އުމެއިރަށް ފުރުސަތު ނެތީ އަނިޔާގައި ހުރުމުން: ކޯޗު
އުމެއިރަށް ފުރުސަތު ނެތީ އަނިޔާގައި ހުރުމުން: ކޯޗު

ސާފް ސުޒުކީ ކަޕަށް ނެގި 22 ކުޅުންތެރިންގެ ފައިނަލް ސްކޮޑުގައި ނިއު ރޭޑިއަންޓްގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރު ނުހިމެނީ އަނިޔާގައި ހުރުމުން ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

މި މަހު ހަ ވަނަ ދުވަހުން ފެށިގެން ގަތަރުގައި 27 ކުޅުންތެރިންނާ އެކު ގައުމީ ޓީމު ޓްރެއިނިން ކުރިއަށްގެންދާއިރު، އާދިއްތަ ދުވަހު ސާފަށް ބަންގްލަދޭޝަށްދާނީ 22 ކުޅުންތެރިނެވެ. އުމެއިރުގެ އިތުރުން ދެން ޓީމުން ބާކީވީ ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު އައްޒާމް އާއި މުހައްމަދު ސާމިރު، އީގަލްސްގެ ޒުވާން ތަރި ހަސަން ރާއިފް (ހަންނަ) އަދި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ.

ސެގާޓް ބުނީ އުމުރުން 30 އަހަރުގެ އުމެއިރުގެ އުކުޅުވަޅަށް އަނިޔާވެފައިވާ ކަމަށާއި މުބާރާތް ފެށެންވާއިރަށް އޭނާ އެއްކޮށް ފިޓްނުވާނެތީ ރިސްކު ނަގަން ބޭނުންނުވީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އުމެއިރުގެ އުކުޅުވަޅަށް އަނިޔާވުމުގެ ސަބަބުން ގަތަރު ޓްރެއިނިން ކޭމްޕްގައި ބައެއް ދުވަސްތަކުގައި އޭނާ އަށް އެންމެ ރަނގަޅަށް ޓްރެއިނިން ކުރިއަށް ނުގެންދެވެ އެވެ.

މި ފަހަރުގެ ސާފަށް ޓްރެއިނިން ކޭމްޕަށް ފުރިއިރު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މުޖުތާޒް މުހައްމަދު (މުޖޭ) ވެސް ހުރީ އަނިޔާގަ އެވެ. އެކަމަކު ޓްރެއިނިން ކޭމްޕް ފެށިގެން މާ ގިނަ ދުވަހެއް ނުވެ އެ ދެ ކުޅުންތެރިން އެއްކޮށް ފިޓްވެފައިވާ ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

އުމެއިރަކީ މީގެ ކުރިން ގައުމީ ޓީމާ އެކު ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު ޓީމުގެ ފުރަތަމަ އެގާރައިގައި ގިނަ މެޗުތަކެއް ކުޅުނު ކުޅުންތެރިއެކެވެ.

އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނު މެޗަކީ 2007 ވަނަ އަހަރު ރާއްޖެ ޔަމަނާ ދެކޮޅަށް ކުޅުނު މެޗެވެ. އުމެއިރަކީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ.

އުމެއިރު ވަނީ ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ގިނަ ޓީމުތަކަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ވަގުތު ރާއްޖޭގެ ޓީމަށް ބަލާއިރު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއަކީ ވެސް އޭނަ އެވެ. ކެރިއަރުގެ ކުރީކޮޅުގައި ޑިފެންޑަރެއްގެ ގޮތުގައި ފެނުނު ނަމަވެސް ފަހުން އޭނާ ފެންނަނީ އެޓޭކިން މިޑްފީލްޑަރެއްގެ ރޯލުންނެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނެނީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާ އެވެ. ދެ ވަނަ މެޗުގައި އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ.