01 ސެޕްޓެމްބަރ 2018 - 16:09

ވޮޝިންޓަން (ސެޕްޓެމްބަރު 1) - ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އަށް އެމެރިކާ އިން ދޭ ހުރިހާ އެހީއެއް ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
އެމެރިކާ އިން ބުނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ އަކީ ފައިދާއެއް ކުރާ ތަނެއް ނޫން ކަމަށާއި އެމެރިކާ އިން ދެން އެެއްވެސް އެހީއެއް އެ އެޖެންސީ އަށް ނުދޭނެ ކަމަށެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާން ނަބީލް އަބޫ ރުދައިނާ ވިދާޅުވީ އެމެރިކާގެ ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާއެއް ކަމަށެވެ.
"މެދުއިރުމަތީގައި އެމެރިކާ އަށް ރޯލެއް އަދާނުކުރެވޭނެ ކަމަށް އޮތް އޮތުމަށް މިފަދަ އަދަބުތަކުން ބަދަލެއް ނާންނާނެ، " އޭނާ ވިދާޅުވި އެވެ.
ރުދައިނާ ވިދާޅުވީ އެމެރިކާގެ ނިންމުމަކީ އދ.ގެ ގަރާރުތަކާ ޚިލާފަށް ކުރި ކަމެއް ކަމަށެވެ.
ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އެންމެ ފުރަތަމަ އުފެއްދީ 1948 ވަނަ އަހަރުގެ އަރަބި-އިޒްރޭލް ހަނގުރާމައިގައި ހާލުގައި ޖެހުނު ފަލަސްތީނުގެ މީހުންނަށް އެހީވުމަށެވެ. އެޖެންސީން ބުނީ ގާޒާ، ހުޅަނގު އައްސޭރި، ޖޯޑަން، ސީރިއާ އަދި ލުބުނާނުގައި ފަލަސްތީނުގެ ފަސް މިލިއަން ރެފިއުޖީންނަށް އެހީވަމުންދާ ކަމަަށެވެ. އެޖެންސީ އަށް އެންމެ ބޮޑު އެހީއެއް ވެދެނީ އެމެރިކާ އިންނެވެ. އެޖެންސީގެ 30 ޕަސެންޓް ޚަރަދު ހަމަޖައްސައިދެނީ އެމެރިކާ އިންނެވެ. އެ ގައުމުން 2016 ވަނަ އަހަރު އެކަނި ވެސް ވަނީ 368 މިލިއަން ޑޮލަރު ދީފަ އެވެ. ޑޮނަލްޑް ޓްރަމްޕް ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާގެ އެހީ ވަނީ މަދުކުރަން ފަށައިފަ އެވެ.