06 އޯގަސްޓް 2016 - 09:50

ސިންގަޕޫރު (އޮގަސްޓް 6) - ސިންގަޕޫރަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު އިންޑޮނީޝިއާގެ ހަ މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
އުމުރުން 19-46 އަހަރުގެ ހަ މީހުން ހައްޔަރު ކުރީ ބަތަލްއާ ކައިރި ހިސާބުތަކުންންވެ. އެ މީހުން ރާވާފައި ވަނީ ސިންގަޕޫރުގެ ދެކުނުން އޮންނަ ބަތަލް އިން ރޮކެޓް ހަމަލާއެއް މެރީނާ ބޭ އަށް ދިނުމަށެވެ. ސިންގަޕޫރުން ބުނީ މަތީ ފަންތީގެ ޓޫރިސްޓުން އުޅޭ އެ ސަރަހައްދަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ކުރިން ލިބިފައިވާ ކަމަށެވެ. އެކަމަކު މެރީނާ ބޭ އަށް ހަމަލާއެއް ދެވޭނެވަރުގެ ގާބިލްކަން އެ ހަ މީހުންނަށް ލިބިފައިވާ ކަމާ މެދު ޝައްކެވެ.
އިންޑޮނީޝިއާ ފުލުހުންގެ ތަރުޖަމާން ބޯއީ ރަފްލީ ވިދާޅުވީ ހައްޔަރުކުރި ހަ މީހުންނާ މިހާރު ސުވާލުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އިންޑޮނީޝިއާގެ ހަނގުރާމަވެރިޔާ ބަހުރުން ނައިމްއާ އެ ހަ މީހުންނާ ގުޅުމެއް އޮތްތޯ ބަލަމުންދާ ކަމަށެވެ. ނައިމް އަކީ ޖަކާޓާގައި މި އަހަރު ދިން ހަމަލާތަކުގެ ފަހަތުގައިވާ އެކަކެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު އެ މީހުން ވަނީ ސިންގަޕޫރުގެ މުހިންމު ތަންތަނަށް ހަމަލާ ދިނުމަށް ރާވާފައި. އޭގެ ތެރޭގައި ފުލުހުންގެ އޮފީސްތައް ވެސް ހިމެނޭ،" ފުލުހުންގެ ތަރުޖަމާން އަގުސް ރިއަންޓޯ ރޮއިޓާސް އަށް ވިދާޅުވި އެވެ.
ސިންގަޕޫރުގެ ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމަށް ހަމަލާއެއް ދޭން ރޭވަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އިންޑޮނީޝިއާގެ ކަމާބެހޭ ފަރާތްތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހައްޔަރުކުރި ހަ މީހުންގެ އަމަލުތައް މޮނިޓާ ކުރަމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ.