02 ސެޕްޓެމްބަރ 2018 - 12:56

ތެހެރާން (ސެޕްޓެމްބަރު 2) - އީރާނުގެ މިސައިލްގެ ގާބިލްކަން އިތުރުކޮށް، އެންމެ ޒަމާނީ ހަނގުރާމަ މަތީ މަތިންދާ ބޯޓާއި ސަބްމެރިން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޑެޕިއުޓީ ޑިފެންސް މިނިސްޓަ ފޯ އިންޓަނޭޝަނަލް އެފެއާޒް މުހައްމަދު އަހަދީ ވިދާޅުވީ މިނިސްޓްރީގެ ޕްލޭނަކީ ބެލިސްޓިކް އަދި ކްރޫޒް މިސައިލްގެ ގާބިލްކަން އިތުރުކޮށް ނެކްސްޓް-ޖެނެރޭޝަން ފައިޓާ ޖެޓާއި ލޯންގް ރޭންޖް ސަބްމެރިން ހޯދުން ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާ އަށް ޒަމާނީ ހަތިޔާރު ހޯދާކަން އިއުލާންކޮށްފައި ވަނީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނިކޮށެވެ. އެމެރިކާ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އީރާނުން ވަނީ ބައިނަލްއަގުވާމީ ކޯޓަށް ގެންގޮސްފަ އެވެ.
އަހަދީ ވިދާޅުވީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީ ހީނަރު ނުވާ ކަމަށެވެ.
"އީރާނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ވަނީ ގާއިމްކޮށްފައި. މިހާރު ބޭނުން ވަނީ ރިސާޗް އެންޑް ޑިވެލޮޕްމަންޓް. އަދި ޑިފެންސް އިންޑަސްޓްރީ އަޕްޑޭޓްކޮށް އަޕްގްރޭޑް ކުރުން،" އަހަދީ ވިދާޅުވި އެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ސީރިއާ އާއި އިރާގުގައި އީރާނުން އަދާކުރާ ރޯލަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ އީރާނުން އައިއެސް ހުއްޓުވުމުގެ މަސައްކަތް ނުކުރި ނަމަ މެދުއިރުމަތީގެ ޗާޓް މިހާރު އޮންނާނީ ބަދަލުވެފައި ކަމަށެވެ.
އީރާނުން އުފެއްދި ހަނގުރާމަ މަތީ ބޯޓެއް މިދިޔަ މަހު ވަނީ ދައްކާލައިފަ އެވެ. އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައި ވަނީ އީރާނުން އަސްކަރީ ގާބިލްކަން ހޯދަނީ ދުޝްމަނުންގެ ބިރުތަކާ ކުރިމަތިލާން ކަމަށެވެ.