އެޕަލް ޓައިވާންގައި މައިކްރޮލެޑް ޑިސްޕްލޭ އުފައްދަނީ
އެޕަލް ޓައިވާންގައި މައިކްރޮލެޑް ޑިސްޕްލޭ އުފައްދަނީ

އެޕަލް އިން މި އަހަރު އައިފޯނުގެ ތިން މޮޑެލްއެއް ނެރޭނެ އެވެ. މިއީ އަދި ހީވުމެއް ނަމަވެސް، ވަރަށް ބޮޑަށް އުންމީދުކުރެވޭ ކަމެކެވެ. އެ ތަނުން އެއް މޮޑެލްގެ ސްކްރީން "އެލްސީޑީ" އިން އުފައްދާނެ ކަމަށް ބެލެވޭއިރު، ދެ މޮޑެލް "އޯލެޑް" އަށް ބަރޯސާކުރާނެ އެވެ. އެޕަލް އަށް އަދި މި ނޫން ގޮތެއް ނެތެވެ.

މި އަހަރަށް ޚާއްސަ މޮޑެލްތައް އުފެއްދުމަށްޓަކައި، ރޭވުންތައް ރޭވުމުގެ ކުރިން ވެސް، އޯލެޑް އަކީ އެޕަލް އަށް އެހާ ކަމުދާ ޓެކްނޮލޮޖީއަކަށް ނުވެ އެވެ. އެންމެ ބޮޑު ސަބަބަކީ، އޯލެޑް ޑިސްޕްލޭތައް އުފެއްދުމަށް ސެމްސަންގް އަދި އެލްޖީ އަށް ބަރޯސާކުރަންޖެހުމެވެ. އަދި އޯލެޑް ޑިސްޕްލޭތަކުގެ އަގު ބޮޑުވުމެވެ. އޯލެޑް ޑިސްޕްލޭތައް އަގުބޮޑުވުމުން އެޕަލް އަށް އޮތް ދެރަ އަކީ ބޭނުންވަރަކަށް ފައިދާ ނުލިބުމެވެ.

އެޕަލްގެ އިޚުތިޔާރީ ޑިސްޕްލޭ ޓެކްނޮލޮޖީ އަކީ "މައިކްރޮލެޑް" އެވެ. އެޕަލްގެ އޮފިޝަލުން ޓައިވާނަށް ދާތީ އެހާ ގިނައިން ފެންނަނީ މި ސަބަބާ ހެދި އެވެ. މި އަހަރު ނެރޭ އައިފޯނުތަކުގައި މައިކްރޮލެޑް ޑިސްޕްލޭތައް އަޅުވާނުލެވުނު ނަމަވެސް، މައިކްރޮލެޑް އެންމެ ފުރަތަމަ އާންމުންނަށް ފެންނާނެ އެޕަލްގެ އުފެއްދުމަކަށް "އެޕަލް ވޮޗް" ވާނެ ކަމަށް ބެލެވެ އެވެ.

އެޕަލް ޓައިވާނުގައި "އޭޔޫ އޮޕްޓްރޯނިކްސް"ގެ އިންޖިނޭރުންނާ މަޝަވަރާކުރާނެ އެވެ. އެޕަލްގެ އުފެއްދުންތަކަށް މައިކްރޮލެޑް ޑިސްޕްލޭތައް ތައްގަނޑުކުރާނެ ގޮތް ކަނޑައަޅައި، އުފެއްދުންތައް ދަމަހައްޓާނެ ފެންވަރު ކަނޑައަޅާނެ އެވެ.

އޭޔޫ އޮޕްޓްރޯނިކްސްގައި މައިކްރޮލެޑް އުފެއްދިފައި ހުރި މިންވަރު އާންމުންނަކަށް ނޭނގެ އެވެ. އެހެން ނަމަވެސް ބެލެވެނީ އައިފޯނުތަކަށް ފުދޭ ވަރަށް އަދި އުފެއްދިފައި ނެތްހެންނެވެ. އެ ނޫން ގޮތެއްގައި ނަމަ މައިކްރޮލެޑް ބަހައްޓާފައި އޯލެޑް އަށް އެޕަލް ނުދިޔައީހެވެ. އައިފޯނުތަކަށް ބޭނުންޖެހޭ އަދަދަށް މައިކްރޮލެޑް ޑިސްޕްލޭތައް އުފެއްދިދާނެ ކަމަށް ޝައްކުވާތީ، އެލްސީޑީ އަދި އޯލެޑް މޮޑެލްތައް އެޕަލް އިޚުތިޔާރުކުރީ ކަމަށް ބެލެވެ އެވެ.