ފެންބޮޑުވުމުގައި ކެރަލާ އަށް ލިބުނު ގެއްލުން 3.7 ބިލިއަން ޑޮލަރަށް
ފެންބޮޑުވުމުގައި ކެރަލާ އަށް ލިބުނު ގެއްލުން 3.7 ބިލިއަން ޑޮލަރަށް

ތިރުވަނަންތަޕޫރަމް (ސެޕްޓެމްބަރު 2) - ކެރަލާ އަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 3.7 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ކަމާބެހޭ ފަރާތްކުން ބުނެފި އެވެ.

ކެރަލާގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު ވަނީ 500 އަށް އަރައިފަ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އެތައް ހާސް އިމާރާތެއް ވެއްޓި، މަގުތަކާއި ބްރިޖްތައް ވަނީ ހަލާކުވެފަ އެވެ.

ސްޓޭޓް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރައި ވިޖަޔަން ވިދާޅުވީ ފެންބޮޑުވުމުގައި ލިބުނު އިގްތިސާދީ ގެއްލުން 3.73 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށެވެ.

އިންޑިއާގެ މައި ސަރުކާރުން މިދިޔަ މަހު ކުރީކޮޅު ވަނީ ކެރަލާ އަށް ހަ ބިލިއަން ރުޕީސް (84.6 މިލިއަން ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ. ބޭރު ގައުމުތަކުން ދިން އެހީ އިންޑިއާ ސަރުކާރުން ގަބޫލް ނުކުރުމުން ކެރަލާގެ އޮފިޝަލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އެހީގެ ގޮތުގައި ކެރަލާ އަށް 100 މިލިއަން ޑޮލަރު ދީފަ އެވެ. ނަމަވެސް އެ އެހީވެސް ގަބޫލްކޮށްފައެއް ނުވެ އެވެ.

ރިސާޗް ފާމެއް ކަމަށްވާ ކެއާ ރޭޓިންސް އިން ބުނެފައި ވަނީ ސްޓޭޓުގެ 300 އަށް ވުރެ ގިނަ ކޭމްޕްތަކުގައި 50،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ދިރިއުޅެމުންދާ ކަމަށެވެ. ހަތަރު މިލިއަނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިފައިވާ އިރު 3.3 މިލިއަން މީހުންގެ ވަޒީފާއާ މެދު ޔަގީން ކަމެއް ނެތެވެ. ފެންބޮޑުވުމުގައި ވަނީ ދަނޑުތަކާއި ކެރަލާގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް ބޮޑު ގެއްލުމެއް ލިބިފަ އެވެ.