06 އޯގަސްޓް 2016 - 07:06

މާލެ ވަށައި 24 ގަޑިއިރު ދުވެގެން، ގަދަ ހިތްވަރު ސާބިތުކޮށްދިން އަހުމަދު އާތިފް (އާތި) މިއަދު އަނެއްކާ ވެސް ވަރުގަދަ ޗެލެންޖަކާ ކުރިމަތިލާނެ އެވެ. އިނގިރޭސި ވިލާތުގެ ނޯތު ޑައުންސް ވޭގައި ކުރިއަށް ގެންދާ ސެންޓޫރިއަން އަލްޓްރާ މެރެތަންގައި އޭނާ މިއަދު ހެނދުނު ދުވަން ފަށާއިރު މިއީ ދުނިޔޭގެ އެންމެ އުނދަގޫ ދުވުމުގެ ރޭހެވެ. ތިރީސް ގަޑިއިރު ތެރޭގައި 100 މޭލު ނުވަތަ 160 ކިލޯމީޓަރު ކަޑައްތު ކުރަން ޖެހޭނެ އެވެ. އެއީ މާލެ ވަށައި ނަމަ ގާތްގަނޑަކަށް 25 ބުރެވެ.
އާތިފް މި އަހަރުގެ ޖެނުއަރީ މަހު މާލެ ވަށައި 24 ގަޑިއިރު ތެރޭގައި ފުރިހަމަކުރީ 145 ކިލޯމީޓަރެވެ. އެހެންވެ މި ފަހަރުގެ ރޭހުގެ ތަފާތަކީ ކޮބައި ހެއްޔެވެ؟
"މި ފަހަރު އޭނާ 30 ގަޑިއިރު ތެރޭގައި އުނދަގޫ މަގުތަކާއި ޖަންގަލިތަކާއި ފެންގަނޑުތަކާއި ފަރުބަދަތައް ހުރަސްކޮށް ދުވަން ޖެހޭނީ. ސަޕޯޓްދޭން ކައިރީގައި އިތުރު މީހަކު ނުހުންނާނެ،" އާތިފްގެ ކޯޗު އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއިލް ބުންޏެވެ.
އާތިފް މި ރޭހަށް ހޮވުނީ، މާލޭގައި އޭނާ ދުވި އާދަޔާހިލާފު އަލްޓްރާ މެރެތަންގެ ސަބަބުންނެވެ. އެހެންވެ، މި ރޭސް ވެސް އާތިފް ފުރިހަމަކުރާނެ ކަމުގެ ޔަގީންކަން ނަސީރަށް އެބައޮތެވެ.
"ވަރަށް ވަރަށް އުނދަގޫވާނެ. އެކަމަކު އާތިފް ފުރިހަމަ ކުރާނެ. އެކަމުގެ ޔަގީންކަން އެބައޮތް. އޭނާގެ އެ ހިތްވަރު ހުންނާނެ،" ނަސީރު ބުންޏެވެ.
މި ރޭސް ހަމައެކަނި 30 ގަޑިއިރުގެ ތެރޭ ފުރިހަމަކުރަން ޖެހެނީ އެއް ނޫނެވެ. ވަކި ވަގުތަކަށް، ކަނޑައަޅާފައިވާ ހިސާބަށް ނުފޯރައިފި ނަމަ ޑިސްކޮލިފައި ވެސް ވާނެ އެވެ. އެހެންކަމުން މިއީ ހީކުރާ ވަރަށް ވުރެ މާ އުނދަގޫ ރޭހެކެވެ.
ފަހަރުގައި މި އުނދަގޫ ޗެލެންޖް އޭނާ ނެގީ ކުރިއަށް އޮތް ޗެލެންޖަށް ހިތްވަރު ހޯދުމުގެ ގޮތުން ކަމަށް ވެދާނެ އެވެ. އާތިފަށް ދެން އޮތް ޗެލެންޖަކީ ކޮބާ ހެއްޔެވެ؟ އޭނާ ތަައްޔާރުވަމުން އަންނަނީ ފަލި ޖަހައިގެން ރާއްޖެ ވަށައި ބުރެއް ޖެހުމުގެ ހިތްވަރަށެވެ. އަންނަ އަހަރުގެ ފެބުރުއަރީ މަހު ފަށަން ގަސްދުކުރާ އެ ޗެލެންޖަށް ނުކުންނަން ބޭނުންވާ ފަލި ޖެހުމުގެ ތަމްރީންތަކަށް ރޯވިން ބޯޓު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.