02 ސެޕްޓެމްބަރ 2018 - 07:16

އެމެރިކާގެ މަޝްހޫރު ކޮފީ ބްރޭންޑް ސްޓާބަކްސްގެ ނަމާއި ލޯގޯ އިންޑިއާގެ ކޮފީ ޗެއިނަކުން ނަކަލުކޮށްފައިވާ ކަމަށް ބުނެ ދައުވާކުރަން ނިންމުމުން، އެ ބްރޭންޑްގެ ނަމާއި ލޯގޯ އަށް ވަގުތީ ގޮތުން ބަދަލު ގެނެސްފި އެވެ.

އިންޑިއާގެ މި ކޮފީ ޗެއިންގެ ނަމަކީ "ސަރްދާރް ބަކްޝް" އެވެ. އަދި އޭގެ ލޯގޯ ހުރީ ސްޓާބަކްސްގައި ފެއްސާއި ހުދު ކުލައިގެ ރޮނގުތަކުން ކުރަހާފައި އިންނަ ބޮލުގައި ތާޖެއް އެޅި މާމެއިޑްގެ ކުރެހުމާ ވައްތަރު ގޮތަކަށް، ފަގުޑި އަޅާފައި ހުންނަ ފިރިހެނެއްގެ މޫނެވެ. އިންޑިއާގައި ސަރްދާރް މި ނަން އާންމުކޮށް ބޭނުންކުރަނީ ފަގުޑި އަޅާ ފިރިހެނުންނަށެވެ.

މި މައްސަލާގައި ސްޓާބަކްސް އިން ވަނީ އެ މީހުންގެ ނަމާއި ލޯގޯ ކޮޕީކޮށްފައިވާ ކަމަށް ބުނެ ދިއްލީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ސަރްދާރް ބަކްޝް އަށް ސްޓާބަކްސް އިން ނޯޓިސް ފޮނުވުމުން އެ ތަނުގެ ނަން މިހާރު ވަނީ "ސަރްދާރްޖީ ބަކްޝް" އަށް ބަދަލުކޮށް؛ ލޯގޯ އަށް ވެސް ވަގުތީ ގޮތުން ބަދަލުތަކެއް ގެނެސްފަ އެވެ. އެކަމަކު އެ ބްރޭންޑުން ބުނީ އެ މީހުން އެހެން ކުންފުންޏެއްގެ ނަމާއި ލޯގޯ ނަކަލު ކުރަން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.
"އަހަރެމެންގެ ބްރޭންޑްގެ އަސްލު ނަމާއި ލޯގޯ އަނބުރާ އިޔާދަކުރަން މަސައްކަތް ކުރާނަން. އެހެން ބައެއްގެ ނަމާއި ލޯގޯ ކޮޕީ ކުރާކަށް މަސައްކަތެއްކޮށްފައެއް ނުވާނެ،" ސަރްދާރް ބަކްޝް ބާނީން ކަމަށްވާ ރޯހިތު ކަމްބޯޖް އާއި ސަންދީޕް ސިންގް ކަރްލާ ބުންޏެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކޮފީ ޗެއިންގެ ފަސް އައުޓްލެޓެއް ދިއްލީގެ އެކި ސަރަހައްދުތަކުގައި މިހާރު ހިދުމަތް ދެމުން އަންނަ އިރު، އިތުރު 30 އައުޓްލެޓެއް ހުޅުވަން ވެސް ވަނީ ނިންމައިފަ އެވެ.
ސްޓާބަކްސް އިން ދި އިކޮނޮމިކް ޓައިމްސް އަށް ބުނި ގޮތުގައި ކިޔާ އިރު އެ މީހުންގެ ނަމާ ވައްތަރުކޮށާއި ފެންނަ އިރު ލޯގޯ ވެސް އެ މީހުންގެ ލޯގޯއާ ވައްތަރުކޮށް ސަރްދާރް ބަކްޝް އިން ހިދުމަތް ދިނުމަކީ ކަސްޓަމަރުންގެ މެދުގައި އޮޅުންތަކެއް އަރާނެ ކަމެކެވެ. އަދި އޭގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ބުނެފައިވެ އެވެ.
ސްޓާބަކްސް އިން އިންޑިއާގެ ކޮފީ ޗެއިނަކަށް އިންޒާރު ދީފައިވާ އިރު، އަވަށްޓެރި ޕާކިސްތާންގައި ސައްތާރްބަކްސްގެ ނަމުގައި ވެސް ކޮފީ ޗެއިނެއް ހިންގަ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު އެމެރިކާގެ ބާގާ ކިންގް އިން ވެސް ވަނީ އެ މީހުންގެ ނަން ނަކަލުކޮށްފައިވާ ކަމަށް ބުނެ އިންޑިއާގެ ލޫދިއާނާ ސްޓޭޓްގެ "މިސްޓަ ސިންގް ބާގާ ކިންގް" ގޮވައިގެން ވެސް ކޯޓަށް ގޮސްފަ އެވެ. އެ މައްސަލާގައި ޖެހުނީ އެ ނަން "މިސްޓަ ސިންގް ފުޑް ކިންގް" އަށް ބަދަލު ކުރާށެވެ.