01 ސެޕްޓެމްބަރ 2018 - 07:14

ޝޫޓިން ނިމިފައި ވަނިކޮށް ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމް "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" ގެ މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ޖެހުނު އިރު، އެކްޓަރު ސޯނޫ ސޫދު އެހެން ފިލްމެއްގެ ކެރެކްޓާއަކަށް ތުނބުޅި ބަހައްޓަން ޖެހި، އެ ބޭލެން ނެެތުމުން ފިލްމް ދޫކޮށްލައިފި އެވެ.

ސޯނޫ ތުނބުޅި ދިގުކޮށްފައި ވަނީ މިހާރު ޝޫޓް ކުރަމުން އަންނަ ރޯހިތު ޝެޓީގެ "ސިމްބާ" އަށެވެ. އަންނަ ޑިސެމްބަރު މަހުގެ 28 އަށް ތާވަލުކޮށްފައިވާ ރަންވީރް ސިންގް އާއި ސާރާ އަލީ ހާން ލީޑް ރޯލް ކުޅޭ އެ ފިލްމްގެ ވިލަންއަކީ ސޯނޫ، 45، އެވެ.
މި ވަގުތު އެ ފިލްމްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާތީ، ތުނބުޅި ބޭލެން ނެތުމުން، އޭނާ "މަނިކަރްނިކާ" ދޫކޮށްލިކަން އެ ފިލްމްގެ ޓީމުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ޖެނުއަރީ، 25، 2019 އަށް ތާވަލުކޮށްފައިވާ ފިލްމްގައި ސޯނޫ ކުޅުނު ކެރެކްޓާއަކީ ސަދާޝިވްރާއޯ ބާއޮ ކިޔާ މަރަޓާ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރެއްގެ ރޯލެވެ. އެ ކެރެކްޓާއަކީ މަތިމަހެއް ހުންނަ ކެރެކްޓާއެކެވެ.
ކްރިޝް ޑައިރެކްޓްކޮށްފައިވާ "މަނިކަރްނިކާ" އަކީ އިންޑިއާގެ ތާރީހުގައި ފާހަގަކޮށްލެވޭ އަންހެން ހަނގުރާމަވެރިޔާ ރާނީ ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމްގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ ކަންގަނާ އެވެ.
"މަނިކަރްނިކާ" ސޯނޫ ދޫކޮށްލުމާ ގުޅޭ ގޮތުން އޭނާގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނީ ފިލްމް ދޫކޮށްލީ ވާހަކަ ދެއްކުމަށް ފަހު، ޕްރޮފެޝަނަލްކަމާ އެކު ކަމަށެވެ. އަދި "މަނިކްރަނިކާ" ގެ މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ރޭވި ނަމަވެސް، "ސިމްބާ" ގެ މަސައްކަތާއި "މަނިކަރްނިކާ" ގެ މަސައްކަތް ފުށު އަރައި، ތުނބުޅި މި ވަގުތު ބޭލެން ނެތުމުން ފިލްމް ދޫކޮށްލީ ކަމަށް ބުންޏެވެ.
އަދި އޭނާ އެ ފިލްމްގެ ޓީމަށް ހެޔޮ ދުއާ ފޮނުވާ ކަމަށާއި ފިލްމަށް ކާމިޔާބީ އަށް އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ. ބަޔާނުގައި ބުނި ގޮތުގައި ކަންގަނާއާ އެކު ކުރިއަށް އޮތް ތަނުގައި އިތުރު ފިލްމެއްގައި މަސައްކަތް ކުރަން ލިބޭނެ ކަމަށް ސޯނޫ އުންމީދު ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސޯނޫ ފިލްމް ދޫކޮށްލުމުން އޭނާ ކުޅުނު ކެރެކްޓާ އަށް އަލުން އެކްޓަރަކު ހޯދައި، އަލުން ޝޫޓް ކުރަން ބޮޑު މަސައްކަތެއް ކުރަން ޖެހޭނެ އެވެ. އަނެއްކޮޅުން ކްރިޝް މި ވަގުތު އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގެ ކުރީގެ ސްޕަސްޓާ އެންޓީއާރްގެ ބައޮގްރަފިކަލް ޑްރާމާގެ މަސައްކަތަށް ހުސްވުމުން "މަނިކަރްނިކާ" ގައި އަލުން ޝޫޓް ކުރަން ޖެހުނު މަންޒަރުތަކުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ ކަންގަނާ އެވެ.
މިކަމާ ގުޅޭ ގޮތުން ކަންގަނާ ވަނީ އެހެން އެކްޓަރަކާ އެކު ސޯނޫ ކުޅުނު ކެރެކްޓާ ކުޅުވުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ބުނެފަ އެވެ. އޭނާ އަދި ބުނީ ސޯނޫ އަށް މައްސަލައަކަށްވީ ތުނބުޅި ބޭލުން ނޫން ކަމަށާއި އޭނާ އަށް މައްސަލައަކަށްވީ އަންހެނަކު ފިލްމްގެ މަންޒަރުތަކެއް ޑައިރެކްޓް ކުރަން ހަވާލުވުން ކަމަށެވެ.
"އަހަރެން މީގެ މަންޒަރުތަކެއް ޝޫޓް ކުރަން ހަވާލުވީމަ އަހަންނާ ދޭތެރެ ސޯނޫ އަށް އިތުބާރު ނެތި އަދި އަންހެނަކަށް އަހަރެންވާތީ އޭނާ މަސައްކަތް ކުރަން ބޭނުން ނުވީ ކަމަށް ގަބޫލު ކުރަނީ،" ކަންގަނާ ބުންޏެވެ. "އޭނަ ފިލްމް ދޫކޮށްލުމަކުން ވާނެ އެއްވެސް ގެއްލުމެއް ނެތް. އެތަން މާ ބޮޑަށް ވެސް އަހަރެމެން ފޫބައްދާނަން."
"ބާހްބަލީ" ގެ ސްކްރީން ރައިޓަރު ކޭވީ ވިޖެންދްރަ ޕްރަސާދާއި މަޝްހޫރު ޅެންވެރިޔާ ޕްރަސޫން ޖޯޝީގެ ސްކްރީންޕްލޭއަކަށް ހަދާ "މަނިކަރްނިކާ" ގެ ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރްނީ ޖިއްސޫ ސެންގުޕްތާ އަދި ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ ހިމެނެ އެވެ.
ސޯނޫ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 7 ގައި ރިލީޒް ކުރާ ޖޭޕީ ދައްތާގެ ހަނގުރާމަތީ ފިލްމް "ޕަލްޓާން" އިންނެވެ.