02 ސެޕްޓެމްބަރ 2018 - 07:15

މިދިޔަ ޖުލައި މަހު އިނގިރޭސިވިލާތުގައި މަރާލި ކަމަށް ބެލެވޭ 13 އަހަރުގެ އަންހެން ދަރިވަރެއްގެ މަރުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ތަހުގީގަށް ފޭސްބުކްގެ ޕާސްވޯޑް ނުދީގެން 14 މަހަށް ޖަލަށް ލާން ހުކުރު ދުވަހު އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ޖުލައި، 26 ގައި ސައުތަމްޓަންގެ ސްޕޯޓްސް ސެންޓަރުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ބެލެވޭ ލޫސީ މެކްހިއު، 13، ގެ މަރުގެ މައްސަލާގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ކޯޓު އަޑުއެހުމުގައި އިއްވި ހުކުމުގައި ބުނީ ސްޓެފެން ނިކޯލްސަންގެ ފޭސްބުކްގެ ޕާސްވޯޑް ފުލުހުންނަށް ދޭން އިންކާރުކޮށްފައިވާ ކަމަށާއި އެއީ ބޮޑު ޖަރީމާއެއް ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާކުރީ ރެގިއުލޭޝަން އޮފް އިންވެސްޓިގޭޓްރީ ޕަވާޒް އެކްޓް (ރިޕާ) ގެ ދަށުންނެވެ. އެ ގާނޫނުން ވަނީ ތަހުގީގަށް ޕާސްވޯޑް ހޯދުމުގެ ބާރު ފުލުހުންނަށް ދީފަ އެވެ.
ނިކޯލްސަން އަށް 14 މަހުގެ ޖަލު ހުކުމެއް އިއްވި ސަދަމްޕްޓަން ކްރައުން ކޯޓްގެ ޖަޖް ޕާކާ ކިއުސީ ވިދާޅުވީ އޭނާ ތަހުގީގަށް ހުރަސް އަޅައި، ލޫސީގެ މަރުގެ ތަހުގީގު ލަސްކުރަން މަސައްކަތް ކުރާ ކަމަށެވެ.
"ތަހުގީގަށް ފުލުހުންނަށް އެއްބާރުލުން ނުދިނުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެއް. އަދި ހަމައެއާ އެކު، ތަހުގީގަށް އެއްބާރުލުން ނިކޯލްސަން ނުދޭތީ ލޫސީގެ މަރުގެ ތަހުގީގަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅި، ދިގުދެމިގެންދާ ގޮތް ވެފައި،" ޖަޖް ވިދާޅުވި އެވެ.
މި މައްސަލާގައި ފުލުހުން ބުނި ގޮތުގައި ނިކޯލްސަންގެ ފޭސްބުކް ޕާސްވޯޑް ހޯދަން ބޭނުންވީ ލޫސީ މަރައިލުމުގެ ކުރިން އޭނާ އާއި އެ ކުއްޖާއާ ދެމެދު އެއްވެސް މުއާމަލާތެއް ހިނގައިފައިވޭތޯ ބެލުމަށެވެ. ނިކޯލްސަންއަކީ ލޫސީގެ އާއިލާއާ ވެސް ގާތް ގުޅުމެއް އޮތް އަވަށްޓެރިއެކެވެ.
ލޫސީގެ މަރުގެ މައްސަލާގައި ފުލުހުން ނިކޯލްސަން ހައްޔަރު ކުރީ، އޭނާގެ ފަރާތުން އެ ކުއްޖާ އަށް ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށް ޝައްކު ކުރެވިގެންނެވެ.
ޕާސްވޯޑް ނުދިން މައްސަލާގައި 14 މަހުގެ ޖަލު ހުކުމެއް އިއްވުމަށް ފަހު، ނިކޯލްސަން އަށް އިތުރު ދައުވާއެއް އުފުލުމާ މެދު އަންނަ މަހުގެ 27 ގައި ގޮތެއް ނިންމުން އޮންނާނެ އެވެ.