02 ސެޕްޓެމްބަރ 2018 - 11:34

ޗައިނާ ސަރުކާރުގެ އެހީއާ އެކު މާލެ އާއި ހުޅުލެއާ ދެމެދު އެޅި ސިނަމާލެ ބްރިޖު ހުޅުވި ރަސްމިއްޔާތު އިންޑިއާއިން ބޮއިކޮޓް ކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ބުނެފި އެވެ.
ބްރިޖްގެ މަސައްކަތަށް ގާތްގަނޑަކަށް 210 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އޭގެ އިތުރުން 72 މިލިއަން ޑޮލަރު ވަނީ ލޯނެއްގެ ގޮތުގައި ރާއްޖެއަށް ދީފަ އެވެ. އެ މަޝްރޫއަށް ދިވެހި ސަރުކާރުން ހަރަދުކުރީ 12 މިލިއަން ޑޮލަރެވެ.
ބްރިޖްގެ ހުރިހާ މަސައްކަތެއް ކުރީ ވެސް ޗައިނާގެ ކުންފުންޏަކުންނެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނީ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ސަފީރު އަކިލެޝް މިޝްރާއަށް ދައުވަތު ދިން ނަމަވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.
ޗައިނާ އިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ދީ، ޗައިނާއަށް ތާއީދުކުރުމުގެ ސިޔާސަތެއް ރާއްޖޭގެ ފޮރިން ޕޮލިސީގައި ގެންގުޅޭތީ އިންޑިއާ އިން ހިތްހަމައެއް ނުޖެހެ އެވެ.
ސިނަމާލެ ބްރިޖް މި ހުޅުވީ މި މަހު އޮންނަ ރިޔާސީ އިންތިހާބުގައި މަކަރު ހަދައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އިންޑިއާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ވިދާޅުވި ވާހަކަ ހޫނުވެފައި އޮތް ދަަނޑިވަޅެއްގަ އެވެ. އެ މައްސަލާގައި މިޝްރާ ވަނީ ފޮރިން މިނިސްޓްރީއަށް ވެސް ހާޒިރުކޮށްފަ އެވެ.
އެކަމަކު ބީޖޭޕީގެ އިސް މެމްބަރެއް ކަމަށް ވާ ސުބްރަމާނިއަމް ސުވާމީ، ޓްވީޓަކުން ވިދާޅުވި ވާހަކަ އަކީ އިންޑިއާ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް، އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.