ޑޭވިޑް ދަވަން "ނަމްބަރު 1" އަކާ އެކު އަންނަނީ
ޑޭވިޑް ދަވަން "ނަމްބަރު 1" އަކާ އެކު އަންނަނީ

ފިލްމްގެ ނަންތަކަށް "ނަމްބަރު 1" ހިމަނައިގެން ބޮލީވުޑްގައި އެންމެ ގިނަ ކާމިޔާބު ފިލްމްތައް ގެނެސް ދިން ޑައިރެކްޓަރަކީ ޑޭވިޑް ދަވަން އެވެ.

އޭގެ ތެރޭގައި ސަލްމާން ހާން ކުޅުނު "ބީވީ ނަމްބަރު 1" ގެ އިތުރުން ގޯވިންދާގެ "ހީރޯ ނަމްބަރު 1"، "އާންޓީ ނަންބަރު 1"، "ކޫލީ ނަމްބަރު 1"، "ޖޯޅީ ނަމްބަރު 1" އަދި "ޝާދީ ނަމްބަރު 1" ހިމެނެ އެވެ.

ޑޭވިޑް އަނެއްކާ ވެސް މިހާރު އަންނަނީ "ނަމްބަރު 1" ޓައިޓްލްގައި ހިމެނޭ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އެކަމަކު މި ފަހަރު ގޯވިންދާ ނުވަތަ ސަލްމާން ހިމަނައިނެއް ނޫނެވެ. ދަރިފުޅު ވަރުން ދަވަން ލީޑް ރޯލް ކުޅޭ ފިލްމެކެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޭވިޑްގެ އާ ފިލްމްވެގެން ދާނީ އޮރިޖިނަލް ސްކްރިޕްޓަކަށް ހަދާ ވަރަށް މަޖާ ފިލްމަކަށެވެ. މުމްބާއީ މިރާ އިން ބުނި ގޮތުގައި ޑޭވިޑް މިހާރު އަންނަނީ އޭގެ ސްކްރިޕްޓް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ނިމުނުހާ އަވަހަކަށް ފިލްމް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

ކުރިން ސަލްމާނާއި ގޯވިންދާއާ އެކު އާންމުކޮށް ފިލްމްތައް ހެދި ޑޭވިޑް މި ފަހުން ފިލްމްތައް މުޅިން ވެސް ހަދަނީ އޭނާގެ ދަރިފުޅު އަދި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރު ކަމަށްވާ ވަރުން ހިމަނައިގެންނެވެ. އެގޮތުން ދެ މީހުން އެންމެ ފަހުން އެކުގައި މަސައްކަތް ކުރީ މިދިޔަ އަހަރު ރިލީޒް ކުރި "ޖުޅްވާ 2" ގަ އެވެ.

އެ ފިލްމަކީ ސަލްމާން ޑަބަލް ރޯލް ކުޅެ 1997 ގައި ޑޭވިޑް ގެނެސް ދިން "ޖުޅްވާ" ގެ ދެވަނަ ބައެވެ. ވަރުންއާ އެކު ޑޭވިޑް ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަކީ 2014 ގެ "މޭ ތޭރާ ހީރޯ" އެވެ.

"ނަމްބަރު 1" ގެ ކޮމެޑީ ފިލްމެއް ހަދަން ޑޭވިޑް ތައްޔާރުވަމުން އަންނަކަން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ވަރުންއާ އެކު ސީރިއަސް ފިލްމެއް ހަދަން ވެސް އޭނާ ބޭނުންވާ ކަމަށް ބުނެފައި ވަނިކޮށެވެ.

ވަރުންގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 28 ގައި ރިލީޒް ކުރާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ.