01 ސެޕްޓެމްބަރ 2018 - 07:11

ޒީޓީއީ އަށް ދަތިކުރުމަށް އެމެރިކާއިން އެޅި ފިޔަވަޅުތައް ވަނީ ވަގުތީ ގޮތުން އުވާލައިފަ އެވެ. އެހެންކަމުން، ދުނިޔޭގެ މާކެޓުގައި އަދި މިނިވަން ވިޔަފާރީގައި މުއާމަލާތުކުރުމަށް އެ ކުންފުންޏަށް މި ވަގުތު ހުރަހެއް ނެތެވެ. އެހެން ނަމަވެސް، ޗައިނާގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް ވާތީ އޮތް ޕްރެޝަރާއި ބިރުވެރިކަން އަދި ވެސް ފިލައިގެން ނުދެ އެވެ.
ޒީޓީއީ އަކީ ޗައިނާ އަށް އުފަން މުވާސަލާތީ ކުންފުންޏެކެވެ. އެމެރިކާ އަދި ބައިވެރިން ގުޅިގެން ޗައިނާ އަށް އިގުތިސޯދީ ގޮތުން ދަތިކުރުން ރާވާފައި ހުރި ރޭވުންތަކުގައި، ޒީޓީއީ އަކީ ވެސް އިންދިޖައްސާލަން ރަނގަޅު ކުންފުންޏެއް ގޮތުގައި އެބައި މީހުން ލިސްޓްކޮށްފައި ވެ އެވެ.
އެމެރިކާގައި އުފައްދާ މުވާސަލާތީ އާލާތްތައް، ނޯތު ކޮރެއާ އަދި އީރާނަށް ޒީޓީއީ އިން ވިއްކާ ކަމަށް ނިންމައި، ދަތިކުރަން އެޅި ފިޔަވަޅު މިހާރު ވަނީ ބޮޑު ޖޫރިމަނާއަކުން ކެންސަލްކޮށްފަ އެވެ. މި ކަމުން ސަލާމަތްވުމަށް ޒީޓީއީ އިން 1.4 ބިލިއަން ޑޮލަރު، އެމެރިކާގެ އިދާރާތަކަށް ވަނީ ދައްކާފަ އެވެ. އަދި ޒީޓީއީ ހިންގުމަށް ބަދަލުގެނެސް، މަތި ފަޑި ވަނީ ބަދަލުކޮށްފަ އެވެ.
އެމެރިކާއިން ވިޔަފާރީގެ ގޮތުން ދަތިކުރަން ޒީޓީއީ އަށް އެޅި ފިޔަވަޅުގެ ސަބަބުން ކުންފުނި ބަނގުރޫޓުވެދާނެ ކަމަށް ހީކުރެވުނެވެ. އެެހެން ނަމަވެސް ޗައިނާ ސަރުކާރު އިސްވެ ކުރި މަސައްކަތްތަކުން ކުންފުނި ސަލާމަތްވުމާ އެކު، ޒީޓީއީ އިން ވަނީ ކުރި އަށް ވިސްނަން ފަށާފަ އެވެ.
ދުނިޔޭގެ މުވާސަލާތީ ނެޓްވޯކް 5ޖީ އަށް ހޭލައިގަންނައިރު، ގަދަ ބާރެއް ގޮތުގައި އޮތުމަށް ޒީޓީއީ ކުރާ މަސައްކަތްތަކުގެ ދުވެލި ވަނީ ބާރުކޮށްފަ އެވެ. ބައްރުތަކުގައި ހުރި ވިޔަފާރި ފުރުަސަތުތައް ހޯދައި 5ޖީ ނެޓްވޯކަށް ހާޑްވެއާ ބަރާބަރުކުރަން ވަނީ ފަށާފަ އެވެ. އެެހެން ނަމަވެސް އޮސްޓްރޭލިޔާ ފަދަ ވާދަވެރި މާކެޓްތަކުން ފުރުސަތު ނުލިބިދާނެ ކަމަށް މިހާރު ވެސް ވަނީ ބެލެވިފަ އެވެ.