02 ސެޕްޓެމްބަރ 2018 - 09:23

މީގެ ކުރިން ވެސް ރާއްޖޭގައި އެތައް ފަހަރެއްގެ މަތިން ޗުއްޓީ ހޭދަކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރް އަނެއްކާ ވެސް ޗުއްޓީއަކަށް ރާއްޖެ އަތުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ދެ ތަރިން ދަރިފުޅު ތައިމޫރްއާ އެކު ރާއްޖެ އައީ ރޭގަ އެވެ. ނަމަވެސް އެ މީހުން ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.
މިއީ ކަރީނާ ދަރިފުޅު ވިހޭ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެެންމެ ފަހުން އެ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރީ 2015 ގަ އެވެ. އެ ދަތުރުގައި ސައިފްގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ހާނާއި ސައިފްގެ ކޮއްކޮ އަދި ބަތަލާ ސޯހާ އަލީ ހާނާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ކުނާމް ކޭމޫ ވެސް ރާއްޖެ އަ އެވެ.
މިދިޔަ ޖޫން މަހު ރިލީޒް ކުރި "ވީރޭ ދީ ވެޑިން" އަށް ފަހު ކަރީނާ މިހާރު އަންނަނީ އަކްޝޭ ކުމާރާ އެކު ކުޅޭ ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ "ގުޑް ނިއުސް" ގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. އޭނާ ވަނީ ކަރަން ޑައިރެކްޓްކޮށް 2020 ގެނެސްދޭ ތާރީހީ ފިލްމް "ތަހުތު" އަށް ވެސް ސޮއިކޮށްފަ އެވެ.
ނެޓްފްލިކްސް އިން ޖުލައި މަހު ސްޓްރީމް ކުރި ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އިން ފެނިގެން ދިޔަ ސައިފް މިހާރު އަންނަނީ "ހަންޓާ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒް ކުރި "ކާލަކާންޑީ" އެވެ.