02 ސެޕްޓެމްބަރ 2018 - 13:28

އިސްލާމްއާބާދު (ސެޕްޓެމްބަރު 2) - ޕާކިސްތާނުގެ ބަލޮޗިސްތާނުގެ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަން ކޮށްފި އެވެ.
ޑޯން ނޫހުން ބުނީ ޖަސްޓިސް ތާހިރާ ސަފްދާރަކީ ޕާކިސްތާނުގެ ހައި ކޯޓެއްގެ އިސް ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރި ފުރަތަމަ އަންހެން މީހާ ކަމަށެވެ. އޭނާ ހުވާކޮށްފައި ވަނީ ބަލޮޗިސްތާން ގަވަރުނަރު ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ވަނީ ސީނިއާ ފަނޑިޔާރުންނާއި ވަކީލުން ބައިވެރިވެފަ އެވެ.
ސަފްދާރު ވަނީ ބަލޮޗިސްތާނުގެ ފުރަތަމަ އަންހެން މަދަނީ ފަނޑިޔާރުގެ މަގާމަށް 1982 ވަނަ އަހަރު އައްޔަން ކުރުމާ އެކު ތާރީޚުން ޖާގަ ހޯދައިފަ އެވެ. ސަފްދާރަކީ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް ގައުމަށް ޣައްދާރުވުމުގެ މައްސަލަ ބަލާ ޚާއްސަ ކޯޓުގެ ތިން ފަނޑިޔާރުންގެ ޕެނަލްގައި ހިމެނޭ މެމްބަރެކެވެ. މުޝައްރަފްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2007 ވަނަ އަހަރު ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ކުއްލި ހާލަތު އިއުލާން ކުރި މައްސަލައިގަ އެވެ.