03 ސެޕްޓެމްބަރ 2018 - 07:35

މިދިޔަ މަހު ރިލީޒް ކުރި ޖޯން އަބްރަހަމްގެ ކާމިޔާބު އެކްޝަން ފިލްމް "ސަތިޔަމޭވް ޖަޔަތޭ" އަށް ލިބުނު ބޮޑު ތަރުހީބާ އެކު، އެ ފިލްމްގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމް ގެނެސްދިން ޓީ ސީރީޒުން މިހާރު ވަނީ ފިލްމްގެ ދެވަނަ ބައި ވެސް ލިޔެ، ޑައިރެކްޓް ކުރަން މިލަޕް މިލަން ޒަވޭރީއާ ހަވާލުކޮށްފަ އެވެ. "ސަތިޔަމޭވް ޖަޔަތޭ" އަކީ މީގެ ކުރިން "ގްރޭންޑް މަސްތީ" އާއި "ކިޔާ ކޫލް ހެ ހަމް 3" ފަދަ އެޑަލްޓް ކޮމެޑީތައް ލިޔެގެން މަޝްހޫރުކަން ހޯދި މިލަޕްގެ ފުރަތަމަ އެކްޝަން ފިލްމެވެ.
ކޮރަޕްޝަނާ ދެކޮޅަށް ޖެހިލުން ކުޑަ، ވަރުގަދަ ފުލުހަކު ކުރާ މަސަައްކަތް ދައްކުވައިދޭ "ސަތިޔަމޭވް ޖަޔަތޭ" އަކީ ވަރަށް އޮއްޓަރު ހުރި ވާހަކައަކާ އެކު، ވަރަށް ވެސް ފުރިހަމަ އަށް ގެނެސް ދީފައިވާ އެކްޝަން ފިލްމެއްގެ ގޮތުގައި ކްރިޓިކުން ސިފަކޮށްފައިވެ އެވެ. އަދި ފިލްމް ބެލުންތެރިންނަށް އެންމެ ބޮޑަށް ކަމުދިޔަ ސަބަބަކީ ވެސް މީގެ ސްކްރީންޕްލޭ ފުރިހަމަވުން ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން "ސަތިޔަމޭވް ޖަޔަތޭ" ގައި ހިމެނޭ ނޯރާ ފަތެހީގެ ފަރި ހަރަކާތްތައް ފެނިގެންދާ އައިޓަމް ލަވަ "ދިލްބަރު" ވެގެން ގޮސްފައި ވަނީ ސިނަމާތަކަށް އޯޑިއަންސް ވެއްދުމަށް ބާރު އަޅައި ދިން އެއް ސަބަބަށެވެ.
މި ފިލްމްގެ ބަތަލާއަކީ އަލަށް ތައާރަފުވި އައިޝާ ޝަރްމާ އެވެ.
ފިލްމަށް ބެލުންތެރިން ދިން ބޮޑު ތަރުހީބާ އެކު، "ސަތިޔަމޭވް ޖަޔަތޭ" ގެ ޓީމް މިހާރު ތިބީ ވަރަށް އުފަލުންނެވެ. މިދިޔަ މަހުގެ 15 ގައި ރިލީޒްކޮށް އަދި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ނުހޯދުނަސް، މި ފިލްމަކީ މި އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު އެއް ފިލްމެވެ.
އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން "ސަތިޔަމޭޖް ޖަޔަތޭ" އަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 113.78 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.
ފިލްމް ހަދަން ހަރަދުކޮށްފައި ވަނީ 45 ކްރޯޑް ރުޕީސް އެވެ.
"ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައެއް ގެނެސް ދޭން ނިންމާފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނަމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން ޓީ ސީރީޒާއި މިލަޕް އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.