01 ސެޕްޓެމްބަރ 2018 - 20:03

އެމްސްޓެޑަމް (ސެޕްޓެމްބަރު 1) - ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ބާއްވަން އުޅުނު ކާޓޫން ކުރެހުމުގެ މުބާރާތް ނެދަލޭންޑްސްގެ ހައްދުފަހަނަޅާފައިވާ ފަރާތެއް ކަމަށްވާ ގީޓް ވިލްޑާސް އެންމެ ފަހުން ކެންސަލް ކޮށްފި އެވެ.
އިސްލާމް ދީނަށް ވަރަށް ބޮޑަށް ނަފުރަތު ކުރަމުންދާ ވިލްޑާސް ބާއްވަން އުޅުނު ކާޓޫން މުބާރާތާ ދެކޮޅަށް ޕާކިސްތާނުގައި ވަނީ ވަރަށް ވަރުގަދަ އަށް އިހްތިޖާޖްކޮށްފަ އެވެ. އަދި އެ މުބާރާތް ބާއްވާ ނަމަ ނެދަލޭންޑްސްއާ ގުޅުން ކަނޑާލަން ވަނީ ޕާކިސްތާން ސަރުކާރަށް ގޮވާލައިފަ އެވެ. ޕާކިސްތާން ސަރުކާރުން ވެސް ވަނީ އެ މުބާރާތް ހުއްޓުވުމުގެ މައްސަލަ އދ. އަށް ގެންދާނެ ކަމަށް ބުނެފަ އެވެ.
"އިތުރު ހަމަނުޖެހުންތަކަށް ފުރުސަތު ނުދިނުމުގެ ގޮތުން މިހާރު ވަނީ ކާޓޫން ކުރެހުމުގެ މުބާރާތް ކެންސަލް ކޮށްފައި،" މަރުގެ އިންޒާރުތައް ލިބެމުން ދިޔަ ކަމަށް ބުނެ ވިލްޑާސް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ނެދަލެންޑްސް ސަރުކާރުން ބުނެފައި ވަނީ ގީޓް ވިލްޑާސް އަކީ ސަރުކާރުގެ މެންބަރެއް ނޫން ކަމަށެވެ. ނަމަވެސް ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ ކަމަށް ބުނެ ކާޓޫން މުބާރާތް ހުއްޓުވަން ނެދަލެންޑްސް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.