ތަރައްގީ ގެންނަންވާނީ ފަހަތުގައި ކަންތައްތަކެއް ފޮރުވައިގެނެއް ނޫން: ފައިސަލް
ތަރައްގީ ގެންނަންވާނީ ފަހަތުގައި ކަންތައްތަކެއް ފޮރުވައިގެނެއް ނޫން: ފައިސަލް

ގައުމަށް ތަރައްގީ ގެންނަންވާނީ ފަހަތުގައި ފޮރުވިފައިވާ އެތައް ކަންތައްތަކެއް އޮންނަ ގޮތަކަށް ނޫން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ބ. ދަރަވަންދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ސަރުކާރުގެ ހިޔާނާތުގެ ވާހަކަތަކަކީ ދައްކަން އެހާ ރީތި ވާހަކަތަކެއް ނޫން ކަމަށާއި ނަމަވެސް އެ ވާހަކަތައް ނުދައްކައި ނުތިބެވޭނެ ކަމަށެވެ. އަދި ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ބޭނުން ހިތުހުރި ގޮތަކަށް ހިފާނެ ކަމަށް ބުނެ އަމަލުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެރިންގެ ގޮތުގައި ތިބޭ މީހުން، ނަމޫނާ ދައްކަން ޖެހޭ މީހުން އަބަދުވެސް ދައްކަން ޖެހޭނީ ރީތި ވާހަކަ. ވައްކަންކުރުމަށް ގޮވާލައި ވައްކަންކުރުމަށް ހިތްވަރުދީ އަދި އެޑްވާންސަށް އަނިޔާކޮށް، އެޑްވާންސްކޮށް ވައްކަންކުރަން ހިތްވަރު ދިނުމަކީ، އަޅުގަނޑު ދަންނަވާނީ ގައުމަށް އެންމެ ހެޔޮއެދޭ މީހަކު އަދި ވެރިއަކު ވެސް ދައްކާނެ ވާހަކައެއް ނޫނޭ،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާދަމާ ޒުވާނުންނަށް ގައުމުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ގޯސް ފިލާވަޅުތަކެއް ދެމުން އަންނަ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"ތަރައްގީއަކީ ހުރިހާ އެންމެ ވެސް ބޭނުންވާނެ އެއްޗެއް. ދިވެހި ރައްޔިތުން ވެސް ތަރައްގީ ބޭނުންވޭ. މުޅި ގައުމަށް ވެސް ބޭނުންވޭ. ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ތަރައްގީ ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި ބޮޑުވާ މައްސަލަ އަށް އިޝާރާތްކުރައްވައި ފައިސަލް ވިދާޅުވީ ތަރައްގީ ގެންނަންވާނީ އޭގެ ފަހަތުގައި ފޮރުވިފައިވާ އެތައް ކަންތައްތަކެއް އޮންނަ ގޮތަށް ނޫން ކަމަށެވެ. އަދި ތަރައްގީ ގެންނަން ޖެހޭނީ މުސްތަގުބަލުގެ ޖީލުގެ ބޮލުގައި އެތައް ލައްކަ ރުފިޔާއެއްގެ ދަރަނި އެޅިގެންދާނެ ގޮތަކަށް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަރައްގީ ގައުމުތަކަށް ގެންނަން ޖެހޭނީ ދެ ފުށް ފެންނަ ގޮތަށް. ތަރައްގީ ގެންނައިރު ވިސްނަން އެބަ ޖެހޭ ދިވެހި ސަރުކާރުން ނުވަތަ ތިމަންނާމެން މި ހޭދަކޮށްލަނީ ތިމަންނާގެ އަމިއްލަ ފައިސާއެއް ނޫންކަން،" ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އިޝާރާތްކުރައްވައި ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ހިންގަން ފައިސާ ލިބެނީ ރައްޔިތުންކުރާ ބުރަ މަސައްކަތުގެ މަންފާގެ ތެރެއިން ދައްކާ ޓެކްސް ފައިސާ އާއި ދައުލަތަށް ލިބޭ އާމްދަނީން ކަމަށެވެ. އަދި އެ މަޝްރޫއުތައް ހިންގަންވާނީ ދެ ފުށް ފެންނަ ގޮތަށް، އިސްރާފުނުވާނެ ގޮތަކަށް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.