01 ސެޕްޓެމްބަރ 2018 - 07:12

ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ އަކްޝޭ ކުމާރްގެ އެންމެ ފަހުގެ ފިލްމް "ގޯލްޑް" އަށް އިތުރު ޝަރަފެއް ލިބިއްޖެ އެވެ. މި ފިލްމްވެގެން ގޮސްފައި ވަނީ ސައުދީ އަރަބިއްޔާގައި އެޅުވި ފުރަތަމަ ބޮލީވުޑް ފިލްމަށެވެ.
ބުރާސްފަތި ދުވަހުން ފެށިގެން އެ ގައުމުގެ ސިނަމާތަކުގައި "ގޯލްޑް" ދައްކަން ފެށުމުން އެކަން ފާހަގަކޮށް އަކްޝޭ ވަނީ ޓްވިޓްކޮށް އުފާފާޅުކޮށްފަ އެވެ.
ސައުދީގައި ސިނަމާތައް ބަންދުކޮށްފައި އޮންނަތާ 35 ވަރަކަށް އަހަރު ފަހުން، އަލުން ސިނަމާތައް ހުޅުވައި މުނިފޫހި ފިލުވުމުގެ ހަބަކަށް އެ ގައުމު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
އެ ގައުމުގެ ސިނަމާތައް ހުޅުވުން އިފުތިތާހު ކުރި ފިލްމަކީ މި އަހަރު ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ހޯދި ހޮލީވުޑްގެ ސުޕަހީރޯ ފިލްމް "ބްލެކް ޕެންތާ" އެވެ.
މި މަހުގެ 15 ގައި ރިލީޒް ކުރި "ގޯލްޑް" އަކީ އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުމަށް ފަހު، އޮލިމްޕިކްސްގައި ވާދަކޮށް، ހޮކީން ރަން މެޑެލް ހޯދި ހާދިސާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ރީތާ ކަތުގީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ އަކްޝޭ އާއި ޓީވީ ބަތަލާ މޯނީ ރޯއި އެވެ.
މި ފިލްމް އިންޑިއާ އާއި އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ލިބުނު އާމްދަނީ މިހާރު ވަނީ 145.25 ކްރޯޑް ރުޕީސް އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
ސައުދީގައި "ގޯލްޑް" ދައްކަން ފެށި އިރު، މެދު އިރުމަތީގެ ގައުމުތަކުގެ ތެރެއިން ހިންދީ ފިލްމްތަކުގެ މަގުބޫލުކަން އެންމެ ބޮޑީ ޔޫއޭއީ އާއި އިޒްރޭލްގަ އެވެ.
ސައުދީގެ މާކެޓް ވެސް އިންޑިއާގެ ފިލްމްތަކަށް ހުޅުވުމާ އެކު، މިއީ އެ ގައުމުގެ ފިލްމްތަކުގެ އާމްދަނީ އަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމެކެވެ.