ގަތަރު ބޯޑަރު ވަށައި ސައުދީން ވަޅެއް ކޮންނަނީ
ގަތަރު ބޯޑަރު ވަށައި ސައުދީން ވަޅެއް ކޮންނަނީ

ރިޔާޒް (ސެޕްޓެމްބަރު 2) - ގަތަރު ބޯޑަރު ވަށައިގެން ސައުދީ އަރަބިއާ އިން ވަޅެއް ކޮނުމުގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ދާން ނިންމާފައިވާ ކަމަށް ސައުދީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ސައުދީން ވަނީ ގަތަރާ މިދިޔަ އަހަރު ސިޔާސީ ގުޅުން ކަނޑާލައި، ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އަދި އެއްގަމު މަގުން ގަތަރުގެ އުޅަނދުތަކަށް ސައުދީ ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ.

ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ސީނިއާ އެޑްވައިޒަރު ސައުދު އަލް ގަހުތާނީ ވިދާޅުވީ އޭނާ ހުންނެވީ ސަލްވާ ޕްރޮޖެކްޓް ފަށާނެ އިރަކަށް ކެތްމަދުވެފައި ކަމަށެވެ. އަދި އެ ސަރަހައްދުގެ ޖިއޮގްރަފީ ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވި އެވެ.

ސައުދީ ސަރުކާރަށް ތާއީދުކުރާ ސަބަގް ނޫހުން އެޕްރީލް މަހު ވަނީ ގަތަރު ބޯޑަރުގައި 60 ކިލޯ މީޓަރު (38 މޭލު) ދިގު، 200 މީޓަރު ފުޅާ އަދި 20 މީޓަރު ފުން ކެނަލެއް ކޮންނަން އުޅޭ ކަމަށް ބުނެފަ އެވެ. އަދި އެ ކެނަލް ކޮނުމަށް 2.8 ބިލިއަން ރިޔާލް (750 މިލިއަން ޑޮލަރު) ޚަރަދުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ގަތަރު އެއްގަމު މަގުން ގުޅިފައި ވަނީ ހަމައެކަނި ސައުދީ ބޯޑަރާ އެވެ.

ކެނަލް ކޮނުމުގެ ތަޖްރިބާކާރު ފަސް ކުންފުންޏަކުން އެ ޕްރޮޖެކްޓަށް ބިޑް ހުށަހެޅުމަށް ދައުވަތު ދީފައިވާ ކަމަށް މައްކާ ނޫހަކުން ޖޫން މަހު ބުނެފައިވެ އެވެ. އަދި ޕްރޮޖެކްޓް ހަވާލު ކުރާނެ ބަޔަކު މި މަހު އިއުލާން ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕްރޮޖެކްޓާ ގުޅޭ ގޮތުން ސައުދީ ސަރުކާރުން ރަސްމީކޮށް ކޮމެންޓް ކޮށްފައެއް ނުވެ އެވެ.