03 ސެޕްޓެމްބަރ 2018 - 07:31

ސެޕްޓެމްބަރަކީ އައިފޯނު އުފަންވާ މަހެވެ. މި މަހުގެ 12 ވަނަ ދުވަހަށް އެޕަލް އިން ވަނީ އެ ހާއްސަ ހަފުލާއަށް ދައުވަތު ފޮނުވައިފަ އެވެ.

އެޕަލް ޕާކް ކެމްޕަހުގައި ބާއްވާ މި ހަފުލާގައި އައިފޯނުގެ އިތުރުން އެޕަލް ވޮޗްގެ އާ މޮޑެލްއަކާއި އައިއޯއެސް 12 އަދި މެކްއޯއެސް މޮހާވީ އަދި އައިޕެޑް ޕްރޯގެ އަޕްޑޭޓެޑް ވާޝަނެއް ވެސް ނެރޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ދައުވަތު ކާޑުގައި މިފަހަރު ޖަހާފައި ވަނީ ރަންވަން ލޯ ކުލައިގެ ވަށް ބުރެކެވެ. އެއާ ބެހޭ ތަފްސީލެއް ނެތެވެ.
މިހާތަނަށް އާންމުވެފައިވާ ރިޕޯޓްތަކަށް ބަލާއިރު މިފަހަރު އައިފޯން ތިން މޮޑެލްއެއް ނެރޭނެ އެވެ. އެއީ 6.1 އިންޗީގެ އެލްސީޑީ ސްކްރީނަކާއެކު ނެރޭ އައިފޯން އެކްސްއަކާއި 6.5 އިންޗީގެ އޯލެޑް ސްކްރީނަކާ އެކު ނެރޭ ހައި އިންޑް ފޯނެއް ހިމެނޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މިފަހަރު ނެރޭ ފޯނުތަކުގެ ތެރޭގައި، އަގު ހެޔޮ، ތަފާތު ކުލަތަކެއްގެ ފޯނުތަކެއް ވެސް ހިމެނިދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. މި ހުރިހާ ފޯނުތަކެއްގައި ވެސް އައިފޯން އެކްސްއާ އެއްގޮތަށް، ފޭސް އައިޑީ ހިމަނާނެ ކަމަށާއި އެކަމަކު ތްރީޑީ ޓަޗް ނުހިމަނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އެޕަލްގެ މި އިވެންޓް ސެޕްޓެމްބަރު 12 ދުވަހުގެ ރޭ ރާއްޖޭ ގަޑިން 10:00 ގައި އެޕަލްގެ ވެބްސައިޓުން ލައިވްކުރާނެ އެވެ.