގައި ލިބުނު ތަޖުރިބާގެ ބޭނުން އަހަރެމެން ސާފް ޗެމްޕިއަންޝިޕްގައި ހިފައި އަނެއްކާ ވެސް ކުރިއަށްދިއުން،" ޑޭ ބުންޏެވެ.
އޭނާ ބުނީ އަމިއްލަ ގައުމުގައި ސާފް ކުޅޭތީ ބަންގްލަދޭޝްގެ ސަޕޯޓަރުންގެ އުއްމީދުތައް މަތީގައި ހުރުމަކީ ގޯހެއް ނޫން ކަމަށާއި ހަގީގަތް ގަބޫލުކޮށް އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.
"ބަންގްލަދޭޝް މީހުން ބުނެފާނެ އަހަރެމެން މި މުބާރާތް ކާމިޔާބުކުރާނަމޭ. އެކަމަކު މިއީ ވަރަށް އުނދަގޫ މެޗެއް. ރޭންކިން އަށް ބަލާއިރު އަހަރެމެންނަށް ވުރެން ކުރީގައި އުޅޭ ޓީމުތަކުން ވާދަކުރޭ. އަހަރެމެންގެ ފުރަތަމަ އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަަނައަޅައިދިއުން. ބޭނުމީ ރަނގަޅު ފެށުމެއް. ދެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް. ހާސިލްކުރެވޭނެ އެއްޗެއް އެނގޭނެ ކުރިއަށްދާ ވަރަކަށް. އަހަރެންގެ ފަރާތުން އެއްވެސް ޕްރެޝަރެއް ނެތް،" ޑޭ ބުންޏެވެ.
ބަންގްލަދޭޝްގެ ކޯޗަކަށް އެންމެ ފަހުން ހުރި ބެލްޖިއަމްގެ ޓޮމް ސެއިންފީޓްގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު ރާއްޖެ އަތުން މާލޭގައި 5-0 އިން ބަލިވި މެޗަށް ފަހު އޭނާ ބުނީ އެ ގައުމުގެ ފުޓްބޯޅަ ކުރިއަރާނީ ބައިނަލްއަގްވާމީ ލެވެލްގައި ގިނަ މުބާރާތްތަކެއްގައި ކުޅުންތެރިން ކުޅެ ތަޖުރިބާ ހޯދައިދީގެން ކަމަށެވެ. ޑޭ ދެކޭގޮތުގައި ބަންގްލަދޭޝްފެ ފުޓްބޯޅައިގައި ބަދަލުކުރަން ޖެހޭ އެހެން ކަންތައްތަކެއް ވެސް އެބަހުއްޓެވެ.
"ޑޮމެސްޓިކް ލީގު ވެސް ބޭނުންވޭ ރަނގަޅު ކުރަން. އަދި އަހަރެމެންގެ އެބަޖެހޭ ރަނގަޅު ޕްލޭނެއް އޮންނަން އުމުރުފުރާ ކުޅުންތެރިންނަށް ކުރިއަށްދެވޭނެ ގޮތްތައް ވެސް ހޯދަން. މިހާރު ވެސް ސިސްޓަމް ތެރެއިން އައިސްތިބި ރަނގަޅު ޒުވާން ގްރޫޕެއް އެބަތިބި. އެ މީހުންނަށް އޭޝިއަން ގޭމްސްގައި ރަނގަޅު ތަޖުރިބާތަކެއް އާ ކަންތައްތަކެއް މި ދަސްވީ،" ޑޭ ބުންޏެވެ.
ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި ގިނަ ކަންތައްތަކެއް ކުރަން ޖެހޭކަން ޑޭ ވަނީ ފާހަގަކޮށްފަ އެވެ.
"ބަންގްލަދޭޝް ލީގު ކުރިއަށްދާ ގޮތް އެބަޖެހޭ ބަދަލުކޮށްލަން. މިސާލަކަށް ބިދޭސީ ކުޅުންތެރިން ލިމިޓްކޮށްފައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ވެސް ރަނގަޅުވާނެ ކަމެއް. އެއީ އެ ހިސާބުން އަހަރެމެންގެ ޒުވާން ކުޅުންތެރިން ކުރިއަރައިގެންދާން ފަސޭހަވާނެ. މީގެން ގައުމީ ޓީމަށް ވެސް ފައިދާކުރާނަން. ދެން ގައުމީ ޓީމުގެ ކަންތައްތަކާއި ކްލަބްގައި ކުޅުންތެރިންނަށް އިސްކަންދީގެން ޑައިޓާއި ޓްރެއިނިން ރަނގަޅަށް ގެންދަން ވެސް ޖެހޭ." އޭނާ ބުންޏެވެ.
ބަންގްލަދޭޝްގެ ނިލްފަމަރީގައި ކުޅުނު ފުރަތަމަ ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗުގައި މިދިޔަ އަންގާރަ ދުވަހު 1-0 އިން ސްރީލަންކާ އަތުން ބަންގްލަދޭޝް ބަލިވި އެވެ. ޑޭ ބުނީ އެ މެޗުގައި ބޭނުންކުރީ ކުޅުމުގެ ފުރުސަތު ނުލިބޭ ކުޅުންތެރިން ކަމަަށެވެ. ބަލިވި ނަމަވެސް އެ މެޗުން ވަރަށް ރަނގަޅު ކަންތައްތަކެއް ފެނުނު ކަމަށް ބުންޏެވެ.
"ސްރީލަންކާއާ ދެކޮޅަށް ކުޅުނުއިރު ފެނުނު ތިރީހަކަށް ހާސް މީހުން ޓީމަށް ހިތްވަރުދޭން ތިބިތަން. 20 ހާސް މީހުން ދަނޑުގައި، 10 ވަރަކަށް ހާސް މީހުން ދަނޑަށް ނުވަދެވިފައި ތިބި. މިއީ އަހަރެން ސަޕޯޓަރުންނާ އެކު ކޯޗެއްގެ ގޮތުގައި ކުރި ފުރަތަމަ ތަޖުރިބާ. އަހަރެމެންގެ ޓާގެޓަށްދާން ސަޕޯޓަރުން ވަރަށް ބޮޑު ރޯލެއް ކުޅެދޭނެ. ނުރަނގަޅު ވިސްނުންތަކެއް ނެތި މުޅި ގަައުމު މި ޓީމު ފަހަތުގައި އޮންނާނެކަމަށް އުއްމީދުކުރަން،" ޑޭ ބުންޏެވެ.
ބަންގްލަދޭޝް ޓީމާ ޑޭ ހަވާލުވިއިރު އޭނާ އަށް މި ޕްރޮޖެކްޓް ކަމުދިޔަ އެންމެ ބޮޑު ސަބަބަކީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޕްލޭން ކަމުދިޔުމެވެ. ސާފް ސުޒުކީ ކަޕަށް ފަހު އަންނަ މަހު ބަންގުބަންދު ގޯލްޑް ކަޕްގައި އެ ޓީމު ވާދަކުރާނެ އެވެ. އެ މުބާރާތުގައި ބަންގްލަދޭޝްގެ އިތުރުން ކުޅެނީ ލާއޯސް، ފިލިޕީންސް، ނޭޕާލް، ފަލަސްތީން އަދި ތަޖިކިސްތާން އެވެ.
"އޭޝިއަން ގޭމްސްގައި ދެއްކި ކުޅުން ދެމެހެއްޓުމަކީ އަހަރެންގެ ވަޒީފާ. ދެން މި ކުރިމަތިލަނީ ސާފަށް. މީގެން ވެސް ރަނގަޅު ކަންތައްތަކެއް ހާސިލްކޮށް އަހަރެން ބޭނުންވަނީ އޮކްޓޫބަރު މަހު އޮންނަ ބަންގުބަންދު ކަޕްގައި ކުޅެން. މިއީ ވަރަށް ބުރަ ތިން މަސް އަހަންނަށް. އަމާޒަކީ ރޭންކިން އިން ކުރިއަށް ޖެހިލުމަށް ބަންގްލަދޭޝް ފުޓްބޯޅައިގެ އަގުއުފުލޭނެ ހުރިހާ ގޮތަކަށް މަސައްކަތްކުރުން،" ޑޭ ބުންޏެވެ.
ސާފްގައި ބަންގްލަދޭޝް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ރާއްޖެ ގަޑިން 6 ޖަހާއިރު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.