މާލޭގެ ބައެއް ވޯޓު ފޮށިތަކަށް ބަދަލު ގެނެސްފި
މާލޭގެ ބައެއް ވޯޓު ފޮށިތަކަށް ބަދަލު ގެނެސްފި

މި މަހު 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރީވި މީހުންގެ އަދަދަށް ބަލައި، ވޯޓު ފޮށިތަކަށް ބައެއް ބަދަލުތައް ގެނެސްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާން ކުރި ގޮތުގައި މާލޭގައި ބެހެއްޓި ހަތް ފޮއްޓަކަށް ރީ-ރަޖިސްޓްރީވި މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން، އެ ފޮށިތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.

- ހުޅުމާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުން ވޯޓުލާ ހަތަރު ވަނަ ފޮށި (ހުޅުމާލެ، އެހެނިހެން، 4)

- ވިލިމާލޭގެ ހަތަރު ވަނަ ފޮށި

- ވިލިމާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީީހުން ވޯޓުލާ ހަތަރު ވަނަ ފޮށި

- ގަލޮޅު ދެކުނުގެ ފަސް ވަނަ ފޮށި

- މާލޭގައި ބަހައްޓާ ހދ. އަތޮޅުގެ ހަތަރު ވަނަ ފޮށި

- މާލޭގައި ބަހައްޓާ އދ. އަތޮޅުގެ ފޮޮށި

- މާލޭގައި ބަހައްޓާ ލ. އަތޮޅުގެ ތިން ވަނަ ފޮށި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް، ހުޅުމާލޭގައި ބެހެއްޓުމަށް އެންމެ ފުރަތަމަ ނިންމީ 13 ފޮއްޓެވެ. އެކަމަކު ފަހުން ވަނީ ދެ ފޮއްޓެއް އެއްކޮށްލައި، 12 ފޮއްޓަށް ބަދަލުކޮށްފަ އެވެ. ނަމަވެސް، ރީ-ރަޖިސްޓްރޭޝަނަށް ފަހު، އެ އަވަށު ހަތް ނަމްބަރު ފޮއްޓަށް ރަޖިސްޓްރީވި މީހުންގެ އަދަދު އިތުރުވެފައިވާތީ، އަނެއްކާ ވެސް އިތުރު ފޮއްޓެއް ބަހައްޓަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީން މިހާރު އިއުލާންކޮށްފައިވާ ގޮތުން ހުޅުމާލޭ ގާޒީ ސްކޫލުގައި ބަހައްޓާފައިވާ ހަތް ވަނަ ފޮއްޓަށް ވޯޓުލާނީ، އެ އަވަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ހުޅުމާލޭގައި ދިރިއުޅޭ މައްޗަންގޮޅީ އަވަށުގެ މީހުންނެވެ. އަދި ހަމަ އެ ސްކޫލުގެ، ކޮމްޕައުންޑް އޭރިއާގެ ދެކުނު ފަރާތުގައި، އަލަށް ބަހައްޓަން ނިންމި އަށް ވަނަ ފޮއްޓަށް ވޯޓުލާނީ، ހުޅުމާލޭގައި ދިރިއުޅޭ މާލޭގެ އެހެން އަވަށްތަކުގެ މީހުން ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.

1 - ހުޅުމާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުން ވޯޓުލާ ހަތަރު ވަނަ ފޮށި (ހުޅުމާލެ، އެހެނިހެން، 4)

މި ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުން ދެން ވޯޓުލާން ޖެހޭނީ، (ހުޅުމާލެ، އެހެނިހެން- 8) ވަނަ ފޮއްޓަށެވެ. އެއީ ހުޅުމާލޭގައި ދިރިއުޅޭ ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ މީހުންގެ އިތުރުން، ފުވައްމުލަކު މީހުންނެވެ.

2 - ވިލިމާލޭގެ ހަތަރު ވަނަ ފޮށި (ވިލިމާލެ-4)

މި ފޮއްޓަށް ރަޖިސްޓްރީކޮށްފައިވާ މީހުން ދެން ވޯޓުލާން ޖެހޭނީ (ވިލިމާލެ-3) ވޯޓު ފޮއްޓަށެވެ. އެއީ ވިލިމާލޭގައި ދިރިއުޅޭ މާލޭގެ އެހެން އަވަށްތަކުގެ މީހުންނާއި މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ، ވިލިމާލޭގައި ދިރިއުޅޭ މީހުންނެވެ.

3 - ވިލިމާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީީހުން ވޯޓުލާ ހަތަރު ވަނަ ފޮށި (ވިލިމާލެ، އެހެނިހެން، 4)

މި ފޮއްޓަށް ރަޖިސްޓްރީކޮށްފައިވާ މީހުން ދެން ވޯޓުލާން ޖެހޭނީ (ވިލިމާލެ، އެހެނިހެން، 2) ފޮއްޓަށެވެ. އެއީ (ވިލިމާލެ، އެހެނިހެން، 4) ފޮއްޓަށް ރަޖިސްޓްރީވެފައިވާ، ވިލިމާލޭގައި ދިރިއުޅޭ ގދ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ މީހުންނެވެ.

4 - ގަލޮޅު ދެކުނުގެ ފަސް ވަނަ ފޮށި

މި ފޮއްޓަށް ރަޖިސްޓްރީވެފައިވާ މީހުން ދެން ވޯޓުލާން ޖެހޭނީ (މާފަންނު މެދު-2) ފޮއްޓަށެވެ. އެއީ މާލޭގައި ދިރިއުޅޭ ވިލިމާލެ އާއި ހުޅުމާލޭގެ މީހުންނެވެ.

5- މާލޭގައި ބަހައްޓާ ހދ. އަތޮޅުގެ ހަތަރު ވަނަ ފޮށި (ހދ. އަތޮޅު، މާލެ، 4)

މި ފޮއްޓަށް ދެން ވޯޓުލާނީ، (ހދ. އަތޮޅު، މާލެ، 5) ވަނަ ފޮއްޓަށް ވޯޓުލާ މީހުންގެ ތެރެއިން ބައެއް މީހުންނެވެ.

6- - މާލޭގައި ބަހައްޓާ އދ. އަތޮޅުގެ ފޮޮށި (އދ. އަތޮޅު، މާލެ، 1)

މި ފޮއްޓަށް ވޯޓުލާނީ (އދ. އަތޮޅު، މާލެ، 3) ފޮއްޓަށް ރަޖިސްޓްރީ ވެފައިވާ މާލޭގައި ތިބި، އދ. ދިއްދޫ، މަންދޫ، ދިގުރަށް، ދަނގެތި އަދި އޮމަދޫ މީހުންނެވެ.

7- - މާލޭގައި ބަހައްޓާ ލ. އަތޮޅުގެ ތިން ވަނަ ފޮށި ( ލ. އަތޮޅު، މާލެ، 3)

މި ފޮއްޓަށް ވޯޓުލާނީ، ( ލ. އަތޮޅު، މާލެ، 4) ފޮއްޓަށް ރަޖިސްޓްރީވެފައި ތިބި ލ. ކުނަހަންދޫ، ހިތަދޫ އަދި މާވަށު މީހުންނެވެ.