02 ސެޕްޓެމްބަރ 2018 - 07:19

މި އަހަރަކީ ޖޯން އަބްރަހަމަށް ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާގެ ދެ ފިލްމެއް ސިނަމާ އަށް އައިސްފައިވާ އިރު، އެ ފިލްމްތައް ވީ އަހަރުގެ ވިޔަފާރި ރަނގަޅު ފިލްމްތަކަށެވެ. އެގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރި "ސަތިޔަމޭވް ޖަޔަތޭ" އަށް ލިބެމުން އަންނަ ތަރުހީބު އަދިވެސް ކުޑައެއް ނުވެ އެވެ.

ކްރިޓިކުން ވެސް މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ އިރު، މި އެކްޝަން ތުރިލާއަކީ ވަރަށް މުހިއްމު ވާހަކައެއް ކިޔައިދޭ ފިލްމްމެއް ކަމަށް ބުނެފައިވެ އެވެ. ހަމައެއާ "ސަތިޔަމޭވް ޖަޔަތޭ" އެންމެ ކަމުދިޔަ އެއް ސަބަބަކީ ޖޯންގެ ބިޔަ ހަށިގަނޑާ އެކު ވަރުގަދަ އެކްޝަން މަންޒަރުތަކެއް ވެސް ފިލްމްގައި ހިމެނުނު އެވެ.

މިލަޕް މިލަމް ޒަވޭރީ ޑައިރެކްޓް ކުރި "ސަތިޔަމޭވް ޖަޔަތޭ" ހިނގި އަނެއް މުހިއްމު އެއް ސަބަބަކީ ފިލްމްގައި ވެސް ވަރަށް މަޝްހޫރުވި އައިޓަމް ލަވައެއް ވެސް ހިމެނުނު އެވެ. އެއީ ނޯރާ ފަތެހީގެ ފަރި ހަރަކާތައް ފެނިގެންދާ "ދިލްބަރް" އެވެ.
ޖޯންއާ އެކު ފިލްމްގައި ބަތަލާގެ ރޯލް ކުޅުނީ އަލަށް ތައާރަފުވި އައިޝާ ޝަރްމާ އެވެ.
މި އަހަރު ދެން ރިލީޒްވި ޖޯންގެ އަނެއް ފިލްމަކީ މެއި 25 ގައި ރިލީޒް ކުރި "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އެވެ. އަބީޝެކް ޝަރްމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާ އިން ޓެސްޓް ކުރި ނިއުކްލިއާ ބޮމެއް ގޮވި ހާދިސާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ޖޯންއާ އެކު މި ފިލްމްގައި އެންމެ މުހިއްމު ރޯލެއް ކުޅުނީ ޑަޔާނާ ޕެންޓީ އެވެ.
ޖޯން މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ނިކިލް އަދްވާނީ "ބަތުލާ ހައުސް" ގެ ބަތަލާއަކަށް ޓީވީ ބަތަލާ މުރްނާލް ތާކޫރް ހަމަޖައްސައިފި އެވެ. "ކުމްކުމް ބަގިޔާ" އިން ވިދާލި ބަތަލާގެ ފުރަތަމަ ބޮޑު ފިލްމަކީ އަންނަ މަހުގެ 14 ގައި ރިލީޒްކުރާ ތަބްރޭޒް ނޫރާނީގެ "ލަވް ސޯނިއާ" އެވެ.
ބޮލީވުޑާއި ހޮލީވުޑްގެ މަސްހުނި ކާސްޓެއް ފެނިގެންދާ ފިލްމުން މަޝްހޫރު ބަތަލާ ޑެމޯ މޯ ވެސް ފެނިގެން ދާނެ އެވެ.
"ބަތުލާ ހައުސް" ގެ ބަތަލާގެ ރޯލަށް މުރްނާލް ނަގާފައިވާ ކަމަށް މީޑިއާތަކުން ހަބަރު ފަތުރާފައިވާ އިރު، އޭނާ ވަނީ ދާދި ފަހުން ރިތިކް ރޯޝަންއާ އެކު ކުޅޭ ވިކާސް ބާލްގެ ފިލްމް "ސުޕަ 30" ގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ.
"ކަލް ހޯ ނަހޯ" ފަދަ ފިލްމްތައް ޑައިރެކްޓް ކުރި ނިކިލްގެ "ބަތުލާ ހައުސް" އަކީ އިންޑިއާގެ ފުލުހުންނާއި އެ ގައުމުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިންޑިއަން މުޖާހިދީންއާ ދެމެދު ހިނި ކުރިމަތިލުންތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. މީގައި ޖޯން އަދާ ކުރާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ޑީސީޕީ) ސަންޖީވް ކުމާރް ޔާދަވްގެ ރޯލެވެ.
އިންޑިއާގެ އަންޑަވޯލްޑް ގްރޫޕަކާ ގުޅުން އޮތް ކަމެއް ސާބިތުވެގެން ގާނޫނީ ގޮޅިއަކަށް ވެސް ފެތުނު އެކްޓަރު ސަންޖޭ ދަތު އަނެއްކާ ވެސް، އަންދަ ވޯލްޑް ޑޮންއެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ސޮއިކޮށްފަ އެވެ. މި ފަހަރު އޭނާ ސޮއި ކުރީ މުމްބާއީގެ ޑޮންއެއް ކަމަށްވާ ކަރީމާ ލާލާގެ ވާހަކަ ކިޔައިދޭ ފިލްމަކަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް ޑައިރެކްޓް ކުރަނީ "ބާގީ 2" ގެ ޑައިރެކްޓް ކުރި އަހުމަދު ހާންގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރި އަދްނާން ޝެއިހް އެވެ.
ސަންޖޭ އަންޑަވޯލްޑް ޑޮންއެއްގެ ރޯލް ކުޅެގެން އެންމެ ބޮޑަށް މަޝްހޫރުވި ފިލްމަކީ 1999 ގެ "ވާސްތާވް" އެވެ. އެ ފިލްމުން އޭނާ އަށް ވަނީ އެންމެ މޮޅު އެކްޓަރުގެ ފިލްމް ފެއާ އެވޯޑް ވެސް ލިބިފަ އެވެ. ސަންޖޭގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ތޯރްބާޒް"، "ކަލަންކް"، "ޕަނިޕަޓް" އަދި "ޝަމްޝޭރާ" ފާހަގަކޮށްލެވެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ބެލުންތެރިންނަށް ކަމަކު ނުދިޔަ "ސާހިބް ބީވީ އޯރް ގޭންގްސްޓާ" އެވެ.
މެއި، 10. 2019 އަށް މިހާރު ފަސްކޮށްފައިވާ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ރޯލަކަށް ބަތަލާ ގުލް ޕަނަގް ސޮއިކޮށްފަ އެވެ. ޕައިލެޓް ލައިންސަންސް އޮތް 39 އަހަރުގެ ބަތަލާ ކައިވެނިކޮށް، އަދި ދަރިއަކު ވެސް ލިބުނު ފަހުން، ފިލްމީ މަސައްކަތާ މިހާތަނަށް ހުރީ ވަރަށް ދުރުގަ އެވެ.
ނަމަވެސް އޭނާ "ސޮޓީ 2" އަށް ސޮއިކޮށްފައި އޭގެ ކާސްޓާއި ކްރޫއާ މިހާރު ގުޅިފައިވާ ކަމަށް މުމްބާއީ މިރާ އިން ބުންޏެވެ. ޕުނިތު މަލްއުތުރާ ޑައިރެކްޓް ކުރާ ފިލްމްގައި ގުލް ފެނިގެން ދާނީ ކުޅިވަރު ކޯޗެއްގެ ރޯލުންނެވެ.
މި ފިލްމްގެ ލީޑް ރޯލް ކުޅެނީ ޓައިގާ ޝްރޮފާއި އަލަަށް ތައާރަފުވާ ތާރާ ސުތާރިއާގެ އިތުރުން އަނަންޔާ ޕާންޑޭ" އެވެ. "ސޮޓީ 2" އަކީ ކަރަން 2012 ގައި ޑައިރެކްޓް ކުރި ފިލްމްގެ ސީކްއެލްއެކެވެ. އެ ފިލްމްގައި ކޯޗެއްގެ ރޯލް ކުޅުނީ ރޯނިތު (ބަޖާޖް) ރޯއި އެވެ.
މި އަހަރު ފަހުކޮޅު ކަލާޒް ޗެނެލުން ދައްކަން ފަށާނެ ކަމަށް ބެލެވުނު ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ނުވަ ވަނަ ސީޒަން އަންނަ އަހަރަށް ފަސްކޮށްފި އެވެ. ދާދި ފަހުން ޕޯޗްގަލްގައި ޝޫޓްކޮށް ނިންމައިލި މި ޝޯ މިހާރު ދައްކަން ފަށާ ގޮތަށް ނިންމާފައި ވަނީ ޖެނުއަރީ، 19، 2019 އިން ފެށިގެންނެވެ.
އިންޑިއާގެ މަޝްހޫރު ޓީވީ ސެލެބްރިޓީންގެ ވަރުގަދަ ސްޓަންޓްތައް ފެނިގެންދާ "ހަތުރޯންކާ ކިލާޅީ 9" ގެ ހޯސްޓަކީ މީގެ ކުރިން ވެސް މި ޝޯ ހޯސްޓްކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ.
ޝޯގެ ނުވަ ވަނަ ސީޒަނުން ފެނިގެންދާ ފަންނާނުންގެ ތެރޭގައި ހިމެނެނީ ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ އަދި ކުރީގެ ބަތަލާ ޝަމީތާ ޝެޓީ، މަޝްހޫރި ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހާޝް ލިމްބާޗިއާ، ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަން، ކޮރިއޯގްރާފަރު އަދި އެކްޓަރު ޕުނިތު ޕަތަކް، "ބިގް ބޮސް 11" ގައި ވާދަކުރި ވިކާސް ގުޕްތާ، ބަންދަގީ ކަރްލާ، ޓީވީ އެކްޓަރު އަލީ ގޯނީ، ޓީވީ ބަތަލާ އަދި ހޯސްޓް ރިދިމާ ޕަންޑިތު، ޓީވީ އެކްޓަރު ޒައިން އިމާމް، ޓީވީ ބަތަލާ އަވިކާ ގޯރް އަދި ޓީވީ ބަތަލާ ޖޭސްމިން ބާސިން އެވެ.