02 ސެޕްޓެމްބަރ 2018 - 07:20

އެމެރިކާގެ ހަވާއީ ސްޓޭޓްގައި ރަސްކަން ކުރި ކަމެހާހަމެހާގެ ވާހަކަ ކިޔައިދޭ ފިލްމް "ދަ ކިންގް" އަށް ޑްވޭން (ރޮކް) ޖޯންސަން ސޮއިކޮށްފި އެވެ.

"ފޮރެސްޓް ގަމްޕް" އާއި "ކާސްޓްއަވޭ" ފަދަ މޮޅެތި ފިލްމްތައް ގެނެސް ދިން ރޮބަޓް ޒެމެކިސް ޑައިރެކްޓްކުރާ ފިލްމްގައި ރޮކް ކުޅޭނީ ފިލްމްގެ ޓައިޓްލް ރޯލެވެ. "ދަ ކިންގް" ކުޅުމުގެ އިތުރަށް މީގެ ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް އޭނާ ނަގާނެ އެވެ.
ވާނާ ބްރަދާޒް އިން ގެނެސްދޭ ފިލްމްގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ "ބްރޭވްހާޓް" ފަދަ ފިލްމްތަކުގެ ސްކްރީން ރައިޓަރު ރެންޑާލް ވެލެސްއާ އެވެ. "ދަ ކިންގް" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ 2020 ގަ އެވެ.
ނަމަވެސް ފިލްމްގެ އިތުރު ކާސްޓުންނާއި ސިނަމާތަކަށް ފިލްމް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޖުލައި މަހު ރިލީޒް ކުރި "ސްކައިކްރެޕާ" އިން ފެނިގެން ދިޔަ ރޮކް މިހާރު އަންނަނީ "ފައިޓިން ވިތު މައި ފެމިލީ" އާއި "ޖަންގަލް ކްރޫޒް" ގެ މަސައްކަތް ކުރަމުންނެވެ. އެއީ އަންނަ އަހަރަށް ތާވަލުކޮށްފައި ހުރި ފިލްމްތަކެވެ.
ފޯބްސް އިން މި އަހަރު އެކުލަވައި، އެންމެ ބޮޑު އާމްދަނީއެއް ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ލިބުނު އެކްޓަރުންގެ ލިސްޓްގެ ދެވަނައިގައި އޮތް ރޮކް، 46، ގެ ފިލްމަކަށް މި އަހަރު އެންމެ ފުރަތަމަ ސިނަމާ އަށް އައީ އެޕްރީލްގައި ރިލީޒް ކުރި "ރެމްޕޭޖް" އެވެ.
ފޮރެސްޓް ގަމްޕް (1994) ޑައިރެކްޓްކޮށްގެން އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ހާސިލުކޮށްފައިވާ ޒެމެކިސް، 66، އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ ދަ ވޯކް (2015) އެވެ.