ކަރަން ކައިވެނި ކުރަން ބޭނުމީ ކަރީނާއާ
ކަރަން ކައިވެނި ކުރަން ބޭނުމީ ކަރީނާއާ

ކައިވެންޏެއް ނުކުރިޔަސް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރަކީ މިހާރު ދެ ކުދިންގެ ބައްޕައެކެވެ. ސަރޮގެސީ ހަދައިގެން އޭނާ އަށް ލިބިފައި ވަނީ އެއްމާބަނޑު ދެ ކުދިންނެވެ. އެއީ ޔާޝް އާއި ރޫހީ ޖޯހަރް އެވެ.

ކަރަން ކައިވެނި ކުރަން ބޭނުމީ ކަރީނާއާ
ކަރަން ކައިވެނި ކުރަން ބޭނުމީ ކަރީނާއާ

ޓޯކް ޝޯއެއްގައި ކަރަންއަށް ކުރިމަތި ކުރުވި ސުވާލަކީ މިއީ އެވެ؛ ކައިވެންޏެއް ކުރަން ބޭނުންވާ ނަމަ، އިންނާނީ ކޮން ބަތަލާއަކާ ހެއްޔެވެ؟ މި ސުވާލު ކަރަން އަށް ކުރިމަތި ކުރުވީ މަޝްހޫރު ފެޝަން ޑިނައިރު އަނައިތާ ޝްރޮފް އަދަޖާނިއާގެ ޓޯކް ޝޯގަ އެވެ.

ފަސް ޖެހުމެއް ނެތި ކަރަން ޖަވާބު ދިނެވެ. އޭނާ ބުނި ގޮތުގައި ބޮލީވުޑްގައި މިހާރު ތިބި މަޝްހޫރު ބަތަލާއިންގެ ތެރެއިން ބަތަލާއަކާ ކައިވެނި ކުރަން ފުރުސަތެއް ލިބޭ ނަމަ ހޮވުމަކަށް ވާނީ ކަރީނާ ކަޕޫރެވެ.

އެކަމަކު ކަރީނާއަކީ ސައިފް އަލީ ޚާންގެ އަނބިމީހާ އެވެ. އެ ދެ މީހުންގެ ދެ އަހަރުގެ ދަރިއަކު ވެސް އެބަ ހުއްޓެވެ. ފާހަގަކޮށްލެވޭ ކަމަކީ ކަރީނާއަކީ ކަރަންގެ ވަރަށް ގާތް ރައްޓެއްސެއް ކަމެވެ. ކަރަންގެ އެންމެ ފެވަރިޓް އެއް ބަތަލާއަކީ ވެސް ކަރީނާ އެވެ.

އޭނާގެ ފިލްމް ކުންފުނި ދަރްމާ ޕްރޮޑަކްޝަންގެ ފިލްމްތައް އެންމެ ގިނައިން ކުޅެން ލިބޭ އެއް ބަތަލާއަކީ ވެސް ކަރީނާ އެވެ. ކަރަންއާ އެކު ކަރީނާ ފުރަތަމަ މަސައްކަތް ކުރި ފިލްމަކީ 2001 ގެ "ކަބީ ހުޝީ ކަބީ ޣަމް" އެވެ. އެ ފިލްމްގައި ކަރީނާ ލައްވައި ކަރަން ކުޅުވި ތުއި ބޮޑު ޕޫގެ ރޯލަކީ މިހާރު ވެސް ބެލުންތެރިންގެ މެދުގައި އެ ކެރެކްޓާއެއްގެ ވާހަކަ ދެކެވޭ ރޯލެކެވެ.

ކަރަން ޑައިރެކްޓް ކުރާ ދެވަނަ ފިލްމަކުން ވެސް ކަރީނާ އަށް މިހާރު ވަނީ ފުރުސަތު ލިބިފަ އެވެ. އެއީ ބޮޑު ކާސްޓަކާ އެކު 2020 ގައި ގެނެސްދޭ "ތަހުތު" އެވެ. މީގެ އިތުރުން ކަރަން ޕްރޮޑިއުސްކޮށް އަންނަ އަހަރު ނެރޭ "ގުޑް ނިއުސް" ގެ އެއް ބަތަލާއަކީ ވެސް ކަރީނާ އެވެ.

ކަރީނާ ކުޅެފައިވާ ކަރަންގެ އިތުރު ފިލްމްތަކުގެ ތެރޭގައި "ގްރުބާން"، "އޭކް މޭ އޯރް އޭކް ތޫ"، "ވީ އާ ފެމިލީ" އަދި "ގޯރީ ތެރެ ޕިޔާރް މޭ" ހިމެނެ އެވެ.

ކަރީނާ އަށް އޮތް ލޯބި ކަރަން ފާޅުކޮށްފައިވާ އިރު، އޭނާ މިހާތަނަށް އެންމެ ބޮޑަށް ލޯބިވި އަންހެނަކީ ކުރީގެ ބަތަލާ އަދި އެކްޓަރު އަކްޝޭ ކުމާރްގެ އަންހެނުން ޓްވިންކަލް ކަންނާ ކަމަށް ބުނެފައިވެ އެވެ. އެ ވާހަކަ ޓްވިންޓަލް އާއި އަކްޝޭ ގެނެސްގެން "ކޮފީ ވިތު ކަރަން" ގެ ފަސް ވަނަ ސީޒަނުގައި ވެސް ކަރަން ދައްކާފައިވެ އެވެ.

އޭނާގެ އަލަތު ޑައިރެކްޝަން ކުޗް ކުޗް ހޯތާ ހޭ (1998) ގައި ރާނީ މުކަރްޖީ ކުޅުނު ޓީނާގެ ރޯލަކީ ވެސް ޓްވިންކަލް އަށް ހާއްސަކޮށްގެން ލިޔުނު ރޯލެކެވެ. ޓީނާއަކީ އާންމުކޮށް ޓްވިންކަލް އަށް ކިޔާ ނަމެވެ.

ނަމަވެސް "ކުޗް ކުޗް ހޯތާ ހޭ" ގައި އޭރުގެ އެންމެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޝާހްރުކް ހާނާއި ކާޖޮލް ލީޑް ރޯލް ކުޅޭތީ، ޓްވިންކަލް ވަނީ އެ ފިލްމް ގަބޫލު ނުކޮށް ދޫކޮށްލައިފަ އެވެ.