02 ސެޕްޓެމްބަރ 2018 - 13:26

އެމެރިކާގެ އެއް ނަންބަރު ޗާޖިން ބްރޭންޑް، "އެންކާ" އެޑް-އޮން އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

އެންކާގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރު އަދި ސްޓޮކިސްޓްކަން ހަވާލުކޮށްފައި ވަނީ އެޑް-އޮން ޕްރައިވެޓް ލިމިޓެޑަށެވެ. އެންކާއެކު އެއްބަސްވުމެއް ހެދުމަށްފަހު އެ ކުންފުނިން ބުނެފައި ވަނީ އެޑް-އޮން ސްޓޯރުގެ ހުރިހާ އައުޓްލެޓަކުން ވެސް އެންކާގެ އުފެއްދުންތައް ލިބޭނެ ކަމަށެވެ.

އެންކާއަކީ އެންމެން ވެސް ދަންނަ އަދި މޯބައިލް ފޯނު އެސަސަރީސް އުފެއްދުމުގައި އެންމެ މަތީ ހަރުފަތުގައި ފިޔަޖަހަމުންދާ ބްރޭންޑެކެވެ. މި ބްރޭންޑަކީ ޔޫއެސްގެ އިތުރުން، ޖަޕާން، ޖަރުމަން، އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާގައި ވެސް އެއްވަނަ ބްރޭންޑެވެ.
އެންކާ މަޝްހޫރުވެފައި ވަނީ އެޕަލްގެ އުފެއްދުންތަކުގެ އިތުރުން އެންޑްރޮއިޑަށް ބަރޯސާވާ އުފެއްދުންތަކަށް ބޭނުންވާ ޕަވާބޭންކް، ކޭބަލް، ޗާޖަރު ފަދަ ތަފާތު އެތައް އެސަސަރީސްއެއް އުފައްދައި، ވިއްކާ އެންމެ ކާމިޔާބު ކުންފުނީގެ ގޮތުގަ އެވެ.
ސްމާޓް ފޯނު އެސަސަރީސް އުފެއްދުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މި ބްރޭންޑް ރާއްޖެ އަށް ތައާރަފްކުރުމަށް ފަހު އެޑް-އޮން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހުސައިން ޝިމާލް ވިދާޅުވެފައި ވަނީ އެންކާގެ އުފެއްދުންތައް އެޑް-އޮން ސްޓޯރުގެ ފިހާރަތައް މެދުވެރިކޮށް ރަސްމީކޮށް ރާއްޖެ އަށް ތައާރަފްކުރެވުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއަކާއި ފަޚުރެއްކަމަށެވެ.
އެންކާގެ އޮރިޖިނަލް އުފެއްދުންތައް މިވަގުތު ލިބެން ހުރީ ހަމައެކަނި އެޑް-އޮން ސްޓޯރުގެ ފިހާރަތަކުން ކަމަށް ވިޔަސް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި ކޮޕިއާ ޕްލަސް، ޗާންދަލިއާ އަދި ރޯސްވެއާގެ އިތުރުން ހުޅުމާލޭގެ ބައެއް ފިހާރަތަކާއި ގެސްޓްހައުސްތަކުން ވެސް ލިބޭނެ ކަމަށް ޝިމާލް ވިދާޅުވި އެވެ. އަދި މީގެ އިތުރުން އެންކާ ބްރޭންޑުގެ އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް ރީސެލާ ރައިޓްސް ދިނުމަށް އެ ކުންފުނިން ތައްޔާރަށް ތިބި ކަމަށާއި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް ޝިމާލް ވިދާޅުވި އެވެ.
އެންކާ އިން އެޑް-އޮން ޕްރައިވެޓް ލިމިޓެޑާ ގުޅިގެން އެ ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކޮށްފައިވާކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެންކާ އިނޮވޭޝަންސްގެ ރީޖަނަލްގެ ހެޑް ޖޭ ގޯޕާލް ވިދާޅުވެފައި ވަނީ އެންކާގެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފުކުރުމަކީ އެ ކުންފުންޏަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.
އެންކާގެ އުފެއްދުންތައް އެޑް-އޮން ސްޓޯރުގެ ރަސްމީ ވެބްސައިޓް www.addon.mv އާއި، ސީދާ އެންކާގެ އުފެއްދުންތަކަށް ހާއްސަކޮށްފައިވާ ވެބްސައިޓް www.anker.mv އިން ވެސް ފަސޭހަކަމާއެކު ބަލައިލެވޭނެ އެވެ.
މި ބްރޭންޑްގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް ހޯމް ޑެލިވަރީ ސާވިސްގެ އިތުރުން، ކޮންމެ އެންކާ ޕްރޮޑަކްޓަކާއެކު 18 މަސް ދުވަހުގެ ވޮރެންޓީ ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެޑް-އޮން ޕްރައިވެޓް ލިމިޓެޑުން ބުންޏެވެ.
އެންކާ ބްރޭންޑްގެ އުފެއްދުންތަކުގެ އިތުރުން އެޑް-އޮން ޕްރައިވެޓް ލިމިޓެޑަކީ އިތުރު އެތައް މަޝްހޫރު ގިނަ ބްރޭންޑްތަކާއެކު ޑިސްޓްރިބިއުޓާ ޕާޓްނާޝިޕް ހަދާފައިވާ ކުންފުންޏެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެޑް-އޮން ޕްރައިވެޓް ލިމިޓެޑުން މިފަދަ މަޝްހޫރު އެހެން ބްރޭންޑްތައް ތައާރަފްކުރާނެ ކަމުގެ ޔަގީންކަން ވެސް ޝިމާލް ދެއްވާފައިވެ އެވެ