ޕޮގްބާ ޖެނުއަރީ މަހު ޔުވެންޓަސް އަށް ބަދަލުވަނީ؟
ޕޮގްބާ ޖެނުއަރީ މަހު ޔުވެންޓަސް އަށް ބަދަލުވަނީ؟

ޓިއުރިން (ސެޕްޓެމްބަރު 1) – މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޕައުލް ޕޮގްބާ ޖެނުއަރީ މަހު ކުރީގެ ކްލަބް ޔުވެންޓަސް އަށް ބަދަލުވާން ބޭނުންވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ ވިދާލީ ވެސް 2012 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއާ ގުޅި ދައްކަން ފެށި މޮޅު ކުޅުމާ އެކު އެވެ. އޭގެ ފަހުން މީގެ ދެ އަހަރު ކުރިން ޔުނައިޓެޑުން އޭނާ އަނބުރާ ގަތީ 105 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ކޯޗު ހޯސޭ މޮރީނިއޯއާ މައްސަލަ ޖެހި ޕޮގްބާ ވަނީ ކްލަބުގައި ހުރީ އުފަލުން ނޫން ކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ޕޮގްބާ ދެއްކި ކުޅުމަށް މޮރީނިއޯ ފާޑުކިއުމުން އެކަމާ ވެސް އޭނާ ހިތްހަމަނުޖެހޭ ކަމަށްވެ އެވެ.

ޓިއުރިން އަށް ނިސްބަތްވާ ޓުޓޯސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ޕޮގްބާ ޖެނުއަރީ މަހު ޔުވެންޓަސްއާ ގުޅެން އަންނަނީ މަސައްކަތްކުރަމުންނެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އަމާޒުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ގެނެސްފައިވާ ޔުވެންޓަސް އިން ޕޮގްބާ ހޯދަން ސީޒަން ފެށުމުގެ ކުރިން ވެސް މަސައްކަތްކުރި ކަމަށްވެ އެވެ.

ޖެނުއަރީ މަހު ކްލަބް ބަދަލުކުރާ ކުޅުންތެރިންނަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅެފައިވާ ނަމަ އަނެއް ޓީމަށް އެ މުބާރާތުގައި ނުކުޅެވޭ އުސޫލް ޔުއެފާ އިން ވަނީ ބަދަލުކޮށްފަ އެވެ. އެހެންވެ ޕޮގްބާ ޖެނުއަރީ މަހު ޔުވެންޓަސް އަށް ބަދަލުވިއަސް، ނޮކްއައުޓް ބުރުން ފެށިގެން ޔުވެންޓަސް އަށް ކުޅެވޭނެ އެވެ. އަނެއްކޮޅުން މި ދެ ޓީމު ވެސް އޮތީ އެއް ގްރޫޕެއްގަ އެވެ.

ޕޮގްބާއާ ބާސެލޯނާ ގުޅުވައިގެން ވެސް ވާހަކަތައް ދެކެވެ އެވެ. އިނގިރޭސި ޓްރާންސްފާ ބާޒާރު ބަންދުވެފައި އޮއްވާ ބާސެލޯނާ އިން ޕޮގްބާ އަށް އޮފާކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭރު ޔުނައިޓެޑުން އޭނާ ނުވިއްކީ ބަދަލުގައި ކުޅުންތެރިޔަކު ގެނައުމުގެ ފުރުސަތު ނެތުމުން ކަމަށްވެ ވެ އެވެ.