ޓީވީ ބަތަލާ ސަނާޔާ އިރާނީ ވެސް ވެބް ސީޒީރެއްގައި
ޓީވީ ބަތަލާ ސަނާޔާ އިރާނީ ވެސް ވެބް ސީޒީރެއްގައި

މަޝްހޫރު ޓީވީ ބަތަލާ ނިއާ ޝަރްމާ ލީޑް ރޯލަށް ލައިގެން "ޓްވިސްޓެޑް" ގެ ނަމުގައި ވެބް ސީރިޒެއް ގެނެސްދިން މަޝްހޫރު ޑައިރެކްޓަރު، ވިކްރަމް ބަޓް އަނެއްކާ ވެސް މަޝްހޫރު ޓީވީ ބަތަލާއަކު ހިމަނައިގެން ވެބް ސިރީޒެއް ހަދައިފި އެވެ.

މި ފަހަރު ބެލުންތެރިންނަށް ދޫކޮށްލަނީ ސްޓާ ޕްލަސްގެ ކުރީގެ މަގުބޫލް ސިލްސިލާ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" ގެ ބަތަލާ ސަނާޔާ އިރާނީ އެވެ.

އޭނާ ވަރުގަދަ ރޯލަކުން ފެނިގެންދާ ވެބް ސީރީޒްގެ ނަމަކީ "ޒިންދާބާދު" އެވެ. ވިކްރަމް ޕްރޮޑިއުސްކޮށް، ސިދާންތު ސަޗްދޭވް ޑައިރެކްޓްކޮށްފައިވާ މި ވެބް ސީރީޒަކީ ޕޮލިޓިކަލް-އެކްޝަން ތުރިލާއެކެވެ.

މިހާރު ޓްރެއިލާ ވެސް ދައްކައިލައިފައިވާ "ޒިންދާބާދު" ގައި ސަނާޔާ ކުޅެފައި ވަނީ ސާރާ ސައިދު ކިޔާ ރޯ އެޖެންޓެއްގެ ރޯލެވެ.

މި ތަޖުރިބާއާ ބެހޭ ގޮތުން ޒުވާން ބަތަލާ ބުނީ "ރާޒް" ފަދަ ފްރެންޗައިޒްތައް ގެނެސް ދިން ވިކްރަމްއާ އެކު މަސައްކަތްކޮށްލަން ވަރަށް ފަސޭހަ ކަމަށެވެ. "ޒިންދާބާދު ގެ މުހިއްމު ރޯލެއް ވިކްރަމް ވެސް ކުޅެފައިވެ އެވެ.

"ވިކްރަމް ހިތްހަމަޖެހޭ ވަަރަށް އަހަރެން މަސައްކަތް ކުރެވުނު ކަމަށް އަހަރެން ގަބޫލު ކުރަނީ. ކޮންމެ ސީނެއް ނިންމާގފައި އޭނަ އޯކޭވީމަ ހުއްޓާލަނީ،" ޓީވީ އެކްޓަރު މޯހިތު ސޭގަލްގެ އަންހެނުން ބުންޏެވެ. "އެންމެ ބޮޑު އެއް އުފަލަކަށްވީ ޒިންދާބާދުގައި ވިކްރަމްއާ އެކު އެކްޓްކޮށްލަން ލިބުނީމަ."

ސަނާޔާ ބުނި ގޮތުގައި "ޒިންދާބާދު" އަކީ ބެލުންތެރިންނަށް އޭނާ ވަރަށް ތަފާތު ގޮތަކަށް ފެނިގެން ދާނެ އެއްޗެވެ. އަދި ވިކްރަމް ކަހަލަ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރަކާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ވެސް ހިތްހަމަޖެހޭ ތަޖުރިބާއެއް ކަމަށް ބުންޏެވެ.

"އަނެއްކޮޅުން ވިކްރަމް އަހަންނަށް އޮފާ ކުރި ސްޓޯރީ ވަރަށް ވަރުގަދަ. މިއަށް އެންމެ ބޮޑަށް ޝައުގުވެރިކަން އުފެދުނު ސަބަބަކީ ވެސް އެއީ،" ސަނާޔާ، 34، ބުންޏެވެ. "އަހަންނަށް ވަރަށް ޔަގީން ބެލުންތެރިންނަށް މީތި ވަރަށް ކަމުދާނެކަން."

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމުގެ ކުރިން ސަނާޔާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމްތަކުގައި ސަޕޯޓިން ރޯލްތަކެއް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި ކާޖޮލް އާއި އާމިރް ހާންގެ "ފަނާ" އާއި ސަންޖޭ ލީލާ ބަންސާލީ "ސާވަރިޔާ" ހިމެނެ އެވެ.

އޭނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ކަސޯޓީ"، "ރަންގްރަސިޔާ" އަދި "ޗަންޗަން" ހިމެނެ އެވެ.