01 ސެޕްޓެމްބަރ 2018 - 20:15

ނިއު ދިއްލީ (ސެޕްޓެމްބަރު 1) - އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު އިންޑިއާ ރުޕީސްގެ އަގު ފުރަތަމަ ފަހަރަށް 71 އަށް މިއަދު ވެއްޓިއްޖެ އެވެ.
އިންޑިއާ ފައިސާގެ އަގު މިހާ ބޮޑުތަން ދުވަހަކު ވެސް ދަށްވެފައެއް ނުވެ އެވެ. ރުޕީސްގެ އަގު ވަނީ މި އަހަރު ފެށުނު ފަހުން 10 ޕަސެންޓް ދަށްވެފަ އެވެ. އަހަރު ފެށުނު އިރު އަގު ހުރީ ޑޮލަރަކަށް 63.67 ރުޕީސްގަ އެވެ.
ރުޕީސްގެ އަގު ވެއްޓެމުން ދާތީ އެކްސްޕޯޓަށް ވުރެ އިމްޕޯޓުގެ އަގު މަތިވަމުންދިއުމުން އިންޑިއާގެ ކަރަންޓް އެކައުންޓް ޑެފިސިޓް ދަނީ ބޮޑުވަމުންނެވެ. އިންޑިއާ އަށް ބޭނުންވާ ތެލުގެ ތިން ބައިކުޅަ ދެ ބަޔަކީ އިމްޕޯޓް ކުރާ ތެލެވެ. ތެލުގެ އަގު މަތިވަމުން ދިއުމަކީ ވެސް އިންޑިއާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 77 ޑޮލަރުގަ އެވެ.
ރުޕީސްގެ އަގު ހިފެހެއްޓުމުގެ ގޮތުން އިންޑިއާގެ ސެންޓްރަލް ބޭންކުން މި އަހަރު ވަނީ ދެ ފަހަރެއްގެ މަތިން އިންޓަރެސްޓް ރޭޓް ބޮޑު ކޮށްފަ އެވެ.
އޭޝިއާގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމުގެ ފައިސާގެ އަގު މިދިޔަ މަހު 29 ވަނަ ދުވަހު ވަނީ 70.50 އަށް ވެއްޓިފަ އެވެ. މިދިޔަ މަހު މެދުތެރޭގައި ވެސް ވަނީ ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފަ އެވެ. މިދިޔަ މަހު 14 ވަނަ ދުވަހު މާރުކޮށްފައި ވަނީ ޑޮލަރަކަށް 70.09 ރުޕީސް އެވެ.
އިންޑިއާ ފައިސާގެ އަގު މިދިޔަ ޖޫން 28 ވަނަ ދުވަހު ވެސް ވަނީ ރެކޯޑް އަގަށް ދަށްވެފަ އެވެ. އެ ދުވަހު ހެނދުނު ޑޮލަރަކަށް އިންޑިއަން ރުޕީސް މާރުކުރި އަދަދު ވަނީ 69.0925 އަށް ވެއްޓިފަ އެވެ. އޭގެ ކުރިން ރުޕީސްގެ އަގު އެންމެ ދަށްވެފައި ވަނީ ނޮވެމްބަރު 24، 2016 ގަ އެވެ. އެ ފަހަރު ޑޮލަރާ އަޅާބަލާ އިރު ރުޕީސްގެ އަގު ވަނީ 68.8650 އަށް ވެއްޓިފަ އެވެ.