02 ސެޕްޓެމްބަރ 2018 - 11:03

ލަންޑަން (ސެޕްޓެމްބަރު 2) – ބޯންމައުތު 2-0 އިން ބަލިކޮށް ޕްރިމިއާ ލީގުގެ ފުރަތަމަ ހަތަރު މެޗުން ހަތަރު މޮޅުވި ހޯދި ނަމަވެސް، އަދި ޗެލްސީގެ ފަރާތުން ބައިވަރު ކަންކަން އަންނަން އެބަހުރި ކަމަށް ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ޗެލްސީ އޮތީ، މި ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކުރާ ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ދެ މެދުގަ އެވެ. ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެ 12 ޕޮއިންޓާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތްއިރު ޗެލްސީ ދެ ވަނައިގައި އޮތީ އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުންނެވެ. ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވި ސިޓީ އޮތީ 10 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
އިޓަލީގެ ނަޕޯލީ ދޫކޮށް ޗެލްސީއާ ހަވާލުވި ސާރީ ބުނީ މިވަގުތު ކުޅުންތެރިންނާ މެދު ވަރަށް ބޮޑަށް އުފާވާ ކަމަށާއި ހަތަރު މެޗުން 12 ޕޮއިންޓް ހޯދިފައިވާތީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.
"އެކަމަކު އަހަރެން އަބަދުވެސް ދެކޭ ގޮތުގައި މިއަށް ވުރެ ރަނގަޅުކުރެވޭނެ. އަހަރެމެންނަށް އަދިވެސް ކުރިއެރުން ހޯދޭނެ. ހާއްސަކޮށް ކުޅުންގަނޑު،" ސާރީ ބުންޏެވެ.
ޗެލްސީން މީގެ ކުރިން ފުރަތަމަ ހަތަރު މެޗުން ހަތަރު މޮޅު ހޯދި ފަސް ފަހަރުގެ ތެރެއިން ހަތަރު ފަހަރު ލީގު ކާމިޔާބުކުރި އެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ސާރީ ބުނީ މިވަގުތު ވިސްނަނީ ކުރިއަށް އޮތް މެޗާ މެދު އެކަނި ކަމަށެވެ.
ސްޓެމްފަޑް ބްރިޖުގައި ކުޅުނު މެޗުގައި ޗެލްސީ އަށް ބޯންމައުތުގެ ގޯލް ހުޅުވާލެވުނީ 72 ވަނަ މިނެޓުގައި ސްޕެއިން ފޯވާޑް ޕެޑްރޯ ޖެހި ލަނޑުންނެވެ. ދެ ވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖެހީ އެޑެން ހަޒާޑެވެ.
ލެސްޓާއާ ދެކޮޅަށް ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ކުރި ހޯދައިދީފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ތަފާތު ބޮޑުކޮށްދިނީ ރޮބާޓޯ ފިރްމީނިއޯ އެވެ. ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ހެދި ގޯހެއްގެ ފައިދާ ނަގައި 63 ވަނަ މިނެޓުގައި ރަޝީދު ގެޒަލް ވަނީ ލެސްޓާ އަށް ތަފާތު ކުޑަކޮށްދީފަ އެވެ.
މިދިޔަ ހަފުތާގައި ވުލްވްސްއާ 1-1 އިން އެއްވަރުވި ސިޓީން ރޭ ނިއުކާސަލް އަތުން ހޯދީ އުނދަގޫ މޮޅެކެވެ. މެޗުގެ ވަރަށް ކުރީކޮޅު ރަހީމް ސްޓާލިން ގޯލް ޖަހައި ސިޓީ އަށް ލީޑު ނަގައިދިން ނަމަވެސް 30 ވަނަ މިނެޓުގައި ނިއުކާސަލްގެ ޔެޑްލިން ވަނީ އެއްވަރުކޮށްފަ އެވެ. ސިޓީ މޮޅުވީ 52 ވަނަ މިނެޓުގައި ކައިލް ވޯކާ ޖެހި ގޯލުންނެވެ.