ލިވަޕޫލް، ޕީއެސްޖީ އަދި ނަޕޯލީ އެއް ގްރޫޕަކަށް
ލިވަޕޫލް، ޕީއެސްޖީ އަދި ނަޕޯލީ އެއް ގްރޫޕަކަށް

މޮނާކޯ (އޮގަސްޓް 30) – މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ރަނަރަޕް އިންގްލެންޑުގެ ލިވަޕޫލާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި އިޓަލީގެ ނަޕޯލީ އަދި ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ލަފާކުރެވޭ ގޮތުގައި މި ފަހަރު މަރުގެ ގްރޫޕުގެ ގޮތުގައި ބެލެވެނީ މި ހަތަރު ޓީމު ނިސްބަތްވާ ގްރޫޕް ސީ އެވެ. މި ގްރޫޕުގައި ހިމެނޭ ލިވަޕޫލް، ޕީއެސްޖީ އަދި ނަޕޯލީ އަކީ އެޓޭކިން ފުޓްބޯޅައިގައި ޔޫރަޕުގައި މި ވަގުތު އެންމެ ފާހަގަކޮށްލެވޭ ތިން ޓީމެވެ. ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ގެނެސް ވަރުގަދަކޮށްފައިވާ ޕީއެސްޖީގައި ނޭމާ އާއި ކީލިއަން އެމްބާޕޭ ތިބިއިރު ލިވަޕޫލުގައި އޮތީ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނިއޯގެ ވަރުގަދަ ފޯވާޑްލައިނެވެ. މުބާރާތުގެ ތަށި ފަސް ފަހަރު ހާސިލްކޮށްފައިވާ ކާލޯ އަންޗެލޮޓީ ކޯޗުކޮށްދޭ ނަޕޯލީ އަކީ ބަލާހިތްވާ ފަދަ ޕާސިން ގިނަ އެޓޭކިން ގޭމެއް ކުޅޭ ޓީމެކެވެ.

ގްރޫޕް ބީ ވެސް ވަރަށް ވަރުގަދަ އެވެ. އެ ގްރޫޕުގައި ހިމެނެނީ މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިނުގެ ބާސެލޯނާ އާއި ތިން ފަހަރު ތަށި ހޯދާފައިވާ އިޓަލީގެ އިންޓަ މިލާނުގެ އިތުރުން އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވެން ހިމެނޭ ގްރޫޕެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މުބާރާތުގައި ވާދަކުރާ އިންޓަ އިން ބާސެލޯނާއާ ދެކޮޅަށް ކުޅޭ ދެ މެޗުގައި، އެ ޓީމުން މި ފަހަރު ގެންނަން އެންމެ މަސައްކަތްކުރި އެއް ކުޅުންތެރިޔާ ކަމަށްވާ އަރުޓޯ ވިޑާލާ ކުރިމަތިލާން ޖެހޭނެ އެވެ.

މިދިޔަ ތިން އަހަރުގެ ޗެމްޕިއަން އަދި ޖުމްލަ 13 ފަހަރު ތަށި ހޯދާފައިވާ ސްޕެއިނުގެ ރެއާލް މެޑްރިޑް ލައްވާލީ އިޓަލީގެ އޭއެސް ރޯމާ އާއި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަދި ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލެޒެންއާ އެކު ގްރޫޕް ޖީ ގަ އެވެ. މީގެ ތެރެއިން ރޯމާ އަކީ މެޑްރިޑުގެ ވާދަވެރި ބާސެލޯނާ މިދިޔަ ސީޒަނުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ކަޓުވާލި ޓީމެވެ.

ޝައުގުވެރި އަނެއް ގްރޫޕަކީ ތިން ފަހަރު ތަށި ހޯދާފައިވާ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޔުވެންޓަސް އަދި ސްޕެއިނުގެ ވެލެންސިއާ އާއި ސްވިޒަލެންޑުގެ ޗެމްޕިއަން ޔަންގް ބޯއިސް ހިމެނޭ ގްރޫޕް އެޗް އެވެ. މެޑްރިޑާ އެކު މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ޔުވެންޓަސްއާ ގުޅި ކުރާ ފުރަތަމަ ތަޖުރިބާގައި އޭނާގެ ކުރީގެ ކްލަބް ޔުނައިޓެޑާ ވާދަކުރަން ޖެހޭނެ އެވެ. އަދި ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އަށް އޭނާ ވިދާލި ޔުވެންޓަސްއާ ބައްދަލުކުރަން ވެސް މިވަނީ ޖެހިފަ އެވެ.

މޮނާކޯގައި މިރޭ ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި ގުރުނަގައިދިނީ އޭސީ މިލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކަކާ އާއި މި ފަހަރުގެ މުބާރާތުގެ ފައިނަލް ކުޅޭ ސްޓޭޑިއަމް ނިސްބަތްވާ އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ފޯވާޑް އުރުގުއޭގެ ޑިއެގޯ ފޯލާނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާނީ އަންނަ މަހުގެ 18 ގަ އެވެ. ދެ ވަނަ ބުރުގެ މެޗުތައް އަންނަ އަހަރުގެ ފެބްރުއަރީ 12 ގައި ފަށާއިރު މެޑްރިޑުގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ ޖޫން 1 ގަ އެވެ.

ގްރޫޕް އޭ: އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)، ބޮރޫޝިއާ ޑޯޓްމަންޑް (ޖަރުމަން)، މޮނާކޯ (ފްރާންސް)، ކްލަބް ބްރުގެސް (ބެލްޖިއަމް).

ގްރޫޕް ބީ: ބާސެލޯނާ (ސްޕެއިން)، ޓޮޓެންހަމް ހޮޓްސްޕާސް (އިންގްލެންޑް)، ޕީއެސްވީ އެއިންދޯވެން (ނެދަލެންޑްސް)، އިންޓަ މިލާން (އިޓަލީ).

ގްރޫޕް ސީ: ޕީއެސްޖީ (ފްރާންސް)، ނަޕޯލީ (އިޓަލީ)، ލިވަޕޫލް (އިންގްލެންޑް)، ރެޑް ސްޓާ ބެލްގްރޭޑް (ސާބިއާ).

ގްރޫޕް ޑީ: ލޮކޮމޯޓިވް މޮސްކޯ (ރަޝިއާ)، ޕޯޓޯ (ޕޯޗުގަލް)، ޝާލްކާ (ޖަރުމަން)، ގަލަތަސަރާއީ (ތުރުކީ).

ގްރޫޕް އީ: ބަޔާން މިއުނިކް (ޖަރުމަން)، ބެންފީކާ (ޕޯޗުގަލް)، އަޔަކްސް (ނެދަލެންޑްސް)، އޭއީކޭ އެތެންސް (ގްރީސް).

ގްރޫޕް އެފް: މެންޗެސްޓާ ސިޓީ (އިންގްލެންޑް)، ޝަކްތާ ޑޮނެސްޓްކް (ޔޫކްރޭން)، އޮލިމްޕިކް ލިޔޯން (ފްރާންސް)، ހޮފެއިންހެމް (ޖަރުމަން).

ގްރޫޕް ޖީ: ރެއާލް މެޑްރިޑް (ސްޕެއިން)، އޭއެސް ރޯމާ (އިޓަލީ)، ސީއެސްކޭއޭ މޮސްކޯ (ރަޝިއާ)، ވިކްޓޯރިއާ ޕްލެޒެން (ޗެކް ރިޕަބްލިކް).

ގްރޫޕް އެޗް: ޔުވެންޓަސް (އިޓަލީ)، މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)، ވެލެންސިއާ (ސްޕެއިން)، ޔަންގް ބޯއިސް (ސްވިޒަލެންޑް).