ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ޝަރުތުތަކާ އެކު، މިނިވަން ކޮށްދޭން އެދިއްޖެ
ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ޝަރުތުތަކާ އެކު، މިނިވަން ކޮށްދޭން އެދިއްޖެ

ގއ. ކޮލަމާފުށިން ހައްޔަރުކުރި އިދިކޮޅު 18 އެކްޓިވިސްޓުން ޝަރުތުތަކާ އެކު ބަންދުން މިނިވަން ކޮށްދޭން ގއ. ވިލިނގިލީ ކޯޓުގައި އެދިއްޖެ އެވެ.

ކޮލަމާފުށީގެ ޕީޕީއެމްގެ ޖަގަހައަކަށް މިދިޔަ ހަފުތާގައި ގެއްލުން ދިން ކަމުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި 18 މީހުންގެ ބަންދަށް ވިލިނގިލީ ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.

އެ މީހުންގެ ވަކީލުންގެ ޓީމުގައި ހިމެނޭ މަހްފޫޒް ސައީދު ކުރި ޓްވީޓެއްގައި ވަނީ 18 މީހުން ބަންދުގައި ބަހައްޓަން ކުރި އަމުރު ރިވިއުކޮށް ދިނުމަށް އެދި ވިލިނގިލީ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކަކާ އެކު އެ މީހުން ބަންދުން ދޫކޮށްދޭން އެދިފައިވާނެ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

އެކްޓިވިސްޓުން ހައްޔަރު ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ޖަގަހަ އަކަށް ގެއްލުން ދިން ކަމަށް ބުނެ ޕީޕީއެމާއި އިދިކޮޅު ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ހަމައެކަނި އިދިކޮޅު ސަޕޯޓަރުން ހައްޔަރު ކުރުމަކީ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ ފާޑު ކިޔައިފަ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން އިތުރު ހަމަނުޖެހުމަކަށް މަގުފަހި ވެދާނެތީ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކޮލަމާފުއްޓަށް ވަޑައިނުގަތުމަށް ވެސް ފުލުހުން އިލްތިމާސް ކުރި އެވެ. އެކަމަކު އިބޫ ވަނީ ގއ. އާއި ގދ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ކޮލަމާފުއްޓަށް ވެސް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވައިފަ އެވެ.