މިލާނުން ފަހު ސިކުންތުގައި ރޯމާ ބަލިކޮށްފި
މިލާނުން ފަހު ސިކުންތުގައި ރޯމާ ބަލިކޮށްފި

މިލާން (ސެޕްޓެމްބަރު 1) – ފަހު ސިކުންތުކޮޅުގެ ތެރޭގައި ޒުވާން ފޯވާޑް ޕެޓްރިކް ކުޓްރޯނޭ ވައްދާލި ގޯލާ އެކު އޭސީ މިލާނުން އިޓާލިއަން ލީގުގައި ރޭ އޭއެސް ރޯމާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ފުރަތަމަ މެޗުން ނަޕޯލީ އަތުން 3-2 އިން ބަލިވި މިލާން އެއް މެޗު މަދުން ކުޅެފައިވާއިރު އެ ޓީމުގެ އަތުގައި އޮތީ ތިން ޕޮއިންޓެވެ. ފުރަތަމަ މެޗުން މޮޅުވެ ދެ ވަނަ މެޗުން އެއްވަރުވި ރޯމާ ވަނީ ހަތަރު ޕޮއިންޓް އެއްކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިލާނުން ވަނީ މެޗު ކޮންޓްރޯލްކޮށް ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމަށް ކުރި ހޯދައިދިނީ 40 ވަނަ މިނެޓުގައި ރިކާޑޯ ރޮޑްރިގޭޒްގެ ހުރަހަކުން ފްރޭންކް ކެސިއޭ އެވެ.

ދެ ވަނަ ހާފުގައި ރޯމާ އިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކޮށް އާޖެންޓީނާ ޑިފެންޑަރު ފެޑެރިކޯ ފަޒިއޯގެ ގޯލުން ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ އިރުކޮޅެއް ފަހުން މިލާނުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރް ބަލައިގެން ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އަދި ފަހުން ރޯމާގެ ސްޓީވަން އެންޒޮންޒީ ޖެހި ގޯލް ވެސް، އަތުން ކޮންޓްރޯލްކުރި ނަމަ ބަލައި ރެފްރީ ކެންސަލްކުރި އެވެ.

މިލާން މޮޅުވި ގޯލް ކުޓްރޯނޭ ޖެހީ އިތުރު ވަގުތުގެ ފަހު މިނެޓުގައި އެންޒޮންޒީ ހެދި ގޯހެއްގައި ފައިދާ ނަގައި ހިގުއައިން ދިން ޕާހަކުންނެވެ.

ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތް ޔުވެންޓަސް އިން މިރޭ ރަށުން ބޭރުގައި ޕާމާއާ ދެކޮޅަށް ކުޅޭއިރު އިންޓަ މިލާނުން ރަށުން ބޭރުގައި ނުކުންނާނީ ބޮލޯނިއާއާ ދެކޮޅަށެވެ. ނަޕޯލީން މާދަމަރޭ ބައްދަލުކުރާނީ ސަމްޕްޑޯރިއާއާ އެވެ.