ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މޮޑްރިޗަށް
ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މޮޑްރިޗަށް

މޮނާކޯ (އޮގަސްޓް 30) – ޔުއެފާ އިން ހޮވާ ޔޫރަޕުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެއް ވަނަ މިޑްފީލްޑަރުގެ މަގާމް ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ހާސިލްކޮށް ކްރޮއޭޝިއާއާ އެކު ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި ލޫކާ މޮޑްރިޗް ހޯދައިފި އެވެ.

ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި މޮޑްރިޗް މި ޝަރަފްވެރި އިނާމް ހާސިލްޖުރީ އޭނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލުގައި ލަނޑުގެ ރެކޯޑް ގާއިމްކުރި މިސްރުގެ މުހައްމަދު ސަލާހާ ވާދަކޮށްގެންނެވެ.

ޔޫރަޕުގެ 80 ކޯޗުންނާއި 55 ނޫސްވެރިންގެ ޕެނަލަކުން ހޮވި މި މަގާމުގެ އެވޯޑް މޮޑްރިޗާ ހަވާލުކުރީ، މޮނާކޯގައި މިރޭ ބޭއްވި ޔުއެފާ އެވޯޑް ހަފުލާގައި އެ އެސޯސިއޭޝަނުގެ ރައީސް އެލެކްސެންޑާ ޗެފެރިން އެވެ.

މިރޭ ހޮވި އަނެއް ތިން މަގާމް ވެސް ހާސިލްކުރީ މޮޑްރިޗާ އެކު މެޑްރިޑަށް ކުޅުނު ކުޅުންތެރިންނެވެ. އެންމެ މޮޅު ފޯވާޑުގެ މަގާމް މިސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދިއިރު އެއް ވަނަ ޑިފެންޑަރަކީ މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ އެ ޓީމުގެ ކޮސްޓަ ރީކާ ކީޕަރު ކޭލާ ނާވަސް އެވެ. މިރޭގެ ރަސްމިއްޔާތުގައި ރޮނާލްޑޯ ބައިވެރިނުވެ އެވެ.

ޔުއެފާ ޕްރެޒިޑެންޓްސް އެވޯޑް މި އަހަރު ދިނީ އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމަށެވެ. މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، އެލްއޭ ގެލެކްސީ، އޭސީ މިލާން އަދި ޕީއެސްޖީގެ ކުރީގެ ކުޅުންތެރިޔާ އަށް މި ޝަރަފް ދިނީ، ޔުއެފާގެ ރައީސް ވިދާޅުވި ގޮތުގައި ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި ފުޓްބޯޅަ ކުރިއަރުވަން ކޮށްފައިވާ މަސައްކަތްތަކަށެވެ.

"ފުޓްބޯޅައިގެ އަގުހުރި އެތައް މަސައްކަތްތަކެއް ދުނިޔޭގެ އެކި ސަރަހައްދުގައި އޭނާ ކޮށްފި،" ޗެފެރިން ވިދާޅުވި އެވެ. "ބެކަމް އަކީ ހަަމައެކަނި ފުޓްބޯޅައިގައި ތަފާތު ދެއްކި މީހެއް ނޫން. އޭނާ އަކީ އިންސާނިއްޔަތަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދިން މީހެއް. ބެކަމް އަކީ އޭނާގެ ޖީލުގައި ފުޓްބޯޅައިގެ މިސާލެއް. އޭނާ އަގުވަޒަންކުރުން މުހިއްމު."

ޔުއެފާ އިން ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ މި އަހަރުގެ ރަނަރަޕް ޖަރުމަނުގެ ވޮލްފްސްބާގުގެ ޕެނިލޭ ހާޑާ އެވެ.

ޔުއެފާ އިން 2011 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑްތަކުގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯ ތިން ފަހަރު ހޯދާފައިވާއިރު ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ދެ ފަހަރު ހާސިލްކުރި އެވެ. ދެން ހޯދީ ސްޕެއިނުގެ އަންދްރެސް އިނިއެސްޓާ އާއި ފްރާންސްގެ ފްރޭންކް ރިބެރީ އެވެ.