ހިނދުކޮޅެއްގެ ތެރޭގައި ބްރިޖު ގޮނޑަކަށް، ބޮޑުވަރު!
ހިނދުކޮޅެއްގެ ތެރޭގައި ބްރިޖު ގޮނޑަކަށް، ބޮޑުވަރު!

ސިނަމާލެ ބްރިޖަށް އެންމެންގެ ތައުރީފެވެ؛ އެތައް ސަތޭކަ ބަޔަކު އިއްޔެ ބްރިޖަށް ޖަމާވީ މާކަނޑުގައި އަޅާފައިވާ އެ ބްރިޖުގެ ރީތިކަން ދެކިލައި ފޮޓޯ ނަގާށެވެ. އެންމެންގެ ފޭސްބުކާއި ޓުވިޓާ އާއި އިންސްޓަގްރާމްގައި ވެސް ބްރިޖު މަތީގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެވެ.

ހިނދުކޮޅެއްގެ ތެރޭގައި ބްރިޖު ގޮނޑަކަށް، ބޮޑުވަރު!
ހިނދުކޮޅެއްގެ ތެރޭގައި ބްރިޖު ގޮނޑަކަށް، ބޮޑުވަރު!

މި ފޮޓޯތަކުގެ ތެރެއިން ވަރަށް ހުތުރު މަންޒަރުތަކެއް ވެސް ސޯޝަލް މީޑިއާގައި އެބަ ދައުރުވެ އެވެ. ކުނިބުނިން، ބްރިޖު "ގޮނޑަކަށް" ހަދާފައިވާ މަންޒަރެވެ. ޕްލާސްޓިކް ފުޅި އާއި ދަޅާއި ސުޕާރީ ހުސްކުރި ޕެކެޓާއި ޕްލާސްޓިކް ކޮތަޅެވެ. އެއާ އެކު، ފާޑުކިޔުން އިންތިހާގަ އެވެ.

"ފޮޓޯ އިން އެ ފެންނަނީ، ބްރިޖު ބަލަން ދިޔަ ދިވެހިންގެ ތަރައްގީގެ ލެވެލް ހުރި މިންވަރު" އެކަކު ލިއެފައިވެ އެވެ.

އަނެކަކު ބުނެފައި ވަނީ ބްރިޖު މަތީގައި ކުނިއަޅާ ޑަސްބިން ބަހައްޓާފައި ހުރިއިރު، ވެސް މުޅި ތަނަށް ކުނިއެޅުމަކީ ހިތާމަހުރި ކަމެކެވެ. އެއީ ބައެއް ދިވެހިންގެ ނާތަހުޒީބު އަމަލެއް ކަމަށް ވެސް ބުންޏެވެ.

އަނެކަކު ބުނެފައި ވަނީ، ވަކި ތަނެއް ބަލާނެ ކަމެއް ނެތް ކަމަށެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ކުނި ބުނި ކަމަށެވެ. އެއާ އެކު ހިތްހަމަނުޖެހުން ފާޅުކުރަމުން ބުނީ، "ތަރައްގީ ވަނީ ދިވެހިން ދުއްވާ ސައިކަލާއި އަތުގައި އޮންނަ ފޯނު އެކަނި" ކަމަށެވެ.

ދެން ހުރި ހުރިހާ ކަމެއް ހުންނަނީ، މިހެން ކަމަށް ބުނެ އާއްމުކުރީ ބްރިޖާއި، މަސް މާރުކޭޓު ސަރަހައްދު މޫދަށް އުކާލާފައި ހުރި ޕްލާސްޓިކް ދަޅާއި ފުޅިތަކެވެ.

މި ވާހަކަތަކަށް ބާރުދޭނެ އެހެން މީހަކު ރީޓުވީޓްކުރީ މާލޭގެ މަގުތަކަށް ޖަމާކޮށްފައި ހުރި ކުނިކޮތަޅުތަކެވެ.

ބްރިޖަށް ދިޔަ މީހުންގެ ތެރެއިން އެތަން ހަޑިކުރި މީހުންނަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި، ތަރައްގީއާ އެކު ދިވެހިންގެ ސިކުނޑި ވެސް ތަރައްގީވާން ޖެހެ އެވެ. ރީތީ ޕާކުތަކާއި އިމާރާތްތައް އެޅުމަކުން ނުފުދެ އެވެ. ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހެ އެވެ.

ހަގީގަތުގައި ވެސް ފާޑުކިޔަން ޖެހޭ މައްސަލައެކެވެ؛ އަދި އެ ފާޑުކިއުންތައް ރަނގަޅު ގޮތުގައި ބަލައިގަނެ ހައްލުކުރަން ޖެހޭ ކަމެކެވެ.