ރަންވޭ މަތިން ބޯޓެއް ކަހާލުމުން ކަތުމަންޑޫ އެއާޕޯޓް ބަންދު
ރަންވޭ މަތިން ބޯޓެއް ކަހާލުމުން ކަތުމަންޑޫ އެއާޕޯޓް ބަންދު

ކަތުމަންޑޫ (ސެޕްޓެމްބަރު 2) - ނޭޕާލުގެ ހަމައެކަނި ބައިނަލްއަގުވާމީ އެއާޕޯޓުގެ ރަންވޭ މަތިން ޑޮމެސްޓިކް ފްލައިޓެއް ކަހާލުމާ ގުޅިގެން އެއާޕޯޓް 11 ގަޑިއިރަށް މިއަދު ބަންދުކޮށްފި އެވެ.

ނޭޕާލުގެ ދެކުނުގެ ސިޓީއަކުން ވެރިރަށަށް ދަތުރު ކުރި ޖެޓްސްޓްރީމްގެ ބޯޓު ރަންވޭ އިން ކަހާލިއިރު ބޯޓުގައި 21 ޕަސިންޖަރުން ތިއްބެވެ. އެ ހާދިސާގައި ވަނީ ފަސް މީހުން ޒަޚަމްވެފަ އެވެ. ބޯޓު ހުއްޓުނީ ކައިރީގައި އޮތް ޗަކަ ބިމަކާ ހަމައިންނެވެ.

މި ހާދިސާ ހިނގި އިރު ކަތުމަންޑޫ އެއާޕޯޓުގެ ރަންވޭގެ ރައްކާތެރި ކަމާ މެދު ވަނީ ސުވާލު އުފައްދައިފަ އެވެ. ރަންވޭ އިން ބައެއް ބައިތައް ނެއްޓިފައި ހުރުމުން ދާދި ފަހުން ވަނީ ބޮޑު މަރާމާތެއް ވެސް ކޮށްފަ އެވެ.

"ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ޓީމުން ބަލާނެ. އެހެން ފްލައިޓްތައް ވަނީ ރައްކާތެރިކަމާ އެކު އެއާޕޯޓަށް ޖައްސާފައި،" އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު ރާޖް ކުމާރު ޗެތުރީ ވިދާޅުވި އެވެ.

މިދިޔަ އެޕްރީލް މަހު ވަނީ 139 މީހުން ތިބި މެލޭޝިއާގެ ޖެޓެއް ކަތުމަންޑޫ އެއާޕޯޓުން ކަހާލައިފަ އެވެ. މާޗް މަހު ވަނީ ޔޫއެސް-ބަންގްލާ އެއާވޭސްގެ ބޯޓެއް ކަތުމަންޑޫ އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ވެއްޓި 51 މީހުން މަރުވެފަ އެވެ.